ޕަރފޯމެންސް ބޭސްޑް އޮޑިޓްގެ ނިޒާމެއް ތަރައްގީ ކުރަންޖެހޭ: މެމްބަރު ހުސެއިން

ޕަރފޯމެންސް ބޭސްޑް ބަޖެޓާއި ޕަރފޯމެންސް ބޭސްޑް އޮޑިޓްގެ ނިޒާމެއް ތަރައްގީ ކުރަންޖެހޭ ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ވިދާޅުވެއްޖެއެވެ.
މެމްބަރު ހުސައިން މިހެން ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީހުގެ 2020ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް ފުވައްމުލަކުގައި ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
މެމްބަރު ވިދާޅުވީ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި މިހާރު ތައްޔާރު ކުރަނީ ޕަރފޯމެންސް ބޭސްޑް އަދި ޕްރޮގްރާމް ބޭސްޑް ބަޖެޓެއް ކަމަށާއި ހިދުމަތްތަކުގެ ފެންވަރު ވަޒަން ކުރުމަށް ކީ ޕަރފޯމެންސް އިންޑިކޭޓަރސް ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ.
ރާއްޖޭގައިވެސް މި ނިޒާމަށް 2022 ވަނަ އަހަރުގެ ބަޖެޓް ތައްޔާރު ކޮށް ހުށަހެޅޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މިއީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ދިރާސާކޮށް އިސްކަންދޭންޖެހޭ ދާއިރާތައް ވަޒަން ކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް އުންމީދު ކުރަވާއްވާ ކަަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ކުންފުނިތަކުގެ އޮޑިޓްތައް އެކަށީގެންވާ އަވަސް މިނެއްގައި ކޮށް ނިންމާފައިވާތީ އެ ކޮމިޓީގެ ނައިބު މުގައްރިރުގެ ހައިސިއްޔަތުން އެކަން ފާހަގަކޮށް އެ އޮފީހަށް މްބަރު ހުސައިން ޝުކުރު އަދާ ކުރެއްވިއެވެ.
އަދި އެކައުންޓިންގ ދާއިރާއިން ތަމްރީން ލިބިފައިވާ ހުނަރުވެރި އެކައުންޓެންޓުން ބިނާކުރުމަކީ މި ނިޒާމަށް ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއް ކަމުގައިވެސް މެމްބަރު ވިދާޅުވިއެވެ.
ލާމަރުކަޒީ ގޮތެއްގައި ރައްޔިތުންނާ ގާތުން އޮޑިޓްގެ ހިދުމަތް ދިނުމަކީ ދައުލަތުގެ އިދާރާތަކުގައި ހުރި މައްސަލަތައް ފާހަގަވެ، ރައްޔިތުންނާއި އެ ރަށެއްގެ ސަގާފަތް ދަސްވެ، އޮޑިޓްގައި އިސްކަންދޭ އޭރިއާތަކަށް ފަސޭހަ ވެގެންދާނެ ކަމެއްކަން ފާހަގަކުރައްވާ މެންބަރު ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ތައުރީފުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ