މިހަފްތާގައި ބޭންކުތައް ހުޅުވާނީ އާދީއްތަ އަދި ހޯމަ ދުވަހު އެކަނި

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ މިހަފްތާގައި އެމްއެމްއޭ އާއި ބޭންކުތައް ހުޅުވާނީ 2 ދުވަހު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭ އިން ބުނީ ފެށޭ ހަފްތާގައި ޒަރޫރީ ބޭންކިންގް ޚިދުމަތްތައް ދިނުމަށް އެ އޮތޯރިޓީ އާއި ބޭންކުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 19 ވާ އާދީއްތަ ދުވަހާއި 20 ވާ ހޯމަދުވަހު އެކަނި ކަމަށެވެ. މިގޮތުން އެމްއެމްއޭ ހުޅުވާފައި ހުންނާނީ ހެދުނު 9:30 އިން މެންދުރު 12:30 އަށް ކަމަށާ އެއޮތޯރިޓީ ހުޅުވި ނަމަވެސް މިދުވަސްތަކުގައި އާންމުންނަށް ޚިދުމަތް ނުދޭނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
މި ދެދުވަހު ބޭންކުތަކުން ފޯރުކޮށްދޭ ޒަރޫރީ ޚިދުމަތްތަކުގެ ތެރޭގައި ޓީޓީ ހެދުން، ކުންފުނިތަކުން މުވައްޒަފުންނަށް މުސާރަ ދިނުމަށް ހަދާ އޭސީއެޗް / އާރްޓީޖީއެސް ޕޭމަންޓުތައް ހެދުން، ލެޓަރ އޮފް ކްރެޑިޓްގެ ޚިދުމަތް އަދި ރާއްޖޭންބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތްތައް ހިމެނެއެވެ.
މި ޚިދުމަތްތައް ހޯއްދެވުމަށް ބޭންކުތަކަށް ވަޑައިގަތުމުގެ ބަދަލުގައި، އެ ޚިދުމަތަކަށް އެދޭ ފޯމް ނުވަތަ ރިކުއެސްޓު އެ ބޭންކަކުން ހަމަޖައްސާފައިވާ ގޮތަކަށް އޮންލައިންކޮށް ފޮނުއްވުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ.
މި ފިޔަވަޅުތަކަކީ ލޮކްޑައުން ހާލަތުގައި ގައިދުރުކަން ދެމެހެއްޓުމަށްޓަކައި މުހިއްމު ކަންތައްތައް ކަމުން، މިކަމުގައި އާންމުންގެ އެއްބާރުލުން ދިނުން މުހިންމު ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ