މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނެގޭ ގޮތަށް ވަށައިޖެހޭ ޓެކްސްގެ ނިޒާމެއް ތައާރަފު ކުރާނަން: ގާސިމް
މުއްސަނދިންގެ އަތުން ވެސް އިންކަމް ޓެކްސް ނެގޭނެ ގޮތަށް ވަށައިޖެހޭ ޓެކްސްގެ ނިޒާމެއް ތައާރަފު ކުރައްވާނެ ކަމަށާއި ރާއްޖެ އަށް މިހާރު ލިބޭ 11.5 ބިލިއަންގެ އާމްދަނީ އެ ނިޒާމުގެ ތެރެއިން 20 ބިލިއަނަށް އިތުރު ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ލޯންޗު ކުރުމަށް އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ފުރަތަމަ ފަހަރަށް ކޯޕަރޭޓް ޓެކްސްގެ ބިލެއް އެކުލަވާލީ އޭނާގެ ފިނޭންސް މިނިސްޓަރު ކަމުގައި ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓޫރިޒަމް އިންޑަސްޓްރީން ޓެކްސް ނެގުމާ ދެކޮޅަށް ވިޔަފާރިވެރިން ނުރުހުން ފާޅުކުރުމުން ވެސް ނަޝީދަށް އެހީތެރިވެ ވަޑައިގަތީ އޭނާ ކަމަށް ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭނުންވަނީ ހަމައެކަނި ކޯޕަރޭޓް ޓެކްސް އެކަނި ނެގުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ވަށައިޖެހޭ ޓެކްސްގެ ނިޒާމެއް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަން ކުރާނަން،" ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ބޮޑު އެއް މަހުޖަނު ގާސިމް ވިދާޅުވި އެވެ. މާމިގިލީ ދާއިރާގެ މެމްބަރު ވިދާޅުވި ގޮތުގައި ބަޖެޓްގެ ދަރަނި ކުޑަކުރުމަށް ޓީބިލް ފައިނޭންސް ކުރެވޭނެ އެހެން ގޮތެއް ހޯދަން ޖެހެ އެވެ. ހަމަ އެއާއެކު ފޮރިން އިންވެސްޓްމެންޓް އިތުރު ކުރަން ޖެހޭ ކަމަށާއި ބޭރުގެ އިންވެސްޓަރުންނާއި ދިވެހި އިންވެސްޓަރުންނަށް ވެސް ޔަގީންކަން ހޯދައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. "އަދި އެބޭފުޅުން އެކުރައްވާ [އިންވެސްޓްމަންޓް ތަކަކީ] ސިޔާސީ ބޭފުޅުންނަށް ކުޅި ކުޅިވަރު ނުކުޅެވޭ އެއްޗަކަށް އަޅުގަނޑުމެން ހަދަން ޖެހޭ. އަޅުގަނޑުމެން އެކަން ކުރާނަން،" އުފަން ރަށުގައި ބާއްވާ ޖަލްސާގައި ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް އިންވެސްޓްމެންޓް ބޭންކްތައް ގެންނަވާނެ ކަމަށެވެ. އަދި ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ހިދުމަތް ކޮންމެ ރަށެއްގައި ދިނުމާ އެކު މާލެއެކޭ އެއް އަގެއްގައި އެ ހިދުމަތް ދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އެކި ދާއިރާތަކަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ގާސިމް ވިދާޅުވީ އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމަކީ ވެސް އިސްލާހުކުރަންޖެހިފައިވާ ދާއިރާ އެއް ކަމަށެވެ. ނަމަވެސް، އެ ދާއިރާ އިން އިސްލާހު ކުރަން ޖެހޭ ކަމަކީ ކޮބައިތޯ ދެނެގަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވަން ނިންމެވީ ރައްޔިތުންނަށް އަމާންކަމާ އެކު، ފުދުންތެރި ދިރިއުޅުމެއް އުޅެވޭނެ ގޮތެއް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން، ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި "އާސަންދަ އެއް ހުހެއް ނުވާނެ. ސްޕެއާ ޕާޓްސް ނުލިބިގެން އެއްވެސް މީހަކު ހުންނާކަށް ނުޖެހޭނެ" ކަމަށް ގާސިމް ވިދާޅުވި އެވެ. "ރާއްޖޭގެ ރަށަކަށް އުފަންވީތީ އޭނާ ޕީނަލައިޒް އެއް ނުކުރެވޭނެ. ލާނެއް ވެގެން މިގައުމު ހަލާކު ކުރަން އުޅޭ އެއްވެސް މީހަކަށް މިގައުމުގައި ފުރުސަތެއް ނުލިބޭނެ. ގައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަށް ތިބި ފުލުހުންނަށް ގޯނާ ކުރަން ފުރުސަތެއް ނުދޭނަން. ފަނޑިޔާރުންނާއި އެމީހުންގެ އާއިލާތަކާ ކުޅެ ނުހޮރުއްޕާން ކުރަން މިގައުމުގައި ފުރުސަތެއް ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި އިންތިހާބު ބޯމަތިވާ އިރު ރައްޔިތުންގެ ކުރިމަތީގައި އޮތް ސުވާލަކީ އޭނާ އާއި އޭނާގެ ރަނިން މޭޓް ޑރ. ހަސަން ސައީދަށް ވޯޓް ދޭންވީ ކީއްވެތޯ ކަމަށެވެ. ގާސިމް ވިދާޅުވީ ކަންކަން ކުރެވޭނީ އެކަމެއްގެ ތަޖުރިބާ ހުރި މީހަކަށް ކަމަށާއި އޭނާ އާއި ޑރ. ހަސަނަކީ ގައުމަށް ހިދުމަތް ކުރުމުގައި ތަޖުރިބާގެ ގޮތުން އެހެން ކެންޑިޑޭޓަކާ އަޅާ ނުކިޔޭނެ ދެބޭފުޅުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ