ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ސަރުކާރުން ހޯދާފައިވާ ކާމިޔާބީތައް: މައުމޫން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށް މިއަދު ދެއަހަރު ވެގެންދިޔައިރު ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ކާމިޔާބު ހޯދާފައިވާ މަންޒަރު ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ މި ސަރުކާރަށް ދެ އަހަރުވުމާއި ގުޅިގެން މިއަދު ނެރުއްވި ބަޔާނެއްގަ އެވެ.
މައުމޫންގެ ބަޔާނުގައި ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރުގައި ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ އުފާވެރި މަންޒަރުތަކާއި ތަރައްގީގެ ރޮނގުގައި ހާސިލްކޮށްފައިވާ ނަތީޖާތައް ކަމަށެވެ.
މައުމޫން ވިދާޅުވީ ރައީސް ޔާމިނަކީ ރައްޔިިތުންނަށް ކަންތައްތަކެއް ކޮށްދެއްވުމަށް މެނިފެސްޓޯއަކާއި އެކު ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން މެނިފެސްޓޯގައިވާ ވައުދުތައް ފުއްދަވައިދެއްވުމަށް ރައީސް ޔާމިން ގެންދަވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ކަމުގައިވެސް ވިދާޅުވި އެވެ.
"ހާއްސަ ގޮތެއްގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފަސޭހަކަމާއެކު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެއްވުމަށް އެމަނިކުފާނާއި ސަރުކާރުން ވަރަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާ ކާމިޔާބީ ހޯއްދަވާފައިވާކަން ފާހަގަކުރަން،" ބަޔާނުގައިވެ އެވެ.
ރައީސް މައުމޫން ވިދާޅުވީ މިސަރުކާރަކީ ޕީޕީއެމްއަށް ނިސްބަތްވާ ސަރުކާރަށް ވުމަކީ އެމަނިކުފާނަށާއި ޕާޓީއަށް ލިބޭ ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ކުރިއެރުމާއި ހެވާއި ލާބައަށް ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ޕީޕީއެމްގެ މެންބަރުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ