ޕީޕީއެމް އާއި ގުޅިވަޑައިގަތުމަކީ އުމަރުގެ އިހްތިޔާރުގައި އޮތް ކަމެއް - މައުމޫން

ހޯމް މިނިސްޓަރު އުމަރު ނަސީރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ގުޅިވަޑައިގަތުމަކީ އުމަރުގެ އިހްތިޔާރުގައި އޮތް ކަމެއް ކަމަށާއި އުމަރު ޕީޕީއެމް އާއި ގުޅިވަޑައިގެންފިނަމަ އޭނާއަށް މަރުހަބާ ދަންނަވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ދަ އެނާޖީ އެންޑް ރިސޯސަސް އިންސްޓިޓިއުޓް (ޓެރީ) އިން އިންތިޒާމުކޮށްގެން އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު ރޭ މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމާ ގުޅިވަޑައިގަތުމުގެ ފުރުސަތު އުމަރަށް އެބައޮތް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އުމަރަކީ ކުރިންވެސް ޕީޕީއެމްގައި ހުންނަވައިގެން ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން ޕީޕީއެމް އާއި ގުޅިވަޑައިގަތުމަށް އުމަރު ނިންމަވައިފިނަމަ އެ ޕާޓީން އެކަމަށް މަރުހަބާ ދަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އުމަރު ނަސީރު ޖުމްހޫރީ ޕާޓީއިން ވަކިވެވަޑައިގެންފައިވަނީ އެޕާޓީން މިހާރު ނިންމަމުންދާ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހޭތީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ.
ނަމަވެސް މިނިސްޓަރު ހިތްހަމަޖެހިވަޑައިނުގަންނަވަނީ ކޮން ސަބަބަކާއި ހުރެ ކަމެއް ވިދާޅެއް ނުވެއެވެ.
ނަމަވެސް ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ކަމަށް ބުނެ، ، ޖުމްހޫރީ ޕާޓީ އިން ވަނީ އިދިކޮޅު އެމްޑީޕީ އާއި އެކު އެއްބަސްވުމެއް ހަދާފައެވެ. އެއްބަސްވުމުގައިވާ ގޮތުން ޕާޓީތަކުން އިންތިހާބުތަކަށް ކުރިމަތިލާ ފަރާތްތަކަށް އިންތިހާބުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހޯދައިދިނުމާއި ސަރުކާރުން ކުރަމުން އަންނަ ގާނޫނާއި ހިލާފު ކަންތައްތައް ހުއްޓުވަން މަސައްކަތް ކުރުން ހިމެނެއެވެ.
އުމަރު ނަސީރު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފައިވަނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން ޕާޓީން ވަކި ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ