އިފުރިންފިރާ

ރާއްޖޭގެ މަސްވެރިކަން ރަނގަޅެއް ނުވިއެވެ. އެކަމަކު، ބޭނޭ މަހުގެ ދެބައިކުޅަ އެއްބައި ސަރުކާރަށް ނަގަމެވެ. މަހުގެ ދެބައި ކުޅަ އެއްބައި އިފުރިންފިރާއަށް ދޭން ޖެހޭތީއެވެ. މަސްވެރިކަން ރަނގަޅު ނުވުމުން އިދިކޮޅު ޕާޓީން ސަރުކާރަށް ހަޖޫ ޖެހިއެވެ. އަހަރެން އަޅައެއްނުލަމެވެ. އިފުރިންފިރާ ރަށަށް ނާރާތީ ރައްޔިތުން ހީކުރީ އިފުރިންފިރާ ކިބައިން ޤައުމު ސަލާމަތްވީ ކަމަށެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މެހެމާންސަރާ ތަޅާލައި، މާލެ އަމާން ވެއްޖެ ކަމަށް އިޢުލާން ކުރުމަކީ އަހަރެންގެ ލަފާގެމަތިން ކުރި ކަމެކެވެ. ޤުރުބާނީ ދިނުމަށް ޓަކައި މަސްބައި ހިފައިގެން ދާ މީހުން ފޮނުވަނީ މާލެ އޮބާ ހިސާބަށެވެ. އެއްބަސް ވެވިފައިވާ ގޮތުން އިފުރިންފިރާ ބައްދަލު ކުރަނީ ކަނޑުމަތިންނެވެ. ޢިލްމުވެރިން ލަފާ ދިން ގޮތުގައި، ކާފަރު ޖިންނީންނަށް އިސްލާމްދީން އުނގަންނައިދިނުމުން އެ ދީން އިޚްތިޔާރު ކޮށްފައި އެބަ ހުއްޓެވެ. އެއީ ވަރަށް އާންމު ކަމެކެވެ. އިފްރިންފިރާއަކީ ވެސް ޖިންނީންގެ އަހުލުވެރިންގެ ތެރޭގައި ހިމެނޭ ވައްތަރަކެވެ. ޖިންނީންގެ އެއްބަޔަކު ލައްވައިފައި ވަނީ ކަނޑުގައެވެ. އިސްލާމް ވެއްޖެ ނަމަ، އިފުރިންފިރާގެ އުނދަގުލުން އުމުރަށް ސަލާމަތް ވެވޭނެއެވެ. ފަހަރެއްގައި، އަހަރުމެންގެ ޤައުމުގެ ފާރަވެރިއަކަށް ވެސް އިފުރިންފިރާ ހެދިދާނެއެވެ. އެ ފުރުޞަތު އަހަރެން ދިނީމެވެ. އެ މަސައްކަތް ވެސް ދިޔައީ ކުރެވެމުންނެވެ. އެ ކަން އެނގޭނީ އެ ކަން ކުރާ މަދު ބަޔަކަށެވެ. އަހަންނަށް ބޮޑުވަޒީރުކަން ލިބުނެވެ. ގަނޑުވަރުގެ މުޑުދާރުކަން ފިލުވައި، މަސްތުގެ ވަބާއިން މިންޖުކޮށް، މިޔުޒިކާއި ނާސިމުޖުރާ ކުރުން ހުއްޓުވީމެވެ. ސިހުރުހާހޫރައަށް ދެވިހިފައިވާ ރައްޔިތުންނަށް ރަނގަޅު މަގު ދައްކަން ޢިލްމުވެރީންނާ ހަވާލު ކުރީމެވެ. ގޮށްމުށުގެ ބާރު ކުރިއަށް ނުނެރި، ނަޞޭހަތާއި އޯގާތެރިކަން ކުރިއަށް ނެރުނީމެވެ. މީހުން އަހަރެންގެ އަޑުއެހިއެވެ. ސިހުރުހާހޫރަޔާ ގުޅުން ހުރި ފޮތްތަކާއި ޑީވީޑީތައް އަންދާލިއެވެ. ޕެން ޑްރައިވްތަކާއި ހާޑް ޑިސްކުތައް ފުހެލިއެވެ. ފުލުހުންނާއި ސިފައިން ފޮނުވައިގެން ގަދަބާރަކުން ނޫނެވެ. އެ ތަކެތީގެ ވެރިންނަށް އަމިއްލައަށް ފެނިގެން، ހިތުންރުހުމުންނެވެ. ތަރައްޤީގެ ދުވެލި މެކުހަށް ޖެހީމެވެ. އިސްލާމީ ހިދާޔަތުގެ އަލިކަން ޤައުމުގެ ހަތަރު ބިތަށް ފަތުރައިލީމެވެ. ވީދި ކުނޑިކުނޑިވަމުންދިޔަ ޢިޖުތިމާއީ ފޭރާން އަލުން އާކޮށް، ރައްޔިތުންގެ އެކުވެރިކަން ބަދަހި ކުރީމެވެ. ކުޅިވަރުން މޮޅުވުމަށް ޓަކައި ފަންޑިތައިގެ ބަދަލުގައި ފަރިތަކުރުމުގެ އާދަ އާއި ބަލިން ފަސޭހަ ވުމަށް ޓަކައި ފަރުވާ ކުރުމުގެ އާދައަށް އަހުލުވެރި ކުރުވީމެވެ. އެއްވެސް ކަމެއްގައި، އެއްވެސް އިރެއްގައި އެންމެން އެއްގަލަކަށް ނާރާނެކަން އަހަންނަށް އެނގެއެވެ. ތިމަތިމާމެން ހިތުހުރިހައި ގޮތަކަށް ކަންކަން ނުކުރެވޭތީ ހާބޮނގަ ކުރި ބަޔަކު ވެސް އުޅުނެވެ. އަހަރެން އަޅައެއްނުލަމެވެ. ޤައުމު ސުންނާފަތި ނުކުރަން ޝަރުތު ކުރުވައިފައި، މިނިވަންކަމާ އެކުގައި ޚިޔާލު ފާޅު ކުރުމަށް ދޫކޮށްލީއެވެ. އަހަރެންގެ ދަރިފުޅަށް ޝަހްޒާދު ދެއްވި އަނިޔާއަށް ފަހުގައި ވެސް މާޔޫސްކަމުގެ ރަޖާ ގައިގައި އޮޅާކަށް އަޒްފާ ބޭނުމެއް ނުވިއެވެ. ޝަހްޒާދަށް އޭގެ ބަދަލު ލިބިވަޑައިގެންފިއެވެ. އަހަރެންގެ ހިތަކު ޝަކުވާއެއް ނެތެވެ. އަހަރުމެން ދެބަފައިންގެ ހިތް ސާފު ކުރީ އަހަރުމެންގެ ހިތަށް ހަމަޖެހުން ހޯދުމަށް ޓަކައެވެ. އަހަރުމެންގެ ދިރިއުޅުމުގެ ކުރިމަގު ބައްޓަން ކުރުމަށް ޓަކައެވެ. އެ ދުވަސްވަރު، އަޒްފާ މާ ގަޔާވާ ފިރިހެނަކާ ދިމާ ވިއެވެ. އެއީ، އެ ފަދަ މީހަކަށް އަޒްފާ ބޭނުންވެފައިވާ ދަނޑިވަޅެކެވެ. އަޒްފާގެ ލޯބިވެރިޔާގެ ޙަޤީޤަތް އެނގޭނީ އަޒްފާއަށެވެ. އަހަރެން އެ ކަމާ އަޅައެއްނުލަމެވެ. އެ މީހާއަށް އަޒްފާ އެކި ފަހަރު ކިޔަނީ އެކި ނަމެވެ. އެއް ފަހަރު އަލިފުޅު ކިޔައިފިއްޔާ އަނެއް ފަހަރު ކިޔަނީ ހަނީބަނީއެވެ. މުހަންމަދާ، ޖުޕިޓާ އާއި ނާފިޒު ކިޔާފައި ގޮވާ އަޑު ވެސް އަހަރެން އަހަމެވެ. އެންމެ ގިނައިން ކިޔަނީ ޏަމްޏަމްއެވެ. އެއީ އިރެއްގައި ރާއްޖޭގައި ހެދުނު ގަހެއްގައި އަޅާ އެއްޗެއް ކަމަށް ވެއެވެ. އަހަންނަށް މުހިންމުވީ އޭނައަށް ކިޔާ ނަމެއް ނޫނެވެ. އޭނަގެ ސަބަބުން އަހަރެންގެ ދަރިފުޅުގެ ހަޔާތަށް ލިބުނު އުފާވެރިކަމެވެ. އެ މީހަކީ ކޮންމެ މީހަކަށް ވިޔަސް، އަހަރެން ދުޢާ ކުރީ އެ މީހަކު އަޒްފާއާ ވަކި ނުވޭތޯއެވެ. ﷲ އިރާދަފުޅުން އެ ދުޢާ އިޖާބަ ކުރެއްވިއެވެ. "ބައްޕާ!" އެއް ދުވަހަކު އަޒްފާ އައިސް ވަރަށް އަދަބުވެރިކަމާ އެކުގައި ބުންޏެވެ. "އަޅުގަނޑު ބޭނުން މުހަންމަދާ މެރީ ކުރަން." އަޒްފާއަކީ ޚުލްޤު ހެޔޮ ކުއްޖެކެވެ. އިންނަން އުޅޭ މީހާއަށް އަޒްފާ އޮޅުވައެއް ނުލާނެއެވެ. ތިމާގެ ހަޔާތުގައި ޖެހިފައިވާ ކަޅު ލައްގަނޑު ފޮރުވައެއް ވެސް ނުލާނެއެވެ. އެ ހުރިހައި ކަމަކާ އެކުގައި ވެސް އަޒްފާއާ ކައިވެނިކުރަން ރުހޭ ފިރިހެނަކު ގޯސް ވެދާނެޔޭ އަހަރެންގެ ހިތެއް ނުބުނެއެވެ. "އެހެންތަ؟ ހިނގާ ތި ކަން ނިންމަމާ ދޯ!" ދަރިފުޅުގެ ބޮލުގައި ފިރުމައިލައިފައި އަހަރެން ބުނީމެވެ. "ކޮބައިތަ އޭނަގެ އަސްލު ނަމަކީ ދަރިފުޅާ؟" އަޒްފާ ހީނގަތެވެ. އެ ފަދަ ކޮންމެ ހިނިތުންވުމަކުން އަހަރެންގެ ހިތަށް ފިނިކަން ގެނެސްދެއެވެ. އަހަރެން އަބަދުވެސް ދެކޭ ގޮތުގައި، ކޮންމެ ވަގުތަކު ވެސް ސަންދޯކުގައި އޮށޯންނަން ޖެހިދާނެއެވެ. އެ ވަގުތެއް އަންނައިރު، އަޒްފާއަށް އެކަނިވެރިކަން އިހުސާސް ވިޔަ ނުދޭނެ ފިރިއެއް ހުންނަން އަހަރެން ވަރަށް ބޭނުމެވެ. "ބައްޕާ!" އަޒްފާ އިތުރަށް ބުންޏެވެ. "އޭނަ ކުޑައިރު ރާއްޖެއަށް އައި ބިންހެލުމެއްގަ އޭނަގެ ފެމެލީ އެއްކޮށް މަރުވެ މުޅި ރަށް މެދުން ބިންދައިގެން ގޮސް އަޑިއަށް ދިޔައީނު. އުފަންދުވަހުގެ ސެޓްފިކެޓާ، އައިޑީ ކާޑާ، ހުރިހާ އެއްޗެއް ގެއްލުނީ. އެހެންވެގެނޭ އޭނައަށް އެކި ނަންނަމުން އަޅުގަނޑު ގޮވަނީ. އަޅުގަނޑު ކުރިން ވެސް ދެންނެވިން..." "ހަނދާން އެބަ ހުއްޓޭ ދަރިފުޅާ!" ސަމާސާ ރާގެއްގައި އަހަރެން ބުނީމެވެ. "އެކަމަކު، ކައިވެނި ކުރުމުގެ ކުރިން އެ ސޮރަށް ނަމެއް ކިޔައި ބަކަރި ކަތިލަން ވާނެއްނު!" އަހަރެން ޚިޔާލުން އެނބުރި އައީމެވެ. މި ރެއަކީ އެ ރެއެވެ. މުޅި މާލެ އަލުން ބިނާކޮށް ނިމުމާއި، އަޒްފާގެ ކައިވެނީގެ ޙަފުލާ ވެސް ބޭއްވޭ ރެއެވެ. އަޒްފާގެ ފިރިމީހާޔާ ބެހޭ ގޮތުން މަޢުލޫމާތުކޮޅެއް ހޯދަން ކުރި މަސައްކަތަށް އެއްވެސް ކާމިޔާބެއް ނުލިބުނެވެ. އެއްވެސް ލިޔެކިޔުމެއް ނެތީއެވެ. އެންމެ ފަހުން އަހަރުމެން ކޮންމެވެސް ނަމެއް އޭނައަށް ދިނީއެވެ. "ބައްޕާ ބައްޕާ!" ކައިވެންޏަށް ތައްޔާރު ކުރި ގަދަ ވިލު ކުލައިގެ ހެދުން ކޮށި ކޮށްލައިގެން އަޒްފާ ދުވަމުން އައެވެ. "ހިންގަވާ ކޭންބައްލަވަން. ބައްޕަ ވަޑައިނުގަންނަވާތީ އެންމެން އެބަ ތިބި މަޑުކޮށްގެން." ދަރިފުޅުގެ އަތުގައި ހިފައިގެން އަހަރެން ހިނގައިގަތީމެވެ. ހިތަށްއެރިއެވެ. އަހަރެންގެ އަނބިމީހާއަށް އަހަރެން ކުރި ވަޢުދު ފުއްދައިފީމެވެ. އޭނަ ދިރި ހުރި ނަމަ ހާދަހާ އުފާވީހެވެ. އަހަރުމެންނަށް ކެއުން ތައްޔާރު ކޮށްފައި އޮތީ ޔާޑްލީ ހޯލުގައެވެ. ފަންސާސް ގޮނޑި ޖަހައިފައިވާ ހުދު ހައިވަކަރު ބޮޑު މޭޒު ފުރިފައި އޮތީ ކެއުމުގެ ތަފާތު ވައްތަރުތަކުންނެވެ. އަހަންނަށް ހުއްޓެވުނެވެ. އަހަރެން ހަނދާންވީ ސަލޯނީއާ އެކުގައި އެ މޭޒުދޮށުގައި އަހަރެން އިންނަން ޖެހުނު ރެއެވެ. އެ ރޭ ވެސް މޭޒުމަތި އޮތީ ފުރިފައެވެ. އެކަމަކު، ހުސް ތަށިތައް އަތުރައިފައި ހުރި ގޮތުން، ކާން އިށީންނާނީ ތިން މީހުންކަން އެނގެއެވެ. މި ރޭ ކޮންމެ ގޮނޑިއެއް ކައިރީގައި ވެސް ހުސް ތަށި ހުއްޓެވެ. އެކަމަކު، ކާން ތިބީ އަޒްފާގެ ދެމަފިރިންނާއި އަހަންނެވެ. އެ ކަމާ މެދު އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. އަހަރުމެންނާ ބައިވެރި ވާން އެހެން ބަޔަކު އަންނަނީބާއެވެ؟ މޭޒާ ދިމާ މަތީގައި އެލުވައިފައި ހުރި ބޮޑު މަންދީލައިގައި ހުރި ކުރިކީލަ ފަތްތަކުން މަޑު މިޔުޒިކެއް ކުޅެވެމުންދިޔައެވެ. ތަޅުންގަނޑުގައި ޖަހައިފައި ހުރި ސަންގުމަރުމަރު ހިލައިގައި ހިފައިފައިވާ ފިނިކަން އަހަރެންގެ ފައިތިލައަށް އިހުސާސް ކުރެވެމުންދިޔައެވެ. އަރައިގެން ހުރި ބޫޓާއި، ލައިގެން ހުރި އިސްޓާކީނުގެ ތެރެއަށް ކުރިން އެ ފިންޏެއް ނުފޭދެއެވެ. ކުޑަދޮރުތައް ހުރީ ހުޅުވައިފައެވެ. ތަނަށް ވަންނަމުންދިޔައީ ފިނި، މަޑު ރޯޅިއެކެވެ. ދޮރުތަކުގައި ދަމާފައި ހުރި ބޮޑެތި ފަރުދާތަކުގައި ވައިރޯޅި ބީހެމުންދިޔައެވެ. ހުރިހާ ފަރުދާއެއް ހުރީ ގަދަ ނޫ ކުލައަށް ބަދަލު ކޮށްފައެވެ. ފަރުދާތައް ހަރުކޮށްފައި ހުރި ޓިނބުލިތަކުން ފެތުރެމުންދިޔަ ގިގުނީގެ އަޑު ކަހަލަ އަޑަށް ވެސް އަހަރެންގެ ސަމާލުކަން ހުއްޓުނެވެ. ކުރިން ސަމާލުކަން ނުހުއްޓޭ ވަރަށެވެ. "ކިހިނެއްތޯ ވީ؟" އަޒްފާ ސުވާލު ކުރިއެވެ. "ކާކު ޚިޔާލަކަށް މި ތަން.." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ. "އަޅުގަނޑުގެ،" އަޒްފާ އުފާވެފައި ބުންޏެވެ. "ރީތި ދެއްތޯ؟" އަޒްފާގެ ފިރިމީހާއަށް އަހަރެން ހިނިތުންވެލީމެވެ. އޭނާ ވެސް ހިނިތުންވެލިއެވެ. ގޮނޑީގައި އަހަރެން އިށީނުމާ އެކު ކެއުމަށް އިންސާފު ކުރަން ފެށުނެވެ. އެހެން ކަމެއް ފާހަގަ ކުރެވުނީ އެ ވަގުތުއެވެ. އެ މޭޒުމަތީގައި، އެއްގަމު މަހުގެ އެއްވެސް ބާވަތެއް ނެތެވެ. އެހެންނަމަވެސް، އެ ޙަފުލާގައި ކުކުޅު މަހުން ފެށިގެން ޖަމަލު މަހަށް ދާންދެން ހުންނާނެއެވެ. "ކޯޗެއްތޯ ތި ހޯއްދަވަނީ؟ ކުކުޅު މަސް ދެއްތޯ؟ ނުހުންނާނެ. އަޅުގަނޑު ބުނިން ނުގެންނާށޭ. މީނައަކަށް މީރެއް ނޫން އެއްގަމު މަހެއް،" ފިރިމީހާއަށް އިޝާރާތް ކޮށްފައި، ސަމާސާ ރާގަކަށް އަޒްފާ ބުންޏެވެ. "މީނަ އުޅެނީ ކަނޑުގައޭ." އަޒްފާގެ ފިރިމީހާ ހީނގަތުމުން އަހަރެން ވެސް އެ ހުނުމުގައި ބައިވެރިވީމެވެ. އެހެން ބަޔަކު ވެސް ބައިވެރިވިހެން އަހަންނަށް ހީވިއެވެ. އަހަރެން ނިންމީ އެއީ ބޭރުން އިވުނު އަޑެއް ކަމަށެވެ. އަޒްފާ ކައިވެނި ކުރި ފަހުން އިތުރު އުފަލެއް ވެސް އަހަންނަށް ލިބުނެވެ. އިފުރިންފިރާ އެރުން ހުއްޓުމެވެ. އެއީ ކިހިނެއް ވީ ކަމެއް ކަމެއް ނޭނގެއެވެ. އެ ކަމުގައި އެންމެންގެ ޚިޔާލު ވެސް އެއްގޮތެވެ. ރަނގަޅު ކަމެއް ވީމައި ދެން ޝުކުރު ކޮށްލައިގެން ތިބީމައި ނިމުނީއެވެ. އަހަންނަށް އެނގޭ ކަމަކީ، އިންސާނުން ޝިކާރަ ކުރަން އިފުރިންފިރާ ދެން އެއްގަމަށް ނާރާނެކަމެވެ. އަރަންޏާ އަރާނީ އެހެން ނަމެއްގައެވެ. އެހެން ސިފައެއްގައެވެ. އެހެން މަޤްޞަދެއްގައެވެ. ނިމުނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ