މެމްބަރުންގެ ގޮނޑި ނުގެއްލޭ. ސާފު ޖަވާބެއް ބޭނުން: އިދިކޮޅު

އެންޓިޑިފެކްޝަން ޤާނޫނު ބާތިލް ކުރެވެން ނެތްކަމަށް ސްޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި މަޖިލީހުގެ މެމްބަރުކަން ޖެއްލިފައިވާކަމަށް ބުނާ 12 މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ގޮތެއް ނިންމާފައި ނުވާކަމަށާއި އެ މައްސަލާގައި ސާފު ޖަވާބެއް ބޭނުންވާކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.
ކުނޫޒްގައި ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ 12 މެމްބަރުންގެ ގޮނޑިއާމެދު މިއަދުގެ ހުކުމުގައި ނިންމުމެއް ނިންމާފައި ނުވާކަމަށާއި ނަމަވެސް އެ މައްސަލާގައި ރައްޔިތުން ސާފު ޖަވާބެއް ބޭނުންވާ ކަމުގައެވެ. އަދި މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް އެކެއް ފެބުރުއަރީގައި ސްޕްރީމް ކޯޓުން ނިންމި ނިންމުން އަދިވެސް ދެމި އޮތްކަމަށް އަމީތު ވިދާޅުވިއެވެ.
ސްޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރުގެ ބައިތައް އެކޯޓްގެ ތިން ފަނޑިޔާރުން ފަހުން ބާތިލް ކުރި ނަމަވެސް އަމީތު އިޝާރާތް ކުރެއްވި މެމްބަރުންގެ ބައި ބާތިލްކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ބަޔަށް އަމަލުކުރުން ފަސް ކުރުމުގެ އަމުރެއް ސްޕްރީމް ކޯޓުންވަނީ ނެރެފައެވެ.
މީގެ އިތުރުން ގޮނޑިގެއްލިއްޖެކަމަށް އިލެކްޝަނުން ކަނޑައަޅާފައިވާ މެމްބަރުން ސްޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އެކޯޓުން ބަލައިގަނެވަނީ ރެޖިސްޓްރީވެސް ކޮށްފައެވެ. އަމީތު މިރޭވަނީ އެ މައްސަލާގައި ގޮތެއް ނުނިމި ލަސްވާތީވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންވެސް ވިދާޅުވީ އެންޓިޑިފެކްޝްން ޤާނޫނާއި މެދު ގޮތެއް ނިންމި ނަމަވެސް 12 މެންބަރުންގެ ގޮނޑީގެ މައްސަލައިގައި މިއަދުގެ ހުކުމުގައި ގޮތެއް ނިންމާފައި ނުވާ ކަމުގައެވެ.
މަކުނުދޫ ރާއިރާގެ މެމްބަރު އަނާރާ ނައީމް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްޓިޑިފެލްޝަން ޤާނޫނާއި ގުޅޭގޮތުން ސްޕްރީމްކޯޓުން ނިންމި ނިންމުނުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބާރުތަކާއި އިޚްތިޔާރުތައް ވަރަށްބޮޑަށް ހަނިވެގެން ގޮސްފައިވާ ކަމުގައެވެ.
މީގެ އިތުރުން އެ ނިންމުމުގެ ސަބަބުން ރައްޔިތުން ތަންސީލް ކުރާ ބަޔަކަށްވުރެ ބޮޑަށް މެމްބަރުންނަކީ މިހާރު ޕާޓީތައް ތަމްސީލުކުރާ ބަޔަކަށް ވެގެން ގޮސްފައިވާކަމަށް އަނާރާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ