އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ބޭނުންވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކަމަށާއި އެ ފުރުސަތު ނުލިބިއްޖެ ނަމަ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު މިއަދު ވިދާޅުވީ އޭނާ ބޭނުން ވަނީ ޖޭޕީގެ ޓިކެޓުގައި ވާދަ ކުރައްވަން ކަމަށާއި ނަމަވެސް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެ ޕާޓީ އިން އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. ޖޭޕީ އިން ޕްރައިމެރީއެއް ބާއްވައިފި ނަމަ އޭގައި ވާދަ ކުރައްވާނެ ކަމަށާއި އެ ފުރުސަތު ނުލިބިއްޖެ ނަމަ މިނިވަން ކެންޑިޑޭޓެއް ގޮތުގައި ވެސް ވާދަ ކުރައްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
"ފުރަތަމަ މަސައްކަތް ކުރާނީ ޖޭޕީގެ ތެރެއިން އިންތިހާބަކަށް ދެވޭތޯ، އެ ނޫނީ މިނިވަންކޮށް އަޅުގަނޑު ވާދަ ކުރާނަން،" އުމަރު ވިދާޅުވި އެވެ.
އުމަރު މިހެން ވިދާޅުވި ނަމަވެސް އިދިކޮޅު އިއްތިހާދުގައި ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ޖޭޕީ އިން ވަނީ އިދިކޮޅު އެއް ކެނޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ. އެގޮތުން އެއް ކެންޑިޑޭޓެއްގެ ސަރުކާރެއްގައި ހުންނަން ޖެހޭނެ ކަމަށް ޖޭޕީ އިން ގަބޫލު ކުރާ އަސާސްތައް ހިމެނޭ މެނިފެސްޓޯއެއް ހެދުމުގެ މަސައްކަތް ވެސް އެ ޕާޓީ އިން ވަނީ ފަށައިފަ އެވެ.
ނަމަވެސް މިދިޔަ އަހަރު ޑިސެމްބަރު ޖޭޕީއާ ގުޅިވަޑައިގެން އުމަރު ވަނީ އޭނާ އެމްޑީޕީއާއެކު މަސައްކަތް ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އެހެން ޕާޓީތަކަށް ގުލާނުކުރުން ހުއްޓާލަން ޖެހޭނެ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ. އޭރު އުމަރު ވިދާޅުވީ އޭނާ މަސައްކަތް ކުރާނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ވާދަ ކުރެވޭނެ މާހައުލެއް ގާއިމް ކުރުމުގެ މަސައްކަތް ކަމަށެވެ.
ނަމަވެސް 1 ފެބްރުއަރީގެ އަމުރު ސަަރުކާރުން ބާތިލު ކުރުމުން އުމަރު އަލުން ވަނީ އޭނާގެ ކެމްޕެއިން ފައްޓަވައިފަ އެވެ. އެގޮތުން އުމަރު މިހާރު ވަނީ އަމިއްލަ މެނިފެސްޓޯއެއްގެ މަސައްކަތް ފަށައި އެއަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ވެސް ހުޅުވާލައިފަ އެވެ. އޭނާ ކެމްޕެއިންގެ އެކި ވާހަކަތަކާއި ވައުދުތަކުގެ ވާހަކަތައް އަދި ހާމަ ކުރައްމުން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަންޏެވެ.
އިންތިހާބަށް ތައްޔާރުވަމުން އަންނަ އިރު އިލެކްޝަން ކޮމިޝަން އިން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ނުވަތަ އޮކްޓޯބަރު މަހުގެ ކުރީކޮޅު އިންތިހާބު ބާއްވާށެވެ.
ބޭނުމީ ޖޭޕީގެ ޓިކެޓު، ނޫނީ މިނިވަންކޮށް ވާދަ ކުރާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ