ސުޕްރީމް ކޯޓުގެ އަމުރު އޮތްގޮތަށް ތަންފީޒް ކޮށްފިނަމަ، ޤާނޫނު އަސާސީގެ ބާރު ކެނޑިގެން ހިނގައިދާނެ- ރައީސް
ސުޕްރީމް ކޯޓުގެ އަމުރު މިހާރު އޮތް ގޮތަށް ތަންފީޒް ކޮށްފިނަމަ، ޤާނޫނު އަސާސީގެ ބާރު ކެނޑިގެން ހިނގައިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ބައެއް ކަންކަން ބާތިލްކޮށްދިނުމަށް އެދި، ވަކިވަކިން އެކޯޓަށް ހުށެހެޅުއްވި 3 ސިޓީފުޅެއްގައެވެ.ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުތަކާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ތިން މައްސަލައެއް އެ އެކޯޓަށް ހުށަހަޅުއްވާފައެވެ. ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގެ ސަބަބުން ފުލުހުން ބަލަމުން ދިޔަ ރިޝަވަތުގެ މައްސަލައެއްގެ ތަހްގީގް ހުއްޓި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޤާނޫނީ ޒިންމާ އަދާ ކުރުމަށް ހުރަސް އެޅިފައިވާ ކަމަށެވެ. މިހާލަތުގައި މިކަމަށް ހައްލެއް ހޯދައިދީ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގައި ވާގޮތުގެ މަތިން ދައުލަތުގެ މުއައްސަސާތައް ހިނގާނެކަން ކަށަވަރު ކުރުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ހ އަދި ނގެ ދަށުން އެމަނިކުފާނަށް މަތި ކޮށްފައިވާ ޒިންމާއަކަށް ވާތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރު ބާތިލް ކޮށްދިނުމަށްވެސް ރައީސް ޔާމީން ވަނީ އެދިވަޑައިގަންނަވާފައެވެ. މިމައްސަލަތައް ސުޕްރީމް ކޯޓަށް ހުށެހެޅުއްވުމަށްފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރު ވިދާޅުވީ، ރައީސް ޔާމީން ސުޕްރީމް ކޯޓަށް އެ މައްސަލަތައް ހުށަހަޅާފައިވަނީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ހ އަދި ނޫނު ގެ ދަށުން އެމަނިކުފާނަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށެވެ. "115 ވަނަ މާއްދާގެ ހގައި މި އޮންނަނީ، މި ޤާނޫނު އަސާސީއާއި ޤާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް ތަންފީޒް ކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫން އަސާސީއާއި ޤާނޫނާއި އެއްގޮތަށް އަމަލު ކުރަން ބާރު އެޅުން... ނ ގައި މި އޮންނަނީ، ޤާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ހައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުން" އާޒިމާ ވިދާޅުވިއެވެ. ސުޕްރީމް ކޯޓުގެ އަމުރުތަކާއި ގުޅިގެން ރައީސް ޔާމީން ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ހުށަހަޅުއްވާފައިވާ މައްސަލަތަކުގެ ތެރޭގައި، ޝަރުޢީ ދާއިރާގެ ހުރިހާ މަރުހަލާއެއް ނިމިފައިވާ ބަޔަކު ދޫކޮށްލުމުން ޤާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ ހަމަހަމަކަށް ބުރޫއަރާނެތީ ޤާނޫނު އަސާސީގެ ދަށުން އެއަމުރު ތަންފީޒު ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން ޤާނޫނު އަސާސީގެ ދަށުން ކަންތައްތައް ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަވައިދެއްވުން އެދޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސްގެ 2ވަނަ ސިޓީފުޅުގައި ވިދާޅުވެފައިވަނީ ޖޭއެސްސީ އަކީ ޤާނޫނު އަސާސީގެ ބާރުގެ ދަށުން އެކުލަވާލާފައިވާ ކޮމިޝަނަކަށް ވާތީ އެކޮމިޝަންގެ މަސައްކަތްތައް ކުރެވޭނެ ގޮތައް ހަމަޖައްސަވާދެއްވާ ކޯޓުގެ އަމުރު ބަދަލުކޮށްދެއްވުން އެދޭ ކަމަށެވެ. އަދި 3 ވަނަ ސިޓީފުޅުގައި، ޑީޖޭއޭގެ އިސްވެރިޔާ ހަސަން ސައީދު ދޫކޮށްލަން ކޮށްފައިވާ އަމުރުގެ ސަބަބުން ފުލުހުންގެ ތަޙްޤީޤަށް ހުރަސް އެޅޭތީ ޤާނޫނު އަސާސީގެ ދަށުން އަދާކުރަން ޖެހޭ ޒިންމާ އަށް ހުރަސް އެޅިފައިވާ ކަމަށް ވިދާޅުވެ، އެއަމުރު ބާތިލްކޮށްދިނުންމަށްވެސް އެދިވަޑައިގެންފައިވެއެވެ.ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު ކުއްލި އަމުރުގައި ބޮޑެތި ޖަލު ހުކުމްތަކެއް އިއްވާފައިވާ ކުށްވެރިން ދޫކޮށްލުމަށް ވަނީ އަމުރުކޮށްފައެވެ. އެބޭފުޅުންގެ ތެރޭގައި ގާޒީ އަކު ވަގަށް ނެގި ކަމުގެ ތުހުމަތުގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމާއި، ޓެރެރިޒަމްގެ ކުށް ސާބިތުވި، އަދާލަތު ޕާޓީގެ ކުރީގެ ރައީސް އިމްރާން އަބްދުﷲއާއި 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްއާއި ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެފައިވާ މީހުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ