ނުރަނގަޅު ގޮތުގައި އެންޓިބަޔޮޓިކް!

އެނގިވަޑައިގަންނަވާނެފަދައިން މި އޭޕްރީލް މަހުގެ ހަތްވަނަ ދުވަހަކީ ދުނިޔޭގެ ސިއްހަތު ދުވަހެވެ. މިދުވަހާއި ގުޅޭގޮތުން ކަނޑައެޅުނު ޝިއާރުގައި ބަލާލެވިފައި ވަނީ "އެންޓިބައެޓިކް" ފަދަ ޖަރާސީމް އާއި ދެކޮޅަށް ބޭނުން ކުރެވޭ ބައެއް ބޭސްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުން ލިބިދާނެ ބޮޑެތިގެއްލުން ތަކުގެ މައްޗަށެވެ. މިކަމުގެ ސަބަބުން އެއްވެސް ބޭހަކަށް ނުގުޑާ ބައެއްބަލިތައް ދުނިޔޭގައި ނުރައްކާތެރި ދަރަޖަ އަކަށް އާންމު ވަމުންދާ ވާހަކައިގެ މައްޗަށެވެ.
މިވާހަކަތަކަށް މިހާ މުހިންމު ކަމެއް ދެވިގެން ދުނިޔޭގެ ފެންވަރުގައި މި ވާހަކަ ދެކެވެމުންދާ ދުވަސްވަރެއްގައި އަޅުގަނޑާއި ދިމާވި ބައެއްކަހަލަ ހާދިސާތައް ތިޔަބޭފުޅުންނާއި ހިއްސާ ކޮށްލުމަކީ ރަނގަޅު ކަމެއްކަމުގައި ދެކެމެވެ. އެންމެ ފުރަތަމަ ހަދާނަށް އައީ އަޅުގަނޑު ރާއްޖެއިން ބޭރުގައި ކިޔަވަން ހުރިއިރު ރަށްފުށު ހިސާބެއްގައި ހުރި ހެލްތް ސެންޓަރެއްގައި ދެހަފްތާއެއްހާ ދުވަހު މަސައްކަތް ކުރިއިރު ފެނުނު ކަމެއްގެވާހަކައެވެ. އެއީ ފުދޭވަރަކަށް އެތެރޭގައި ގިނައިން ފަގީރު މީހުން އުޅޭހިސާބެއްގައި ހުރިތަނަކަށް ވުމުން އެހިސާބުގެ ގިނަމީހުން ބޭސްހޯދަން އަންނަނީ އެތަނަށެވެ. އެކަމަކު އެތާގައި ހުރިހާކަމަކަށް ފަރުވާ ކުރަން ބޭނުން ކުރެވެނީ ވިއްސަކަށް ބޭހެވެ. "އެންޓިބައެޓިކް" އަކަށް ބޭނުން ކުރެވެނީ ހަމަ އެކަނި "ސެޕްޓްރަން" ނަމަކަށް ކިޔާބޭހެކެވެ. ނަމަވެސް ކޮންމެ މީހަކަށް ގިނަވެގެން ލިބެނީ 3 ދުވަހުގެ ބޭހެވެ. ފަސޭހަ ނުވިޔަސް ކުރާނެކަމެއް ނެތެވެ. އެހާގިނަ މީހުން ހިލޭބޭސް ހޯދަން އަންނަ ތަނަކަށް ވެފައި ބޭސްކޮޅު ލިބޭލެއް މަދުކަމުން މިނޫން ގޮތެއް ނެތީކަމުގައި އެތާ ހުންނެވި ހެލްތް ވޯކަރު ވިދާޅުވިއެވެ. ބޭސް ބޭހަށް ހޭނުމަށް މިއަށްވުރެވަކި ރަނގަޅު ފުރުސަތެއް ޖަރާސީމަށް ލިބޭނެތޯއެވެ.
އާދެ އަދިވެސް ދިމާވި އެހެންހާދިސާއެއްގެ ވާހަކަ ދަންނަވާލާނަމެވެ. އެއީ އަޅުގަޑު ކޮލެޖްގެ މެޑިކަލް ވާޑް ގައި އުޅުނު ދުވަސް ވަރެވެ. އެހޮސްޕިޓަލަކީ ހިލޭ ބޭސް ކުރެވޭ ތަނެއް ކަމުން ހޮސްޕިޓަލުން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވެއެވެ. އެފަހަރު ވީގޮތަކީ ވަރަށް ގިނަ މީހުން އާދަޔާ ޚިލާފަށް ބަލިވާން ފެށީއެވެ. އެއީ އެކިކަހަލަ ކަންތައްތަކަށް އެނދުމަތިވެ "އެންޓިބައެޓިކް" ގެ ފަރުވާ ދެވެމުން ދިޔަމީހުންނެވެ. ނަމަވެސް އެދެވޭ ނަތީޖާއެއް ނުލިބި ދިއުމުން ހޮސްޕިޓަލުން ހެދި ގޮތަކީ ބޭނުން ކުރަމުން ދިޔަ ބޭސްތައް ޓެސްޓް ކުރީ އެވެ. ނަތީޖާ ލިބުނުއިރު ކަމަކުދާކަށް ނެތެވެ. "އެންޓި ބައެޓިކޭ" ކިޔައިގެން ގެނެވިފައި ހުރި ބޭސް ތަކުގައި އެންޓިބައެޓިކް ހުރީ ވަރަށް ކުޑަ މިންވަރަކަށެވެ. ހުންނަން ވީވަރުގެ ގާތްގަނޑަކަށް 15 ޕަސެންޓަށް ވުރެ ވެސް ކުޑަ މިންވަރަކަށެވެ. މިއީ ވެސް ޖަރާސީމަށް މިކަހަލަ ބޭހަށް ހޭނުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
ކޮލެޖްގައި ކިޔަވަން އުޅުނުއިރު އަތަށް އަންގި ލައްވައި މާސްކް އަޅައި ވަރަށް ރައްކާތެރިވެގެން ވަދެއުޅުނު ވާޑެއްގެ ވާހަކަ ވެސް ދަންނަވާލާނަމެވެ. އެއީ އެއްވެސް ބޭހަކަށް ނުގުޑާ ޓީ.ބީ ގެ ބަލިމީހުން ތިބޭވާޑެވެ. މިތަނުގައި ވަރަށް ޒުވާން އުމުރުގެ މީހުން ވެސް ތިއްބެވެ. އޭރު އެތާ ހުންނެވި ޕްރޮފެސަރު ވިދާޅުވިގޮތުގައި މިއީ މަރުގެ ހުކުމް ކުރެވިފައި ތިބިކަހަލަ ބަޔެކެވެ. ދެވޭނޭ ބޭސް ތަކެއް ނެތުމުން ފަހުވަގުތުގެ އިންތިޒާރުގައި ތިބިބަޔެކެވެ.
އާދެ މިހާރު މިއިވެނީ ރާއްޖޭގައި ވެސް މިކަހަލަ ބަލިމީހުން އުޅޭވާހަކައެވެ. މިކަމުގެ ބޮޑުކަމާއި ނުރައްކާތެރިކަން ވަޒަންކުރެވޭ ހަމަ ކޮންމެމީހެއްގެ ގައިން ހީބިހި ނަގާކަހަލަ ބިރުވެރި ވާހަކައެކެވެ.
އަޅުގަނޑު ކިޔަވާނިމި ރާއްޖެ އައިސް ރާއްޖެތެރޭގެ ރަށެއްގެ ހެލްތް ސެންޓަރަށް ގޮސްހުރި އިރު ދިމާވި ކަމެއްގެ ވާހަކަ ވެސް ދަންނަވާލާނަމެވެ. އެއްދުވަހު އަޅުގަޑު އޯޕީޑީ ގައި އިންދާ ޚަބަރު ލިބުނީ ކައިރި ރަށަކުން ވަރަށް ބަލިމީހަކު ގެނެސް އެޑްމިޓް ކުރެވުނުވާހަކަ އެވެ. އަޅުގަނޑު ގޮސް ބެލިއިރު އެއީ މުސްކުޅިފުރައިގެ އަންހެނެކެވެ. އޮތީ ގަދައަށް ހުން އައިސް ތަންދޮރު ނޭނގޭ ވަރުވެފައެވެ. އޭނާގެ އެހެނިހެން ކަންތައްތަކަށް ބެލިބެލުމުގައި މިއީ "ޓައިފޮއިޑް" ހުން ޖެހިގެން އައިމީހެއް ކަމަށް އަޅުގަނޑަށްހީވެ މިކަމަށް އޭރު އެންމެ ގިނައިން ދޭ ބޭސް ކަމުގައިވާ" ސިޕްރޯފްލޮކްސަސިން" އިންޖެކްޝަން ދޭންފަށައިފީމެވެ. ނަމަވެސް 24 ގަޑިއިރު ވީ އިރުވެސް އެއްވެސް ބަދަލެއް ނައިސް މީހާގެ ހާލު ހައްތަހާ ދަށަށް ދާން ފަށައިފިއެވެ. ދެން އެރަށުގައި ހުންނެވި ޑޮކްޓަރު އެއްދުވަހުގެ ޗުއްޓީ އަށްފަހު އެނބުރި ވަޑައި ގަތުމުން އަޅުގަނޑު އޭނާ އަށް މިވާހަކަ ދެންނެވުމުން ފުރަތަމަވެސް އެއްސެވީ އަޅުގަނޑުދިން "އެންޓިބައެޓިކް" ގެ ވާހަކަ އެވެ. އަޅުގަޑު "ސިޕްރޯފްލޮކްސަސިން" ގެ ވާހަކަ ދެންނެވުމުން ވިދާޅުވީ އެހިސާބުގަނޑު ގައި އުޅޭ "ޓައިފޮއިޑް" އެބޭހަށް ނުގުޑާވާހަކަ އާއި "ކްލަރަމްފެނިކޯލް" ކިޔާބޭހެއް ލަސްނުކޮށް ފެށުމުގެ މުހިންމުކަމުގެ ވާހަކަ އެވެ. މިބޭހަކީ އޭރު އާންމުކޮށް ބޭނުން ކުރެވޭ ބޭހެއްނޫނެވެ. އެއަށްވުރެ ނުރައްކާތެރިކަން ހަށިގަނޑަށް ކުޑަ އެހެން ބޭސްތައް ލިބެން ހުންނާތީ އެވެ. އަޅުގަނޑު އެވިދާޅުވި ގޮތަށްއަވަހަށް ހަދައި އެދުވަހު ހަވީރު ބަލިމީހާ އަށް މިބޭސް ދޭން ފަށައިފީމެވެ. އޭރު ބަލިމީހާގެ ހާލުދެރަކަމުން ހީވަނީ ދެން މާގިނައިރު ތަކެއްވާންދެން ދުނިޔޭގައި ނުވެސް އޮންނާނެ ހެންނެވެ. ނަމަވެސް އަނެއްދުވަހު ހެނދުނު އަޅުގަނޑު ވާޑަށް ގޮސްބެލި އިރު އެއްކަލަ ބަލި ދައްތަ އިނީތެދުވެ ހެނދުނުގެ ނާސްތާ ކުރާށެވެ. ޖަރާސީމާއި ގުޅޭ ބޭހެއް އެވަގުތު ނުލިބުނު ނަމަ އެމީހާގެ ފުރާނަ ސަލާމަތް ކުރުމަކީ ކުރެވޭނެ ކަމެއްތޯއެވެެ.
ދާދި ފަހުން ދިމާވި ވާހަކަ އެއްވެސް ހިއްސާ ކޮށްލާނަމެވެ. ވަރަށް ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން ޅަފަތުގައި ކަރުނަ ވަޅު ބެދުމަކީ ބައެއް ކުޑަކުދީންނަށް ދިމާވާ ކަމެކެވެ. މިހެން ދިމާވެ ލޮލުގައި ވަރަށް ގަދަޔަށް މަޑުލައި އެއްވެސް ބޭހަކަށް ނުގުޑި ކުއްޖެއްގެ ރިޕޯޓް އަޅުގަނޑު ބެލި އިރު ރާއްޖޭ ގައި ލިބެން ހުރި ލޮލަށް އަޅާ ހުރިހާ އެންޓިބައެޓިކަކަށް އެކުއްޖާގެ ލޯހުރީ ހޭނިފައެވެ. ގުޑާ ހުރީ ހަމަ އެންމެބޭހެކެވެ. އެއީ ރާއްޖެއިން މިވަގުތު ލިބެން ހުރި ބޭހެއް ނޫނެވެ. މިހެން ދިމާވާން މެދުވެރިވަނީ ކީއްވެގެންތޯއެވެ. އެންޓިބައެޓިކް ބޭނުންކުރަން ނުޖެހޭ ހާލަތުތަކުގައި ބޭނުން ކުރެވުމާއި، ބޭނުން ކުރަންވީ ވަރަށް ވުރެ ކުޑަ ޑޯޒެއްގައި ބޭނުން ކުރެވުމެވެ.
އާދެ މިހެން ދިމާވާން މެދުވެރިވަނީ ސަބަބުތަކެއްނެތި އެއްނޫނެވެ. މުޅި މުޖުތަމައުގެ ޒިންމާ މިކަމުގައި ވެއެވެ. އާންމުންގެ ގިނަބޭފުޅުން ބައްލަވަނީ ފަސޭހަގޮތަށެވެ. ކިރިޔާ އަރިދަފުސް ކޮޅެއް ޖެހޭ އިރަށް އެންޓިބައެޓިކް ފަރީކުޅުއްވާ ބޭފުޅުން މަދެއްނޫނެވެ. މިގޮތަށް ބޭހެއް ފަރީ ކުޅުއްވަން ބޭނުން ވުމުން އެންމެ ކައިރި ފާމަސީ އަކަށް ގޮސް "ރަނގަޅު އެންޓިބައެޓިކެއް ދީބަލާށޭ ގަދައަށް އަރިދަފުސް އަޅާފައޭ" ބުނުމުން އެކަން އެއޮތީ ހަމަޖެހިފައެވެ. ސުވާލަކީ މިއީ ކޮންމެހެން އެންޓިބައެޓިކް އެއް ފަރީކުޅުއްވަން ޖެހޭ ކަހަލަ ކަމެއްތޯއެވެ؟ އަދި ވަރަށް ގިނަފަހަރު މިފަދަ ބޭސް ބޭނުން ކުރަންޖެހޭ ހާލަތު ތަކުގައިވެސް ޑޯޒް ފުރިހަމަ ކުރެއްވުމެއް ނެތި ކިރިޔާ ރަނގަޅު ވެލާހެން ހީވާ އިރަށް ބޭސް ހުއްޓާލެވޭތަން އައުމެވެ. ނުވަތަ ބޭސްބޭނުން ކުރައްވާ ވަގުތަށް ފަރުވާކުޑަކުރައްވާ ގަވައިދުން ގަޑި އަށް ބޭސް ބޭނުން ނުކުރެއްވުމެވެ.
ދެން ތިއްބެވީ މިކަމުގައި ވަރަށް މުހިންމުރޯލެއް އަދާކުރެއްވޭނެ ސިއްހީ އެހީތެރިންނެވެ. ވަރަށް ފަހުން ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހެއްދެވި ދިރާސާ އަކުން އެނގުނު ގޮތުގައި ބައެއް ކުލިނިކް ތަކުގައި ތިއްބަވާ ޑޮކްޓަރުންގެ ބޭސް ސިޓީގެ 50 ޕަސެންޓަށް ވުރެ ގިނަ ބޭހަކީ އެންޓިބައެޓިކް އެކެވެ. ސުވާލަކީ މިއީ ހަމަދޭން ޖެހިގެން ލިޔެވުނު ބޭސް ތަކެއް ބާވައެވެ؟
ދެން އޮތީ ބޭސް އުފައްދާ ކުންފުނިތަކުން ބައެއް ބޭސް ތައް ވިއްކުމަށް ކުރާ ބޮޑެތި މަސައްކަތް ތަކުގެ ވާހަކަ އެވެ. އަވައްޓެރި ގައުމުތަކާއި ޚިލާފަށް ރާއްޖޭގައި މިކަން ފުޅާ ދާއިރާ އެއްގައި ނުކުރެވުނެއް ކަމަކު ބޭސްވިއްކާ ކުންފުނިތަކުގެ މީހުން ރާއްޖެ އަށް ކުރިއަށް ވުރެ ގިނައިން ޒިޔާރަތް ކުރާކަން ފާހަގަ ކުރެވެއެވެ. ނުގަވައިދުން ބޭސް ވިއްކާތަންތަނާއި ދެކޮޅަށް ސަރުކާރުން ވެސް މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމަކީ އެންމެނަށް ފައިދާ ކުރާނެކަމެއްކަން ކަށަވަރެވެ.
ބޭހަށް ނުގުޑާ ޖަރާސީމް އާއި ގުޅޭ އެންމެ ކަންބޮޑު ވާންޖެހޭ ކަހަލަ ވާހަކަ އެއް މިފަހުން އިވި ދުނިޔޭގެ ސަމާލުކަން މިކަމަށް ހުއްޓުނީ އޯގަސްޓް 2010 ގައި ދުނިޔެއަށް މަޝްހޫރު ސިއްހީ ދިރާސާއާއި މައުލޫމާތު ލިޔެވޭ މަޖައްލާ އެއްކަމުގައިވާ "ދި ލެންސެޓް" ގައި ޝާއިރު ކުރެވުނު ޚަބަރަކާއި ގުޅިގެންނެވެ. މި ޚަބަރުގައި ވާ ގޮތުން ވަރަށް ފަހުން އިންޑިއާ އިން ފެނުނު ޖަރާސީމެއް ކަމުގައިވާ "ސުޕަރ ބަގް" އަކީ ކުޑަކަމު ދިއުމުގެ ނިޒާމަށް ހަމަލާ ދޭ އަދި ލޭވިހަ ކުރާ ޖަރާސީ މެކެވެ. މިއީ މިހާތަނަށް ބޭނުން ކުރެވޭ އެންމެ މިހާރުގެ އެންމެބާރުގަދަ "އެންޓިބައެޓިކް" ތަކަށް ވެސް ގުޑާ ޖަރާސީމެއް ނޫނެވެ. މިޖަރާސީމު މީހެއްގެ ހަށިގަނޑަށް ހަމަލާ ދީފިނަމަ އޭނާ ސަލާމަތް ކުރުމަކީ މިހާތަނަށް ކުރެވުނު ކަމެއްނޫނެވެ.
އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް އެންޓިބައެޓިކް ފަދަ ބޭސްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން އިންތިހާ އަށް ބޮޑުވެފައިވާ މިފަދަ ދުވަސްވަރެއްގައި މިކަން ކަން ރަނގަޅު ކޮށް ހަމަ މަގަށް އެޅުވުމަށް ހުރިހާ އެންމެން އަތުކުރި އޮޅާލަމާ ހިންގަވާށެވެ. އާދެ މި އަހަރުގެ ސިއްހަތު ދުވަހުގެ ޝިއާރުގައި ވާ ފަދައިން މިއަދު އަޅުގަނޑުމެން ނުކުރި ކަމެއްގެ ފަރުވާ މާދަމާ ލިބޭނެ ކަމަށް ނުބައްލަވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ