ޓެކްސީ ސެންޓަރުތަކުގެ އިސްވެރިންނާ ފުލުހުން ބައްދަލުކޮށްފި

މާލެ ސިޓީގެ ޓެކްސީ ސެންޓަރުތަކުގެ އިސްވެރިންނާއެކު ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ އެޕްރީލް މަހުގެ 26 ވަނަ ދުވަހު އިސްކަންދަރު ކޮށީގައި ކަމަށް ފުލުހުން ބުނެއެވެ.
މި ބައްދަލުވުމަކީ ޓެކްސީގެ ހިދުމަތާ ގުޅޭގޮތުން އާއްމުންގެ ބައެއް ޝަކުވާތައް އަންނަމުންދާތީ އެކަންކަން ހައްލުކުރުމަށް މަޝްވަރާ ކުރުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެގޮތުން، ޓެކްސީ ޑްރައިވަރުންނާ ގުޅޭގޮތުން އާއްމުންގެ ފަރާތުން ފުލުހުންނަށް ލިބިފައިވާޝަކުވާތައް ހިއްސާކޮށް އެކަންކަން ހައްލުކުރުމަށް މަޝްވަރާ ކޮށްފައިވެއެވެ.
އޭގެ އިތުރުން، ރަމަޟާން މަހުގައި ޓެކްސީތައް ގަވާއިދާ ހިލާފަށް ޕާކުކުރުމާއި މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގައި ޕާކުކުރަމުންދާތީ އެ ކަންކަން އެގޮތަށް ނުކުރުމަށް ޓެކްސީ ސެންޓަރުތަކުގެ ކިބައިން ފުލުހުން ވަނީ މި ބައްދަލުވުމުގައި އެދިފައެވެ.
މި ބައްދަލުވުމުގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝަހީމާއި، ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އިލްޔާސް އަބްދުﷲއާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ތަލްހަތު އަހުމަދުގެ އިތުރުން ޓެކްސީ ސެންޓަރުތަކުގެ ވެރިން ބައިވެރިވި ކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ