ވަގުތު ރިވިއު: އިންސާނާ

ދިވެހި ފިލްމެއް އެޅުވުމުގެ ކުރިން އެއީ ތަފާތު ފިލްމެކޭ، ނިކަން މޮޅުވާނޭ، ފިލްމު ފެށިގެން ނިމެންދެން ނޭވާ ހިފަހައްޓާލައިގެން އިންނަން ޖެހޭނޭ، އުޑުން ތަރިބާލުވަދޭނަމޭ، އަލަގަހުން ކެޔޮނިރު ފަޅާނޭ ނުކިޔާ ހަމަ އެންމެ ފިލްމެއްވެސް މި ރާއްޖެއަކު އުފައްދާފައެއް ނެތެވެ. އެހެންކަމުން 'އިންސާނާ' ބަލަން ދިޔައީވެސް ދެކެވުނު ހުރިހާ ވާހަކައަކަށް ބީރު ކަންފަތެއް ދިނުމަށްފަހު، މިއީ މޮޅު ފިލްމަކަށް ވެދާނެ ކަމުގެ މާބޮޑު އުއްމީދެއް އޮވެގެނެއް ނޫނެވެ.
ކުޑަ ޕްރިމިއަރ ހަފްލާއަކަށްފަހު ފިލްމު ފެށުމާއެކު މިއީ ހަމަ ގައިމުވެސް ތަފާތު ފިލްމެއްކަން ޔަޤީންވިއެވެ. ދިވެހި އެހެން ފިލްމުތަކާއި މި ފިލްމުގެ ފެށުން ތަފާތުވުމުންނެވެ.
ފިލްމު ފެށިގެން ދިޔައިރު އިހުސާސްވީ ހޮލީވުޑް ނުވަތަ ބޮލީވުޑްގެ މޮޅު ފިލްމެއް ބަލަން އިދެވުނު ފަދައިންނެވެ. އިނގެރޭސި ފިލްމުތައް ފެށިގެން އަންނައިރު މޯގަން ފްރީމަން، އަދި ހިންދީ ފިލްމެއް ފެށިގެން އަންނައިރު އަމިތާބް ބައްޗަން ފަދަ މީހަކު ކޮށްދީފައި އެހުންނަ ފަދަ ނެރޭޝަން އަކާއިއެކު މި ފިލްމު ފެށިގެން ދިޔައީ އަޙްމަދު ނިމާލްގެ ވަރުގަދަ އަޑުން ދިވެހި މުޖުތަމަޢުގެ އަނދިރި ފަރާތް ހާމަކޮށްދެމުންނެވެ. މި އިންޓްރޯ މީ ކޮންމެ ދިވެއްސަކުވެސް ބަލާލުން މަޖުބޫރު އިންޓްރޯ އެކެވެ. ޤައުމީ ޓީވީން ޚަބަރު ގަޑީގައި ގެނެސްދޭހާވެސް ފުރިހަމައެވެ.
އެހިސާބުން ފެށިގެން މިއީ އެބުނާ ކަހަލަ 'އެޖް އޮފް ދަ ސީޓް' ގައި ބެލުންތެރިޔާ ބައިންދާނެ މޮޅު ފިލްމެއް ކަމާއި މެދު އޮތް ޝައްކު ފިލަން ފެށިއެވެ.
ފިލްމުގެ ޓައިޓަލްސް ފެނިގެން ދިޔައީވެސް އެފަދަ ގޮތަކަށެވެ. ޒަމާނީ ރަހަތަކެއް އެކުލެވިގެންނެވެ. ޑްރޯން ޝޮޓްތަކަކުން ރީތި މަންޒަރުތަކެއް ދައްކަމުންދިޔައިރު ހާސަރު ބޮޑު ކުރުމެއް ނެތި، ވަރަށް އާދައިގެ ގޮތަކަށް ފިލްމުގެ ޓީމުގައި ހިމެނޭ އެކި ފަރާތްތަކުގެ ނަންތައް އަރުވަމުން ދިޔައިރު މި ހުރިހާ ކަމެއް ގުޅުވާ، އެއްކޮށްފައިވާ ގޮތުގެ ފުރިހަމަކަމާއިމެދު ދިޔައީ ހިތާހިތުން ތަޢުރީފު ކުރަމުންނެވެ.
މި ފިލްމަކީ އަދިވެސް ޝޯތަކެއް ދެއްކުމަށް ހަމަޖެހިފައިވާ ފިލްމެއް ކަމުން ފިލްމުގެ މުޅި ވާހަކަ މިތާ ބަޔާން ކުރާކަށް ނެތީމެވެ. ނަމަވެސް ފިލްމުގައި ވާނުވާ ކުޑަކޮށް ފާހަގަ ކޮށްލާނަމެވެ.
ޖުމްލަ ގޮތެއްގައި މި ފިލްމުގައި ފެނިގެން ދަނީ، ވަގު ބިޓެއް ގެންގުޅޭ، މަސައްކަތަށް ފަރުވާ ކުޑަ، އަމިއްލަ އަނބިމީހާ އާއި ދަރިފުޅަށް މާބޮޑަށް އަޅާނުލާ ފިރިއެކެވެ. ރުޅި ގަދަ މީހެކެވެ. ރުޅި ކޮންޓްރޯލް ކުރަން ނޭނގޭ މީހެކެވެ. މި ބައި ކުޅެދީފައިވަނީ މި ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަންއެވެ. ނޭވާ ހިފަހައްޓާލަން ޖެހޭ ފަދަ ސީން ތަކެއްގެ ތެރެއިން ސީޒަން ޤާތިލަކަށް ވެގެން ދެއެވެ. އެހިސާބުން ފިލްމު ކުރިޔަށް ގެންދަނީ ސީޒަންއަށް ނަފްސާނީ ގޮތުން ދިމާވާ ކަންތައްތަކެއްގެ ތެރޭގައެވެ.
ފިލްމުގެ ޑައިރެކްޝަނަށް ބަލާލާއިރު، މި ފިލްމުގައި މިވެނި ހިސާބަކުން ޑައިރެކްޝަން ކަމުނުދެޔޭ ބުނެލާނެ އެއްވެސް ހިސާބެއް ނެތެވެ. ސީޒަން އާއި ފިލްމުގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުން މަސައްކަތް ކުރި ރިޝްމީ ކޮށްފައި އެވަނީ ވަރަށް ފުރިހަމަ މަސައްކަތެކެވެ.
މި ފިލްމަކީ އިނގެރޭސި ވާހަކައަކަށް އުފައްދާފައިވާ ފިލްމެއް ކަމަށްވެސް ވަނީ ވާހަކަ ދެކެވިފައެވެ. އަދި މިއީ އިނގެރޭސި ކުރު ފިލްމު 'ޓެލް' ގެ ކޮޕީ އެއް ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ، ނަމަވެސް ސީޒަން މި ފިލްމު ސިފަކުރަނީ އިނގިރޭސި ވާހަކައެއްގެ އަސްލަށް ލިޔެފައިވާ ދިވެހި ވާހަކައަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއްގެ ގޮތުގައެވެ. ކޮޕީއަކަށް، ނުވަތަ ކޮޕީ ވާހައެއްގެ އަސްލަށް އުފައްދާފައި އޮތް ފިލްމަކަށްވިޔަސް މި ފިލްމުގެ ސްޓޯރީލައިން މޮޅެވެ. އާމިރު ސަލީމް މި ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވާލެއްވެސް ނިކަން ފުރިހަމައެވެ.
އެކްޓިންގ އަށް ބަލާއިރު މި ފިލްމުގައި ވަކިވަކި އެކްޓަރުންނަށް ފާޑު ކިޔޭ ވަރުގެ ފުރުޞަތެއް ދީފައެއް ނެތެވެ. ކޮންމެ އެކްޓަރެއްވެސް ވަނީ ހަވާލު ކުރެވިފައިވާ ރޯލު އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުޅެދީފައެވެ. މުޅި ފިލްމު އެ އެކްޓަރެއްގެ ވަށައިގެން ބިނާވެފައިވާ ސީޒަން މި ފިލްމުގައި ދައްކައިދީފައިވަނީ އޭނާގެ ފިލްމީ ހަޔާތުގައިވެސް ދައްކައިދީފައި ނުވާ ފެންވަރުގެ ރަނގަޅު އެކްޓިންގ އެކެވެ. އަދި ހަމަ މިއާއި އެކު ރިޝްމީގެ އެކްޓިންގ ފާހަގަ ކުރެވެއެވެ. ޚާއްސަކޮށް، މަރުވުމަށްފަހު ރިޝްމީގެ މޫނުމަތިން ފެނިގެންދިޔަ އަސަރަކީ ހީބިހި ނަގައިގެންދާ ވަރު ކަމެކެވެ.
މި ފިލްމަކީ ލަވައެއް ހިމެނޭ ފިލްމަކަށް ނުވުމުން ފިލްމުގެ މިއުޒިކަށް ފާޑުކިޔެން އޮތީ ފިލްމުގެ ބެކް މިއުޒިކާއި ޕްރޮމޯ ލަވައަށް ބަލާފައެވެ. ޕްރޮމޯ ލަވައިގެ މިއުޒިކް ފުރިހަމަ ވާހަކަ ފިލްމު އެޅުވުމުގެ ކުރިންވެސް ގިނަ ފަރާތްތަކަކުން ވަނީ ދައްކާފައެވެ. ދެން އޮތީ ފިލްމުގެ ބެކްމިއުޒިކެވެ. މި މަސައްކަތް މުޙައްމަދު އިކްރާމް ކޮށްދީފައި އެވަނީ މިރާއްޖޭގައި އެކަން ކުރެވޭނެ އެންމެ މަތީ ފެނަވަރުގައެވެ. އެހެންކަމުން އިކްރާމްގެ މިއުޒިކަށްވެސް ހަމަ 'ތަމްބްސް އަޕް' އެކެވެ.
އެހެނިހެން ކަންކަމަށް ބަލާއިރު ކެމެރިކާ ކުރުމުގައި ގެންގުޅެފައި ހުރި އުކުޅުތައް ފާހަގަ ކުރެވެއެވެ. ބޭނުން ކޮށްފައިވާ އޭންގަލް ތަކާއި، ޝޮޓަށް ޑެޕްތު ދިނުމުގެ ގޮތުން ބޭނުންކޮށްފައިވާ ލޭޔަރިން ޓެކްނިކްތަށް ވަރަށް ރަނގަޅެވެ. ފިލްމުގެ އެޑިޓިންގެ މަސައްކަތްވެސް ރަނގަޅެވެ.
މި ފިލްމަކީ މޮޅު ފިލްމެކެވެ. ނަމަވެސް މި ފިލްމުން ފާހަގަވި ކަމުނުދިޔަ، އަދި އޮޅުން އެރި ދެތިން ކަމެއްވެސް ލިޔެލާނަމެވެ. ފިލްމުގައި ދައްކައިދޭ ޗައިލްޑް އާޓިސްޓް ޤުރުއާން ކިޔަވާ މަންޒަރަކީ މީގެން އެއް މަންޒަރެވެ. މި މަންޒަރުގައި ޑަބިން ދިމާ ނުވަނީކަމެއް، އޮލިންޕަހުގެ ސައުންޑް ސިސްޓަމްގެ ހާލަތުން ހީވި ގޮތްކަމެއް ނޭނގެއެވެ. މި ސީންގައި 'އޮޑު' ގޮތެއް ހުއްޓެވެ. އަނެއް ކަމަކީ ރިޝްމީ މަރުވުމާ، ރިޝްމީ ހޯދަން ފަރީލާ ރިޝްމީގެ ގެއަށް ދިއުމާއި ދޭތެރޭގައި ވާ ކަންތައްތަކަށް ބަލާއިރު 'ވިއްސަކަށް' މިނެޓަށް ވުރެ ގިނަ އިރު ވާނެކަން ޔަޤީންވުމެވެ.
ފިލްމާއި، ފިލްމުގެ ޕްރޮމޯ ލަވަ ކިތަންމެ ފުރިހަމަ ނަމަވެސް ފިލްމުގެ ޕޯސްޓަރަށް މާ ބޮޑަށް ތަޢުރީފެއް ކުރެވޭކަށް ނެތެވެ. ޕޯސްޓަރުގެ ކޮންސެޕްޓް ކިތަންމެ 'ސަޅި' ނަމަވެސް އޭގައި ކޮށްފައިވާ ގްރެފިކްސް މަސައްކަތުގެ 'ފޭކު' ކަމުން ޕޯސްޓަރުގެ ރީތިކަން ވަނީ ގެއްލިފައެވެ. އަދި އެއްވާހަކައެވެ. ފިލްމުގައި ފަރީލާގެ ކެރެކްޓަރ އަށް ބަދިގެ ތެރޭގައި ކުރަން އިނގޭހާވެސް ކަމަކީ ބިސްގަނޑު އެޅުން ހެއްޔެވެ؟ (ދެތިކި ޕީ)
ޖުމްލަގޮތެއްގައި މި ފިލްމަކީ މިހާތަނަށް ދިވެހި ބޮޑޮ ސްކްރީނަށް އައި އެންމެ މޮޅު އެއް ފިލްމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ހަމަ ގައިމުވެސް ފޫހިވެގެން ފޯނަށް ބަލާލާނެ އެންމެ ވަގުތު ކޮޅެއްވެސް ނުލިބުނެވެ. މި ފިލްމު ބަލަން އިންނަށް ޖެހުނީ ހަމަ 'އެޖް އޮފް ދަ ސީޓް' ގައެވެ.
'ވަގުތު' ގެ ފަރާތުން 'އިންސާނާ' އަށް ފަސްތަރިން ހަތަރު ތަރިއާއި ބައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ