އައްޑޫ ސިޓީގައި 1500 ހައުސިން ޔުނިޓް އަޅަން ނިންމައިފި

އައްޑޫ ސިޓީގައި 1500 ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ހިތަދޫ އަދި ހުޅުދޫގައި ސަރުކާރުން އަޅާފައިވާ ހައުސިން ޔުނިޓްތައް ބައްލަވާލެއްވުމަށް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ހައުސިން މިނިސްޓަރު ވިދާޅުވީ ފަސް އަހަރު ތެރޭގައި މި ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ 20،000 ހައުސިން ޔުނިޓްގެ ތެރެއިން 5،000 ހައުސިން ޔުނިޓް އެޅުމަށް ހަތަރު މަސް ދުވަހުގެ ތެރޭގައި ސޮއިކުރުމަށް ފްރޭމްވޯކް އެގްރިމަންޓުގައި އިއްޔެ ސޮއިކޮށްފައިވާ ކަމުގައެވެ. އޭގެ ތެރެއިން 1500 ގެ އެޅުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް މި ހައުސިން ޔުނިޓްތަކާއި ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ހާމައެއް ނުކުރައްވައެވެ. ކައުންސިލާއެކު ބޭއްވި މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މާލެ ތޮއްޖެހުން ހުއްޓުވައި ސަރަަހައްދީ ތަރައްގީއަށް މަސައްކަތްކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައެވެ. އަދި އެކަމަށްޓަކައި އައްޑޫ ސިޓީ ހިމެނޭ ސަރަހައްދުގައި 5.3 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އާތިފާ ވިދާޅުވީ ހިތަދޫ އަދި ހުޅުދޫގައި މިހާރު ނިމިފައިވާ ހައުސިން ޔުނިޓްތަކަށް ބޭނުންވާ ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތްތައް ގުޅުމަށްޓަކައި ފެނަކައާއި ވާހަކަ ދެކެވި، މަސައްކަތް ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި ދެމަހެއްހާ ދުވަސްތެރޭ އެމަސައްކަތްތައް ނިމޭނެ ކަމަށް ލަފާކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ގެދޮރުގެ މައްސަލަތައް ހައްލުކުރުމަށް "ފަހި ދިރިއުޅުން ކޯޕަރޭޝަން" ގެ ނަމުގައި ގެދޮރުވެރިކަމާ ބެހޭ ކުންފުންޏެއް ސަރުކާރުން އުފައްދަވާފައިވާ ކަމަށާއި ރާއްޖެއަށް ކުރިމަތިވެފައިވާ ގެދޮރުގެ މައްސަލަތައް މި ކުންފުނީގެ ދަށުން ހައްލުކުރެވިގެންދާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އައްޑޫ ސިޓީގައި ހައުސިން މަޝްރޫއުތަކެއް ވަނީ ހިންގާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ސަރުކާރުގައި 25 ހައުސިން ޔުނިޓް އަދި ރައީސް ޔާމީންގެ ސަރުކާރުގައި 48 ފްލެޓް ވަނީ އަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ