މައުމޫން ވިދާޅުވަނީ 100 ޕަސަންޓު ފިރިއައުނުގެ ބަސް - ޝެއިހް ރަޝީދު

ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވަމުން ގެންދަވަނީ 100 ޕަސަންޓު ފިރުއައުނުގެ ބަސް ކަމަށް ވިލިމާލެ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ ޝެއިޙް ހުސެއިން ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
"މުޅި ރާއްޖެ ތިލަފަތަށް" މި ނަމުގައި އެމްޑީޕީން އާޓިފިޝަލް ބީޗުގައި ބާއްވަމުންދާ ޖަލްސާގައި ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން ޝެއިހް ހުސެއިން ރަޝީދު ވިދާޅުވީ ޕީޕީއެމްގައި ތިބި މީހުން ފިޔަވައި ދެން ތިބި މީހުންނަކީ ކާފަރުން ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާ ކަމަށެވެ.
އަދި މީގެކުރިން ބޭއްވި ޖަލްސާއެއްގައި އެމްޑީޕީއަކީ ޣައިރު މުސްލިމުން ތިބި ޕާޓީއެއް ކަމަށް ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އޮތް ޑިމޮކްރަސީ ކަތިވެފައިވާ ކަމަށް ވިދާޅުވިއިރު ކަތިލެވުނީ ރައީސް މައުމޫންގެ އަނިޔާވެރިކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ ރައީސް މައުމޫންގެ ބަހުރުވައަކީ ސީދާ ފިރުއައުނުގެ ބަހުރުވައޭ ދެންނެވީ މި ސަބަބާއިހުރެ، އެތަނުން (މިސްރުން) ކިޔަވާ ވިދާޅުވީ ވެސް، އެތަނުން ހުރިހާ ކަމެއް މިކުރައްވަނީ ވެސް، އެތަނުގައި ވެރިކަން މި ކުރައްވަނީ ވެސް، އެތަނުން ބަޣާވާތް ކުރި ގޮތަށް ބަޣާވާތް ކުރެއްވީ ވެސް، ހަމަ އެތަނުގައި ވައްޓާލި ރައީސް އެއީ ބާޣީއެއް ކަމަށް ބުނެ، އޭނާ އެއީ މަރު ވާރިތުވެފައިވާ މީހަކު ބުނި ފަދައިން މިތަނުން ވައްޓާލި ރައީސްއަކީ ވެސް ކުށްވެރިއެކޭ އެބަ ބުނޭ، ހަމަ އެއްވެސް ތަފާތެއް ނެތް،" ޝެއިހް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމުން ދީނާއި ކުޅުމަކީ އެޕާޓީގެ އާދައެއް ކަމަށާއި މިކަން ދަނެ، ހޭލުންތެރިވާން ޖެޙޭ ކަމަށެވެ. އަދި ޕީޕީއެމުން ދީނޭ ކިޔައިގެން ވާހަކަ ދެއްކި ނަމަވެސް ރައްޔިތުން އެކަން ގަބޫލުނުކުރާނެ ކަމަށް ވެސް ޝެއިހް ވިދާޅުވި އެވެ.
"ތިޔަބޭފުޅުން އަތްމައްޗަށް ހިއްލަވާ ވިދާޅުވާށޭ، ﷲ އަކީ އަޅުގަނޑުމެންގެ އިލާހޭ، ރަސޫލާ މުހައްމަދުގެފާނަކީ އަހަރުމެންގެ ރަސޫލާއޭ، އިސްލާމް ދީނަކީ އަހަރުމެންގެ ދީނޭ، ގުރުއާނަކީ އަހަރުމެންގެ ފޮތް، އަހަރުމެން މަސައްކަތްކުރަނީ މިއޮތް ތިލަފަތަށް، އަޅުގަނޑުމެން އެންމެން ﷲ ހެކިކޮށް ބުަނަން އަޅުގަނޑުމެން ވޯޓުދޭނީ ތިލަފަތަށް." ހުސެއިން ރަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ