ބޮނބިނަރު އުފައްދާ މެޝިނެއް މެމްބަރު ނަޝީދު ކުޅުދުއްފުއްޓަށް ހަދިޔާކުރައްވައިފި

ބޮނބިނަރު އުފައްދާ މެޝިނެއް ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، އެ ރަށު ކައުންސިލަށް ހަދިޔާކުރައްވައިފި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަބްދުއް ލަތީފު ހަސަން ވިދާޅުވީ، މިދިޔަ ހަފުތާގެ ތެރޭގައި އެ މެޝިން ލިބިފައިވާ ކަމަށެވެ. އަދި އޭތި ބަހައްޓާނެ ތަނެއް ތައްޔާރުކުރަމުން އަންނަ ކަމަށާއި އަންނަ ބުރާސްފަތި ދުވަހު، މެޝިން ބޭނުން ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ބޮނބިނަރު އުފައްދާ މެޝިނެއް ނަޝީދު މި ހަދިޔާކުރެއްވީ، އެ ރަށުގައި ތަރައްގީކުރާ އެއާޕޯޓާއެކު، ފަންގިވިނުމާއި ރޯނު ވެށުމުގެ މަސައްކަތަށް ހީނަރުކަމެއް އަތުވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. މި މެޝިނަކީ ބޮނބި ފާކޮށް އެއިން ބޮނބި ނަރު ހަދާ އެއްޗެކެވެ.
އެއާޕޯޓް ހެދުމަށްޓަކައި ކުޅުދުއްފުށީ ކުޅި އާއި ފަޅުން ވަނީ 15 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ.
މީގެ ކުރިން އެ ރަށުގައި ބޮނބި ފާކުރީ ކުޅީގައި އެ ބޮނބިތައް ވަޅުލައިގެންނެވެ. ނަމަވެސް އެއާޕޯޓު މަޝްރޫއާއެކު، އެ ތަނުގައި އެ މަސައްކަތް ކުރުން ވަނީ ހުއްޓަމަކަށް އައިސްފަ އެވެ. އެހެންވެ އަލަށް ލިބުނު މެޝިންގެ ސަބަބުން ބޮނބި ފާ ކުރަން ފަސޭހަވެގެންދާނެ ކަން ކައުންސިލުން ފާހަގަކުރެއްވި އެވެ.
ކުޅުދުއްފުށީ ކުޅީގައި މިިދިޔަ ނޮވެމްބަރު މަހު އަންހެނަކު ބޮނބި ފާ ކުރުމުގެ މަސައްކަތުގައި.-- ފޮޓޯ: އަހުމަދު ޝައްފާހު / މިހާރު
"މި މެޝިނުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަސައްކަތް ކޮށްލާ. ރަށުގެ ސާފުތާހިރުކަމާއި ފެން ފަށަލައަށް މި ލިބޭ ގެއްލުންތަކާ ތިމާވެށީގެ ގޮތުން ވެސް އެންމެ ރަނގަޅު ގޮތުގައި މިކަން ކުރެވޭނެ ވަސީލަތަކަށް މެޝިން ވެގެންދާނެ،" އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މެޝިން ބޭނުންކުރަން ފަށާއިރުު އެންމެ މެޝިނެއް ހުއްޓަސް އުނދަގުލެއް ދިމާނުވާނެ ކަމަށެވެ. ވިސްނުން ހުރީ އެއަށް ލިބޭ ޑިމާންޑުތަކާ އެއްވަރަށް މެޝިންތައް އިތުރުކުރުންކަން ކައުންސިލުން ފާހަގަކުރި އެވެ.
އެ މެޝިން ދިގުމިނުގައި އަށް ފޫޓު އަދި އުސްމިނުގައި ހައެއްކަ ފޫޓު ހުންނާނެ ކަމަށް ކައުންސިލުން ބުންޏެެވެ.
ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރަން ކުޑަ ފީއެއް ނެގުމުގެ ވިސްނުން ހުރި ކަމަށް ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ