ފްލެޓްގެ އިންތިޒާރު: ކަރުނަ އާއި އުއްމީދު!

އަލީ އާދަމް (އަސްލު ނަމެއް ނޫން) އާއެކު އަހަރެން އޭނާގެ ގެއަށް ވަނީމެވެ. އަލީއަށް އެއީ ގެ އެވެ. ނަމަވެސް އަސްލު އެއީ ކޮޓަރިއެކެވެ. ތިން ދަރިންނާއި އަނބިމީހާ، އެ ކުޑަ ކޮޓަރި ތެރޭގައި ތިއްބެވެ. އަތުގައި ލިޔުމެއް އޮތެވެ. ދައުލަތުގެ ނިޝާން އޮތް އެ ލިޔުމަކީ އެ އާއިލާއަށް އުއްމީދުތައް ގެނެސްދިން ފްލެޓް ލިޔުމެވެ. އެކަމަކު އެ ލިޔުމުން މިހާރު އެ އާއިލާއަށް ވެރިކުރުވާފައި އޮތީ މާޔޫސް ކަމެވެ.
ދިހަ ހާހުގެ މުސާރައެއް ލިބޭ އަލީ، ތިން ދަރިންނާއި އަނބިމީހާ ގޮވައިގެން ދިރިއުޅެމުންދާ ކޮޓަރިއަކީ 6500 ރުފިޔާގެ ކުއްޔެއް ދީގެން އުޅެމުންދާ ކޮޓަރިއެކެވެ. އެވަރު ކުއްޔަށް ދީފައި ދަރިންގެ ހަރަދުތައް ބަލަހައްޓާނެ ގޮތަކާމެދު ވިސްނާލާށެވެ. އެމީހުންގެ މުޅި ދިރިއުޅުން ބިނާވެފައި އޮތީ އެތަނަށެވެ. ކެއްކުމާއި ކެއުމާއި ނިދުމާއި ކުޅުމާއި ކިޔެވުން ވެސް އެ ދެ ތިން ފޫޓްގެ ތަންކޮޅުގެ ތެރޭގަ އެވެ.
މި އާއިލާއަކީ ދެކުނުގެ އަތޮޅެއްގެ ރަށަކަށް ނިސްބަތްވާ އާއިލާއެކެވެ. އެމީހުން ރަށުގެ ދިރިއުޅުން ދޫކޮށް މާލެގައި ގަނަތެޅެން މަޖުބޫރުކޮށްފައި ވަނީ ސިސްޓަމެވެ. އަލީގެ ތިން ދަރިންގެ ތެރެއިން އެއް ދަރިއަކީ އޯޓިޒަމް ހުންނަ ކުއްޖެކެވެ. އޭނާއަށް ބޭނުންވާ ތެރަޕީތައް ރަށުގައި ނެތެވެ. ކޮންމެހެން ތެރަޕީ މުހިންމުވާ އެ ކުއްޖާއަށް ކިރިޔާވެސް އެހީތެރިކަމެއް ފޯރުކޮށްދެވެން އޮތީ މާލޭގައި އެ ހާލުގައި ދިރިއުޅިގެންނެވެ.
އެ ކުޑަ ކޮޓަރީގައި އިނދެ، އަލީގެ އަންހެނުން، ހަދީޖާ (އަސްލު ނަމެއް ނޫން) އެމީހުންގެ ދިރިއުޅުމުގެ ވާހަކަތައް އަހަރެންނާ ހިއްސާކުރި އެވެ. މާލޭގެ އެކި ތަންތަނުގައި ދިރިއުޅުމެން ގޮސް، ދަރިން ގޮވައިގެން މިފަހުން މި ދެމަފިރިން ގޮސް ހުސް ވެގެން ރަށަށް ބަދަލުވި އެވެ.
ފްލެޓަށް ފޯމްލީ ވެސް ރަށުގައި އުޅެމުންނެވެ. ފްލެޓްގެ މާބޮޑު އުއްމީދެއް ނެތުމުން ރަށުގައި ދިރިއުޅުން ބިނާކުރަން ވެސް މަސައްކަތް ކުރީ އެވެ. އުއްމީދު އަތުގައި ހިފި އެވެ. ފްލެޓްގެ ލިޔުން ފިރިމީހާގެ ނަން ލިޔެވިގެން އޭނާގެ އަތާ ހަަމައަށް އައީ އެވެ. ފްލެޓް އަވަހަށް ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރު ދިނުމާއެކު އަނެއްކާވެސް މާލެއަށް ބަދަލުވީ އެވެ. ވަރަށް އުއްމީދުގަ އެވެ.
ވޭނުގައިވާ އާއިލާގެ މެންބަރުން އަވަސްގެ ނޫސްވެރިޔަކާއެކު
-- އަވަސް ފޮޓޯ: އާއިމް ޒަމީރު
އަނެއްކާވެސް މާލެ ބަދަލުވީ ދަރިން ރަށު ސްކޫލުން ވަކިކޮށްގެންނެވެ. އެ ދެމަފިރިންގެ ހުރިހާ އުއްމީދަކާއި ހުރިހާ ކަމެއް ހާއްސަ ކޮށްފައި ވަނީ ތިން ދަރިންނަށެވެ. އެކި ތަންތަނުން ދުވަން ޖެހުމާއެކު ދަރިންނަށް ނަފްސާނީ ގޮތުން ވެސް އެކި އަސަރުތައް ދަނީ ކުރަމުންނެވެ. ކިޔެވުމަށް ވެސް ވަނީ ބުރު އަރާފަ އެވެ. ދަރިންގެ ރައްޓެހިންގެ ގެއްލި، ކިޔެވުމަށް އޮންނަ ޝައުގުވެރިކަން ވެސް ކުޑަވާކަން ހަދީޖާ ފާހަގަކުރެ އެވެ. ކުޑަކުޑަ ތަންކޮޅެއްގައި ދިރިއުޅެން ޖެހުމާއެކު އެ އާއިލާ ވަށާލާފައިވަނީ މާޔޫސްކަމާއި ނަފްސާނީ އެކި މައްސަލަތަކެވެ.
"ދޮށީ ދަރިފުޅު މިހާރު އެ އުޅެނީ ގްރޭޑް ހަތެއްގައި، އެކަމަކު އެ ކުއްޖާ މިހާރު ނުވަވަނަ ސްކޫލަށް އެ ދަނީ،" ހަދީޖާގެ ރޯން ފެށި އެވެ. "އަހަރެމެން އެންމެ އުއްމީދު ކުރަނީ އަހަރެމެންގެ ދަރިންނަށް، އެ ކުދިންނަށްޓަކައި ހަމަ،"
"އަނެއްކާ މިހާރު މި ކޮޓަރިން ވެސް ނުކުނަން ޖެހިފައި މި ތިބީ، މިއައީ ވެސް އެހެން ތަނެއް ބަލާފައި، އެ ތަނުގެ ކުއްޔަކީ 7،500 ރުފިޔާ، ކިހިނެއް އެ ވަރު ދީގެން ދަރިންގެ ހަރަދުތައް ބަލަހައްޓާނީ، ދަރިން އެދޭ ކަންކަން ވެސް ފުރިހަމަކޮށް ނުދެވޭ، އެ ކުދިން އެންމެ ކަންކަމަށް އެދޭ އުމުރުގައި އެއްޗެއް ވެސް ގަނެ ނުދެވި ކިރިޔާ ދިރިއުޅެލެވޭވަރު އަހަރެމެންނަށް މިވަނީ،" ރޮއެ، ގިސްލަމުން ހަދީޖާ، އޭނާގެ ވާހަކަތައް ކިޔައިދެމުންދިޔަ އެވެ.
ހަދީޖާ ބުނި ގޮތުގައި، ފްލެޓް ލިޔުން އަދިވެސް ރައްކާކޮށްފައި ބާއްވައިގެން އެ ތިބެނީ އުއްމީދުގަ އެވެ. އެއީ ބޭކާރު އެއްޗަކަށް ނުވާނެ ކަމުގެ އުއްމީދުގަ އެވެ. އެ ލިޔުން ހިފަހައްޓައިގެން އިނދެ އަލީ ވެސް ބުނީ މިހެނެވެ. "މީގައި އެބަ އޮތް ދައުލަތުގެ ނިޝާން، އެހެންވެ މީހުން ބުނޭ މިފަދަ ލިޔުންތައް ބަދަލެއް ނުކުރާނެއޭ، ބާތިލެއް ނުކުރާނެއޭ، އެހެންވެ އުއްމީދު ކަނޑައެއް ނުލަން އަދިވެސް ފްލެޓް ނުލިބޭނެ ކަމަކަށް،"
މި އާއިލާގެ މެންބަރަކު ވާހަކަ ހިއްސާ ކުރުމުގެ ތެރެއިން ރޮނީ
-- އަވަސް ފޮޓޯ: އާއިމް ޒަމީރު
"ފްލެޓް ލިބިއްޖެއާ ކުޑަ ކުއްޔެއްގައި ދަރިން ގޮވައިގެން އުޅެލެވޭވަރު ތަންކޮޅެއް ލިބޭނެ، އެއީ އަދި ކިތަންމެ ކުޑަ ތަނަކަސް މި ކޮޓަރިގަނޑަކަށްވުރެ ރަނގަޅުވާނެ، ދަރިން އެ އެދޭ ކަންކަމާއި އެއްޗެހި ހޯދައިދެވޭނެ،" އެ ދެމަފިރިންގެ ހުރިހާ އުއްމީދެއް ގުޅިފައިވަނީ ހަމަ އެ އެންމެ ފްލެޓާ އެވެ.
ބައްޕަ އާއި މަންމަ، ރޮމުން އަހަރެންނާ ވާހަކަ ދައްކަމުންދިޔައިރު ހަނިހަނި ބެލްކަނީގައި ކުޑަ ދޮރުގައި މޫނު ޖަހައިގެން ކޮޓަރިއާ ދިމާއަށް އެ ތިން ދަރިން ބަލަހައްޓައިގެން ތިއްބެވެ. އެ ކުދިންގެ ލޮލުގައި ވަނީ އުއްމީދެވެ. ހިތުގައި ވަނީ މަންމަ އާއި ބައްޕަ ކުރާ ހިތާމައިގެ އަސަރެވެ. އެ ކުދިންގެ އުއްމީދަކީ ވެސް އަމިއްލަ ފްލެޓްގައި ހިތްހަމަޖެހިލައިގެން ކުޅެލައި ކިޔަވާލެވޭނެ ދުވަހެކެވެ. ގޭމް ކުޅެލެވޭވަރުގެ ފޯނެއް ބައްޕައަށް ގަނެވޭނެ ދުވަހެކެވެ. ރީތި އަންނައުނު ގަނެވޭނެ ދުވަހެކެވެ. ބައްޕަ އަތުގައި ފައިސާ ނުހުންނާނެތީ، އެދޭ އެދުންތައް ހިތުގެ އަޑިއަށް ގަންބާލައިގެން ތިބެން މަޖުބޫރު ނުވާނެ ދުވަހެއް އަވަހަށް އައުމެވެ.
"ބައްޕައަށް ފްލެޓް ލިބުނީ ދޯ! އަހަރެމެން ދެން އުޅެނީ އަމިއްލަ ފްލެޓްގަ ދޯ!"، އަލީގެ ދޮށީ ދަރި، މާލެއަށް ބަދަލުވާން ނިންމުމުން މިކަމާ އުފާކުރި އެވެ. އެކަމަކު، މިހާރު އެ ކުދިންގެ އަބަދުމެ ޝަކުވާއަކީ ފްލެޓް ކޮބައި ހެއްޔެވެ؟ ފްލެޓަށް ދެވޭނީ ކޮން އިރަކުން ހެއްޔޭ އެވެ؟ ދަރިންގެ މި ސުވާލަށް އެ ދެމަފިރިން ތިބެނީ ހަނެވެ. އެ ދެމަފިރިންގެ މި ސުވާލަށް މުޅި ދައުލަތް ވެސް އޮތީ ހަނެވެ. ޖަވާބު ދޭނެ ބައެއް، ޖަވާބު އެނގޭ ބަޔަކު ވެސް ނެތެވެ.
އާއިލާގެ ކުދިން ފްލެޓްގެ ލިޔުން ދައްކާލަނީ
-- އަވަސް ފޮޓޯ: އާއިމް ޒަމީރު
މިދިޔަ ސަރުކާރުން ހިޔާ މަޝްރޫއުގެ ދަށުން ހުޅުވާލި ފުރުސަތުގައި ފޯމް ހުށަހަޅައިގެން، ފްލެޓަށް ހޮވި އެކަމުގެ ލިޔުން މި ދެމަފިރިންނަށް ލިބިފައި އެބަ އޮތެވެ. ނަމަވެސް، އެއީ "ކޮތަރު ކޮށީ" ގެ ނަމުގައި މަޝްހޫރުވެފައިވާ 25 ބުރީގެ ޓަވަރުތައް ހިމެނޭ 7،000 ފްލެޓަކުން ނޫނެވެ. އެ ފްލެޓްތަކުގެ ބޭރުން ކުރީ ސަރުކާރުން އަޅަން އިއުލާންކުރި 2،500 ފްލެޓްގެ ތެރެއިން ފްލެޓެއް މި ދެމަފިރިންނަށް ކަށަވަރުވެފައި އޮތީ އެވެ. އެމީހުންނަށް ލިޔުން ދިންއިރު ފްލެޓްގެ މަސައްކަތް ވެސް ނުފެށެ އެވެ. ނުވިތާކަށް މިހާރުގެ ސަރުކާރަށް އެ ފްލެޓާ ގުޅޭ އެއްވެސް މައުލޫމާތެއް ވެސް އެނގޭ ކަމަކަށް ނުވި އެވެ. އެ 2،500 ފްލެޓަކީ ވެސް 7،000 ފްލެޓްތަކުގެ ތެރެއިން ދީފައި އޮތް އެއްޗެއް ކަމަށް ހީކޮށް މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ވާހަކަ ވެސް ދައްކަވާފައިވެ އެވެ. މުޅިން ވެސް އޮޅުންބޮޅުމެވެ.
- އަވަސް ފޮޓޯ: އާއިމް ޒަމީރު
- އަވަސް ފޮޓޯ: އާއިމް ޒަމީރު
އެ ފްލެޓްތައް ލިބުނު މީހުން އެކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް އަބަދުމެ، އިދާރާތަކަށް ދުވެ، ގުޅަ އެވެ. ނަމަވެސް އެމީހުންނަށް ދޭނެ މައުލޫމާތެއް ވެސް ނުތެވެ. ބުނެދޭނެ އެއްޗެއް އެނގޭ މީހެއް ވެސް ނެތެވެ. ފްލެޓް ކޮމިޓީއިން ވެސް އެމީހުންގެ ކަންކަމެއް އަދި ނުބަލަ އެވެ. މި 2،500 ފްލެޓްތަކަށް ވާގޮތެއް، ވާން އުޅޭ ގޮތެއް، ވާނެ ގޮތެއް ނޭނގޭއިރު މިހެން ކަރުނަ އަޅަން ގައިމު ވެސް 2،500 އާއިލާ ތިބޭނެ އެވެ. ކުރާނީ ކީއް ހެއްޔެވެ؟ އެ އާއިލާތަކަށް އާ ދިރިއުޅެއް ލިބެން އަދި ކިހާ ދުވަހެއް ނަގާނެ ހެއްޔެވެ؟ ނޫންނަމަ އެ ދުވަހެއް އަންނާނެ ހެއްޔެވެ؟
އަލީ އާއި ހަދީޖާގެ ދުނިޔެއިން އަހަރެމެން ނުކުމެގެން އައިއިރު އެ ދެމަފިރިންގެ ލޮލުން ފެނުނީ އެންމެ ކަމެކެވެ. އެމީހުން ކުރަމުންދާ ހިތާމަ އެވެ. ކުރަމުންދާ މިންނެތް އުއްމީދެވެ. ނޫސްވެރިއެއް މެދުވެރިކޮށް ވެސް އެމީހުންގެ ހައްގު ލިބޭނެ ކަމާމެދު ކުރަމުންދާ ޔަގީންކަމެވެ. ހިނިތުންވުމާއެކު އަހަރެމެންނަށް އަލްވަދާއުކީ ނަމަވެސް އެއީ ހަމައެކަނި ބޭރު ފުށުގެ ހިނިތުންވުމެކެވެ. އެ މޫނަށް ހަގީގީ ހިނިތުންވުމެއް ލިބޭނީ މާކްސް ލިބި، ހައްގުވެގެން ކަށަވަރުވި ފްލެޓްގެ ދޮރު ހުޅުވާލެވޭ ދުވަހަކުންނެވެ. އެ ދުވަހަކަށް އަހަރެމެން ވެސް އުއްމީދު ކުރަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ