އަލިދު އާއި ކުޑަރަށުގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ދައުލަތުން ހުށަހަޅައިފި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް މޯލްޑިވްސްގެ ދެ ރިސޯޓް ކަމަށްވާ އދ. ކުޑަރަށާއި ހއ. އަލިދޫ އަނބުރާ ސަރުކާރަށް ނެގުމަށް ފޮނުވާފައި ވަނީ ބާތިލް ނޯޓިސްތަކެއް ކަމަށް ކަނޑައަޅައި ދިނުމަށާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 30 މިލިއަން ޑޮލަރު ނަގައިދިނުމަށް އެދި ޔޮޓް ޓުއާސް އިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް މަޝްވަރާތަކަށް ފުރުސަތު ދިނުމަށް ދައުލަތުން އެދިއްޖެ އެވެ ޔޮޓް ޓުއާޒް އިން ދައުލަތުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ މިއަދު އޮތް އަޑުއެހުމުގައި ދައުލަތުގެ ވަކީލާ އާއިޝަތު މުހައްމަދު ވިދާޅުވީ ޔޮޓް ޓުއާސް އިން އެދިފައިވަނީ އަލިދު އާއި ކުޑަރަށުގެ ލީސް އެގްރީމަންޓާއި ނުދައްކައިވާ ކުލި 10 އަހަރަށް ބަހާލައިގެން ދެއްކުމަށް ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ވެފައިވާ އެމެންޑްމެންޓް އެއްބަސްވުން ދެމެހެއްޓުމަށް ކަމަށްވާތީ އެ ކަމާ ބެހޭ ގޮތުން މަޝްވަރާކޮށް ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ދައުލަތުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ ނަމަވެސް ޔޮޓް ޓުއާޒްގެ ވަކީލު އިޝްރާގު ތައުފީގް ވިދާޅުވީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ރަސްމީ ސިފައެއްގައި މަޝްވަރާތަކެއް ކުރާކަން އެނގިފައި ނުވާ ކަމަށެވެ. އަދި 10 އަހަރު ދުވަހަށް ބަހާލައިގެން ކުލި ދައްކާ ގޮތަށް ވެފައިވާ އެއްބަސްވުމެއް ޓޫރިޒަމް މިނިސްޓްރީއާ އެކު ހަދާފައިވީ ނަމަވެސް އެ ފައިސާ އެއްފަހަރާ ހޯދުމަށް މީރާ (މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ) އިން ޔޮޓް ޓުއާޒްގެ މައްޗަށް ދައުވާކުރަމުން އަންނަ ކަމަށާއި ޔޮޓް ޓުއާޒްގެ ދައުވާއަކީ އެ ގެއްލުންތަކުގެ ބަދަލު ހޯދުމަށް ކުރާ ދައުވާއަކަށް ވުމުން އެ ދައުވާ ދެމެހެއްޓުމަށް އެދޭ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. އަދި މައްސަލަތައް ޖެހިގެން އުޅެނީ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ކަމަށްވެފައި މީރާ އިން ވެސް ދައުވާކުރަމުން ދާ ދަނޑިވަޅެއްގައި އަދި ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް މަޝްވަރާތަކެއް ކުރިއަށްދާކަން ރަސްމީ ސިފައެއްގައި އެނގެން ނެތުމުން ދައުވާ ދެމެހެއްޓުމަށް އެދޭ ކަމަށެވެ ޖަވާބުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ މަޝްވަރާކުރަމުން އަންނަނީ މީރާ އާއި ޓޫރިޒަމް މިނިސްޓްރީ އަދި އެޓާނީ ޖެނެރަލްގެ އޮފީސް ވެސް ހިމެނޭ ގޮތަށް ކަމަށާއި އެ ކަމަށް ގޮތެއް ނިމި ޔޮޓް ޓުއާޒް އަށް ވެސް އަންގަންޖެހޭ ހިސާބުން އެކަން އަންގާނެ ކަމަށެވެ ދައުލަތުން އެދުނު ގޮތަށް ދެން އޮންނަ ޝަރީއަތުގެ ކުރިން އެ ކަމަށް ގޮތެއް ނިންމައި ޔޮޓް ޓުއާޒްގެ ދައުވާ އަށް ޖަވާބުދާރީވުމަށް ދައުލަތަށް ގާޒީ ވަނީ ފުރުސަތު ދެއްވައިފަ އެވެ އަލިދޫ އާއި ކުޑަރަށް އަނބުރާ ސަރުކާރަށް ނެގުމަށްޓަކައި އެ ދެ ރަށަށް ނޭރުމަށް އަމުރުކޮށްދިނުމަށް ޔޮޓް ޓުއާޒް އިން އެދުމާ ގުޅިގެން ސިވިލް ކޯޓުން ޖޫން މަހު ވަނީ އެ ގޮތަށް އަމުރު ނެރެފަ އެވެ. އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރުމާ ގުޅިގެން ހައި ކޯޓުން ވެސް ވަނީ އެ އަމުރަށް ތާއީދުކޮށްފަ އެވެ. ކުލި ނުދައްކާ ކަމަށް ބުނެ އަލިދު އަށާއި ކުޑަރަށަށް އެންމެ ފަހުން ނޯޓިސް ދީފައި ވަނީ މި އަހަރުގެ މޭ މަހުގެ މެދު ތެރޭގަ އެވެ. ޔޮޓް ޓުއާސް އަށް އަލިދޫ ކުއްޔަށް ދީފައި ވަނީ 5 މޭ 2005ގަ އެވެ. ކުޑަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 22 އޮކްޓޫބަރު 1988ގަ އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވަނީ ކުޑަރަށާއި އަލިދޫން ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ހަތް މިލިއަން ޑޮލަރު އެބަ އޮތް ކަމަށެވެ. އެ ފައިސާ ނުދައްކައިގެން މި އަހަރުގެ ކުރީކޮޅު ވެސް ސަރުކާރުން ވަނީ އެ ދެ ރިސޯޓަށް ނޯޓިސް ދީފަ އެވެ. ނަމަވެސް އެ ފަހަރު ސަރުކާރާ އެކު ކުރި މަޝްވަރާތަކަށް ފަހު ޓޫރިޒަމް މިނިސްޓްރީން ވަނީ ކުއްޔާއި ޖޫރިމަނާ ނުދައްކާ ރިސޯޓްތަކުން އެ ފައިސާގެ ބައެއް ސަރުކާރަށް ދެއްކުމުން އެ ނޯޓިސް ބާތިލްކޮށްފަ އެވެ. އަދި ބާކީ ހުރި ފައިސާ 10 އަހަރުގެ ތެރޭގައި ބަހާލައިގެން ދެއްކޭ ގޮތަށް ވެސް ވަނީ ލުއިކޮށްދީފަ އެވެ. އެ ލުއި ދީފައި ވަނީ ޖާބިރުގެ ދެ ރިސޯޓްގެ އިތުރުން ގިރާވަރާއި ކިހާދުއްފަރާއި ލ. އަތޮޅުގައި ހިންގާ ސިކްސް ސެންސްގެ ރިސޯޓާއި ތްރީއޭގެ ތިން ރިސޯޓަކަށެވެ. އަލިދޫ އާއި ކުޑަރަށް އަނބުރާ ނެގުމަށް ޓޫރިޒަމުން ދެ ވަނަ ފަހަރަށް ނޯޓިސް ދިނީ ކުލި ދެއްކުމަށް ލުއި ދިނުމުން ވެސް ޖާބިރުގެ ޔޮޓް ޓުއާސްގެ ދެ ރިސޯޓުން ފައިސާ ނުދައްކާ ކަމަށް ބުނެ އެވެ. ނަމަވެސް ހައި ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު ޖާބިރު ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ