މަގާމުގެ މުއްދަތު އިތުރު ކޮށްދެއްވުމުން ދޭހަވަނީ ބައިނަލް އަގްވާމީ މުޖުތަމައުގައި އީރާނު ވަރަށް ބޮޑަށް އެކަހެރި ވެފައިވާ ކަން، ކަމަށް އދއިން އީރާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސްޕެޝަލް ރެޕަޓުއަ އޮފް ހިއުމަން ރައިޓްސް އަދި ރާއްޖޭގެ ކުރީގެ ހާރިޖީވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
މަގާމުގެ މުއްދަތު ތިންވަނަ އަހަރަކަށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ފާސް ކުރުމާއި ގުޅިގެން ސީއެންއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ. ޝަހީދު ވިދާޅުވީ، ފާއިތުވި އަހަރުތަކާއި ހިލާފަށް މިއަހަރު ގިނަ ގައުމުތަކަކުން އެމަނިކުފާނު މަގާމުގައި އިތުރު އަހަރަކަށް ބެހެއްޓުމަށް ވޯޓު ދެއްވި ކަމަށެވެ.
އެގޮތުން ފާއިތުވި ދެ އަހަރު ވެސް ޑރ. ޝަހީދު މަގާމުގައި ބެހެއްޓެވުމަށް ފާސް ކޮށްފައިވަނީ 22 ގައުމުގެ ވޯޓާއި އެކުގައެވެ. ނަމަވެސް މިއަހަރު 26 ގައުމަކުން ވަނީ އެމަނިކުފާނުގެ މަގާމުގެ މުއްދަތު ތިންވަނަ އަހަރަކަށް އިތުރު ކުރުމަށް ވޯޓު ދީފައެވެ. މީގެ ކުރިން ނުވަ ގައުމަކުން ޑރ. ޝަހީދާއި ދެކޮޅަށް ވޯޓު ދިން އިރު މިއަހަރު، އެމަނިކްފާނާއި ދެކޮޅަށް ވޯޓު ދީފައިވަނީ އީރާނުގެ އިތުރުން ވެނެޒުއޭލާ އާއި ޕާކިސްތާނުންނެވެ. އަދި 17 ގައުމަކުން ވޯޓުގައި ބައިވެރި ވެފައެއް ނުވެއެވެ.
"ނިސްބަތުން ބަލާއިރު އެހެން އަހަރުތަކަށްވުރެ ވަރަށް ބޮޑު ތަރުހީބެއް ގައުމުތަކުން ވަނީ އަޅުގަނޑު މަގާމުގައި ތިންވަނަ އަހަރަކަށް ބެހެއްޓުމަށް ތާއީދު ކޮށްފައި. އިންޑިއާ ފަދަ ބޮޑެތި ގައުމުތަކުންވެސް މިފަހަރު ވަނީ އަޅުގަނޑު މަގާމުގައި އިތުރު އަހަރަކަށް ބެހެއްޓުމަށް ތާއީދު ކޮށްފައި. އެކަމުން މިހާރު އެބަ ދޭހަވޭ އީރާނު އޮތީ ވަރަށް ބޮޑަށް އެކަހެރި ވެފައި ކަމަށެވެ،" ޑރ. ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު ވިދާޅުވީ މަގާމުގެ މައްސޫލިއްޔަތު އަދާ ކުރެއްވުމުގައި އެންމެ ބޮޑަށް ދަތިވަނީ، އީރާނު ސަރުކާރުގެ އެއްބާރުލުން ނުލިބޭތީ ކަމަށެވެ. ނަމަވެސް އެއީ އާންމުކޮށް ގައުމުތަކަށް އދ. އިން ކަނޑައަޅާ ރެޕަޓުއަ އިންނަށް ދިމާވާ މައްސަލައެއް ކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.
"އީރާނު ސަރުކާރުން އެއްބާރުލުން ނުދިން ނަމަވެސް، އެގައުމުގެ އަނިޔާ ލިބިފައިވާ ވަރަށް ގިނަ ފަރާތްތަކެއްގެ އިންޓަވިއު އަޅުގަނޑު ވާނީ ނަގާފައި. ޖަލުގައި ތިބި ބައެއް މީހުންގެ އިންޓަވިއުވެސް، (ގުޅައިގެން) އަޅުގަނޑު ވާނީ ނަގާފައި. މި ދަންނަވަނީ ވަރަށް ތަފްސީލު، ގަޑި ދެގަޑިއިރަށް ދެމިގެންދާ އިންޓަވިއުތަކެއްގެ ވާހަކަ،" ޑރ. ޝަހީދު ވިދާޅުވިއެވެ.
މަގާމުގެ މުއްދަތު ތިންވަނަ އަހަރަކަށް އިތުރު ކޮށްފައިވާއިރު، ޑރ. ޝަހީދު ވަނީ މި އަހަރު ފެށުނު ފަހުންވެސް އީރާނުގެ އިންސާނީ ހައްގުތަކާއި ބެހޭ ރިޕޯޓެއް އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލަށް ހުށަހަޅާފައެވެ. އެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ ނޫސްވެރިން ޖަލަށް ލާ މައްސަލައާއި ނަސްލީ އަދި ދީނީ ތަފާތު ކުރުންތަކުގެ މައްސަލަތަކުގެ އިތުރުން އަންނަ ޖޫންމަހު އިންތިހާބު ބާއްވަން ހަމަޖެހިފައިވާއިރު އިދިކޮޅު ލީޑަރެއް ކަމަށްވާ މީރް ހުސައިން މުސާވީ ޖަލަށް ލާފައިވާ މައްސަލައެވެ.
"މިދިޔަ އަހަރު އެކަނިވެސް 500 މީހުން ދައްޖައްސައިގެން މަރާފައިވޭ. މީވެސް އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް. މީގެ އިތުރުންވެސް ވަރަށް ގިނަ މައްސަލަތައް ރިޕޯޓުގައި ފާހަގަ ކޮށްފައިވާނެ،" ޑރ. ޝަހީދު ވިދާޅުވިއެވެ.
އދ.ގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވުމާއި އެކު 2011 ވަނަ އަހަރު އީރާނުން ވަނީ އދ. ގެ ރެޕަޓުއަގެ ހައިސިއްޔަތުން އެ ގައުމަށް އެރުން ޑރ. ޝަހީދަށް މަނާ ކޮށްފައެވެ. އީރާނުން ވަނީ ޑރ. ޝަހީދު އެމެރިކާއިން ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް ޑރ. ޝަހީދު ވަނީ އެކަން ދޮގު ކުރައްވާފައެވެ.
މަގާމުގެ މުއްދަތު އިތުރު ކޮށްދިނުމުން ދޭހަވަނީ އީރާނު އެކަހެރި ވެފައިވާ ކަން: ޑރ. ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ