މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ގެއްލުމަކީ އިސްލާމީ ޝަރީއަތުގައި ހިމެނޭ ޒަރޫރީ ހާލަތެއް ނޫން: މަޖީދު

އިންތިޚާބުވާ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޒަރޫރީ ހާލަތެއްގައި ކަމަށް ސުޕްރީމް ކޯޓުން ނިންމި ނަމަވެސް އެއީ އިސްލާމީ ޝަރީއަތުގެ ހާލަތުގައި ހިމެނޭ ކަމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީތަކުން އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަލު ޕާޓީގެ ފައުންޑަ މެމްބަރު އަދި އެމްޑީޕީ ސަރުކާރުގެ އިސްލާމިކް އެފެއާޒް މިނިސްޓަރު މަޖީދު ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ހިމެނެނީ ޒަރޫރީ ފަސް ހާލަތެއް ކަމަށެވެ. އަދި އޭގެ ތެރޭގައި ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުން ނުހިމެނޭ ކަމަށް މަޖީދު ވިދާޅުވި އެވެ.
"އިސްލާމީ ޝަރީއަތުގައި ފަސް މަގުސަދެއް ގެއްލިއްޖެ ނަމަ އެ ހާލަތު [ޒަރޫރީ] އޮންނަނީ. މިއިން ކަމެއް ގެއްލިއްޖެ ހާލަތެއްގައި އެ ހާލަތު ބޭނުން ކުރަން ޖެހޭނީ. މިސާލަކަށް ނަމާދަށް ހުއްޓައި މީހަކު މޫދަށް ގެނބެމުން ދަނިކޮށް ސަލާމަތް ކުރަން ޖެހިއްޖެ ނަމަ ނަމާދު ދޫކޮށްލަން ޖެހޭ. ޒަރޫރީ ހާލަތެއް ކަމަށް ބަލަން ޖެހޭނީ އެފަދަ ހާލަތެއްގައި،" އިސްލާމީ ޝަރީއަތުގައި ހިމެނޭ ޒަރޫރީ ހާލަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެންޓި ޑިފެކްޝަން ގާނޫނު ފާސްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނާ މައްސަލާގައި މަޖިލީހުގެ އިޖުރާއަތްތަކާއި ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފަށެވެ. އަދި އެ ގާނޫނު ފާސްކުރީ ޒަރޫރީ ހާލަތެއްގެ ތެރެއިން ކަމަށް ސުޕްރީމް ކޯޓުން ނިންމި ނަމަވެސް އެއީ އިސްލާމީ ޝަރީއަތުގައި ހިމެނޭ ހާލަތެއް ނޫން ކަމަށް ވިދާޅުވި އެވެ.
"މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ގެއްލުމަކީ އިސްލާމީ ޝަރީއަތުގައި ހިމެނޭ ޒަރޫރީ ހާލަތުގެ ފަސް މަގުސަދުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން. އަދި ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމަކަށް ވާތީ މަޖިލީހުގެ އަގުލަބިއްޔަތު ގެއްލުމަކީ ސަރުކާރު ވެއްޓޭ ހާލަތެއް ނޫން. އެއްވެސް ހާލެއްގައި މި އުޅެނީ ޒަރުރީ ހާލަތެއް ދިމާވެގެނެއް ނޫން،" އިދިކޮޅު ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމާ ބެހޭ ގޮތުން މަޖީދު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ މަގާމާ ހަވާލުވެވަޑައިގަންނަވަނީ ގާނޫނުއަސާސީ އަށް ހުރުމަތްތެރިކޮށް ހިތާނެ ކަމަށް ހުވާ ކުރެއްވުމަށް ފަހު އެވެ. ނަމަވެސް މިހާރު މި ފެންނަނީ އެއާ އިދިކޮޅަށް ކަންތައްތައް ކުރައްވާ ތަން ކަމަށް ވެސް މަޖީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހައްޔަރުކޮށްފައިވާ މައްސަލައާ ބެހޭ ގޮތުން، ދީނީ އިލްމުވެރިޔާ މަޖީދު ވިދާޅުވީ ހައެއްކަ ގަޑިއިރު ވަންދެން ކޯޓުގައި މައުމޫން ބަހައްޓަނީ ކޯޓުން ބޭނުން ވެގެން ކަމަށް އެއްގޮތަކަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.
"މިގޮތަށް މި ކަންތައް ނުކުރަން ވަރަށް ބޮޑަށް ގޮވާލަން. އިންސާފުން ކޮންމެ ކަމެއް ވެސް ކުރަން ޖެހޭނީ. ގާނޫނަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ. ޖަލުގައި ތިބި މީހުން އެކަހެރި ބައްދަލުވުންތައް ދޭން ޖެހޭ. އެ ހުރިހާ ކަމެއް ގުޅެނީ ކެންސަރާ،" މަޖީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ