"ފުލުހަށް ހާޒިރުވި ނަމަ، މަހްލޫފް ނިރުބަވެރިކަމުގެ ދައުވާ އިން ސަލާމަތް ވާނެ"

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ފުލުހަށްގޮސް މި މައުލޫމާތު ދެއްވިނަމަ މި ދައުވާއެއް ނުހިނގާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ވަކީލާ ވިދާޅުވެއްޖެއެވެ.
މަހުލޫފްގެ މައްޗަށް ކޮށްފައި ވަނީ ހިނގާފައި ނުވާކަމެއް ހިނގި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ދިނުމާއިގުޅިގެން ނިރުބަވެރިކަމުގެ ދައުވާ އެވެ. މިއަދުގެ ބޭއްވި މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި މަހުލޫފްގެ ފަރާތުން 3 ވަކީލަކު ވަނީ ކޯޓަށް ވަޑައިގަންފައެވެ.
ދައުވާ އިއްވަމުން ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވިދާޅުވީ މަހުލޫފްގެ މައްޗަށް ނިރުބަވެރިކަމުގެ ދައުވާ އުފުލާފައި ވަނީ ހިނގާފައި ނުވާކަމެއް ހިނގި ކަމެއް ޓްވީޓްކޮށް އެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާތްތަކާއި ހިއްސާކުރުމުން ނެވެ.
މިދިޔަމަހު 12 ވަނަ ދުވަހު މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވަނީ "އޭސީޕީ ޖަމްޝީދް ޑީމޯޓް ކުރަން ނިންމީ އަދީބުއަށް ޒަހަރުދީގެން މަރާލަން އެންގުމުން، އެކަމާ ނޫޅެ އެ މެސެޖް އަދީބުއަށް ރައްދުކުރުމަށް މަސައްކަތްކުރުމުން ކަމަށް އަޑުއިވިއްޖެ. އަދި ޑީމޯޝަން މަޑުޖައްސާލައިފަ އޮތީ އޯޑިޔޯ އެއް ޖަމްޝީދުއަތުގައި އޮތުމުން ކަމަށް ބުނޭ. މިކަން ޕޮލިސް އެމްވީ އިން ސާފުކޮށްދެއްވުމަށް އެދެން." ކަމަށެވެ.
ދައުވާ އިއްވެވުމުން ދިފާއީ ވަކީލު މުހައްމަދު ހައްސާން އަހުމަދު ވިދާޅުވީ ބައެއް ލިޔުންތައް ނުލިބޭ ކަމަށެވެ. އެކަމުގެ ރައްދުގައި ދައުލަތުން ވިދާޅުވީ ނުލިބޭ ލިޔުންތަކުގެ ތެރޭގައި ހިމެނޭނީ ދައުވާ ލިބޭފަރާތުގެ ވަނަވަރާއި، ބަންދުގައި ހުރިކަން އަންގައިދޭ ލިޔުމާއި ގާނޫނީ އިންޒާރު ކަމަށެވެ.
ހައްސާން ވިދާޅުވީ އެ ލިޔުންތަކަކީ މަހުލޫފްއާއި އެއްކޮޅަށް ބޭނުންކުރުމަށް މުހިއްމު ލިޔުންތަކެއް ކަމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލާ ވިދާޅުވީ އެ ލިޔުންތަކަކީ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ހުށައަޅަށްޖެހޭ ހުށައެޅުމެއް ކަމަށާއި ހުށައަޅަންޖެހޭ ހުށައެޅުންތައް ވާނީ ހުށައަޅާފައި ކަމަށެވެ.
ހައްސާން ވިދާޅުވީ އެ ޓްވީޓު ކިޔާލުމުން އެނގިގެންދަނީ މަހުލޫފް އެދިފައި ވަނީ ކަމެއް ސާފުކުރުމަށް ކަމަށާއި އެއީ މައުލޫމާތު ދިނުމެއް ނޫން ކަމަށެވެ. އަދި ޓެރެރިޒަމް ދައުވާ އުފުލުމަށް ހުރިހާ އަސާސެއް ފުރިހަމަ ނުވާކަމަށާއި މިއީ ބާތިލް ކުރަންޖެހޭ ދައުވާއެއް ކަމަށް ތަކުރާރުކޮށް ވަނީ ވިދާޅުވެފައި އެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ މަހުލޫފް ވަނީ ނުހިނގާ ކަމެއް ހިނގިކަމެއްގެ މައުލޫމާތު 80 ހާހައްވުރެ ގިނަ މީހުން ފޮލޮކުރާ ޓްވިޓާ އެކަންޓެއްގައި ޕޮލިސް އެއްވީ ޓެގްކޮށް ލިޔެފައި ކަމަށާއި، މިއީ މައުލޫމާތު ދިނުންކަމަށް ބުނެވޭނެ ކަމަށެވެ. އޭގެ އިތުރުން، ދައުލަތުން ވިދާޅުވީ ދައުވާ ކޮށްފައިވަނީ ޓްވީޓުގެ ފުރަތަމަ ބަޔަށް ނިސްބަތްކޮށް ކަމަށެވެ.
އެކަމަށް ރައްދުދެއްވާ ދިފާއީ ވަކީލު ވިދާޅުވީ މައްސަލައެއް ހުށައަޅަށްޖެހޭނީ ކަމެއްގެ އެއް ބަޔަށް ނޫންކަމަށާއި ޓްވީޓު އެއްކޮށް ކިޔާލުމުން މަހުލޫފް އެދިފައި ވަނީ ކަމެއް ސާފުކޮށްދިނުމަށް ކަމަށް ރީތިކޮށް އެނގޭ ކަމަށެވެ. އޭގެ އިތުރުން ފުލުހަށް މައުލޫމާތު ހުށެއެޅޭ ގޮތްތަކުގެ ތެރޭގައި އިލެކްޓްރޯނިކް ވަސީލަތަކަށް ހިމެނެނީ އީމެއިލް ކުރުން އެކަނި ކަމަށް ހައްސާން ވިދާޅުވިއެވެ.
އޭގެ އިތުރުން މަހުލޫފް ވިދާޅުވީ އެ ޓްވީޓްކުރެއްވީ ވަރަށް އިތުބާރުކުރެވޭ ބޭފުޅަކު އެހެން ވިދާޅުވުމުން އެއީ ސީރިޔަސް މައްސަލައަކަށްވެފައި އެކަން ސާފުކޮށްދިނުމަށް އެދި ކަމަށެވެ. އެގޮތަށް ފުލުހުން ޓެގްކޮށްފައި ވަރަށް ގިނަ ޓްވީޓު ކުރާ ކަމަށާއި މިފަދަ މައްސަލައެއް މިހާތަނަށް ދިމާވެފައި ނުވާކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި ޓްވީޓް ކުރި ވަގުތު ހުންނެވީ ރާއްޖޭން ބޭރުގައި ކަމަށާއި ރާއްޖޭގައި ހުރިނަމަ ފުލުހަށް ދުރުވެ އެ މައްސަލައިިގެ ސުވާލުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެފަދައިން މަހުލޫފް ވިދާޅުވުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ފުލުހަށްގޮސް މި މައުލޫމާތު ދެއްވިނަމަ މި ދައުވާއެއް ނުހިނގާނެ ކަމަށެވެ. އޭގެ އިތުރުނ ރާއްޖޭގެ 20 އިންސައްތަ މީހުން ފޮލޯ ކުރާ އެކަންޓްއަކަށްވެފައި މަޖިލީސް މެންބަރަކު އެހެން ވިދާޅުވުމުން، ކޮމެންޓްތައް ބެލިކަމުގައި ވިޔަސް އެނގިގެންދަނީ ރައްޔިތުން އެކަން ގަބޫލުކޮށް ވާހަކަދައްކާފައި ހުރިކަމަށެވެ. އަދި ފުލުހަށް ޓެގް ކުރުމުން އެ މައުލޫމާތު ފުލުހަށް ހިއްސާކުރަން ބޭނުންވާކަން ހާމަވާކަމަށެވެ.
ދެފަރާތުގެ ވާހަކަތަކަށް ފަހު ޝަރީއަތް ބައްލަވާ ގާޒީ އިބްރާހިމް އަލީ ނިންމެވީ މިއީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ. ދެފަރާތުން ހުށައަޅަންޖެހޭ ހުށައެޅުންތަށް ހުށައެޅުމަށް 5 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ޝަރީއަތް މިއަދަށް ވަނީ ނިންމަވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ