ރައީސް ޔާމީން އާއި ވާދަ ކުރުމަކީ ބޮޑު ޗެލެންޖެއް - އުމަރު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންއާ ވާދަކުރެއްވުމަކީ ވަރަށްބޮޑު ޗެލެންޖެއް ކަމަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ ރަނިން ޕްރެޒިޑެންޓަކާ ވާދަކުރެއްވުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި އެއީ ވަރަށްބޮޑު ޗެލެންޖެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެވަގުތަކު ރައީސް ކަމުގައި ހުންނަވާ ބޭފުޅަކަށް ނުވަތަ ސަރުކާރަށް ބަރޯސާވާ މީހުން ވަރަށްގިނަވާނެ ކަމަށެވެ.
"އެވަގުތަކު ހުންނަވާ ރައީސަކާ އިންތިޚާބުގައި ވާދަކުރެއްވުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެކަން އަބަދުވެސް ގަބޫލުކުރަން. އެކަމަކު ކަންކަން ކާމިޔާބު ކުރެވޭނީ ބޮޑެތި ޗެލެންޖުތަކާ ކުރިމަތިލައި ވެއްޓުނަސް ދެވަނަ ފަހަރަށްވެސް އަދި ތިންވަނަ ފަހަރަށްވެސް ތެދުވެގެން " އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ވެއްޓެނީ ކިތައް ފަހަރުތޯ ނުބަލާނެ ކަމަށާއި ނަމަވެސް ކޮޅަށް ތެދުވެވެނީ ކިތައް ފަހަރުތޯ އަބަދުވެސް ބަލާނެ ކަމަށެވެ.
"މި އިންތިޚާބުގައި ވާދަކޮށްގެން ކޮންމެ ނަތީޖާއެއް ނުކުތަސް މައްސަލައެއްނެތް. އަޅުގަނޑު ނުކުންނާނީ އަޅުގަނޑު ގަބޫލުކުރާ ހަމަތަކާއެކު،" އުމަރު ވިދާޅުވިއެވެ.
އުމަރު އިންތިޚާބުގައި ވާދަކުރައްވާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން އުމަރު ފައްޓަވާފައިވާ އިރު ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ކެމްޕެއިން ފައްޓަވައިފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ