މުލިއާގޭ ކަރަންޓް ބިލަށް މިހާރު މަހަކު ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ އަރާ: ރައީސް ނަޝީދު

މުލިއާގޭގެ ކަރަންޓް ބިލަށް މަހެއްގެ މައްޗަށް އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އަރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހަވީރީ ހިނގުމުގައި ހުންނަ މޫކައި ސުއިޓު އިން އުފައްދާ ސޯލާ ކަރަންޓް، ސްޓެލްކޯ އިން ގަތުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅުގެ ކަރަންޓު ބިލަށް މިހާރު ލައްކައަކަށް ވުރެ ބޮޑުކޮށް އަރާއިރު އެ ގޭގައި ހަރުކޮށްފައިވާ ސޯލާޕެނަލް އިން ޖެނެރޭޓް ކުރާ ކަރަންޓުން 8000ރ. ސަލާމަތް ކުރެވޭ ކަމަށް ސްޓެލްކޯ ހިސާބުތަކުން ދައްކާ ކަމަށެވެ. ނަމަވެސް، އަމިއްލަފުޅު ހިސާބުތަކަށް ބަލާއިރު ކަރަންޓު ބިލުން 18،000ރ. އާއި 20،000ރ. އާ ދެމެދުގެ އަދަދަކުން އަގުހެޔޮވެފައިވާވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިތަނުގެ (މޫކައި ސުއިޓްގެ)ކަރަންޓް ބިލް ލައްކައަކަށް ވުރެ ބޮޑަށް އަރާ އެބަ. މުލިއާގޭ ކަރަންޓް ބިލް ހުންނަނީ މިތަނާ ގާތްގަނޑަކަށް އެއްގޮތަކަށް. މުލިއާގެ ކަރަންޓް ބިލަށް މިހާރު އެބަ އަރާ މަހެއްގެ މައްޗަށް އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑުކޮށް. މުލިއާގޭގައި އެ ޕަންލް ބޭއްވީމާ މަހެއްގެ މައްޗަށް އެޕަނަލް އިން އެބަ އުފެއްދޭ 900 ޕަވަރަށް ވުރެ ގިނަކޮށް. ސްޓެލްކޯ އިން ހަދައިދިން އެސެސްމަންޓަކުން އެހެންވީމާ މިހާރު މުލިއާގޭ ކަރަންޓް ބިލުން މަހެއްގެ މައްޗަށް 8000-7000ރ. ވަރު ސަލާމަތްވޭ. މުލިއާގެ އިން ބުނާ ގޮތުގައި މި ޕެނަލްތައް ބެހެއްޓިފަހުން މަހެއްގެ މައްޗަށް ކަރަންޓް ބިލް 18000ރ. 20000ރ. ދެމެދުން ހެޔޮވެއްޖެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެ ކުރިން މުލިއާގޭ ބިލަށް އެރި ވަރެއް ރައީސް ވިދާޅެއްނުވެ އެވެ.
މުލިއާގޭ ފުރާޅުގައި ސޯލާ ޕެނަލުތައް ރައީސް ނަޝީދު ހަރުކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
ސޯލާ ޕެނަލް ބަހައްޓައިގެން ކަރަންޓް ބިލް ލައްކައަކަށް ތިރިވީ މުލިއާގޭގައި ދިރިއުޅޭ މީހުންނާއި އަދި މުވައްޒަފުން ވެސް ކަރަންޓަށް ބަލައިގެން އުޅޭތީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެއީ ޕެނަލް ބެހެއްޓުމާ އެކީގައި އެންމެންގެ އަހުލާގު ވެސް ރަނގަޅު ވީކަމަށް ގަބޫލުކުރެވިދާނެ. އަޅުގަނޑުދެކެނީ ކަރަންޓްބިލް ކުޑަވީ ޕެނަލް ބެހެއްޓުމާ އެކީގައި ޕެނަލް ވެސް އެއޮތީ ބަހައްޓާފައޭ ބޮކިތައް ވެސް ނިންވާލަންޖެހޭނެ ކަމަށް އުޅުއްވާ ބޭފުޅުން ވެސް މުވައްޒަފުން ވެސް ގަބޫލުކުރެއްވުނީ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ކަރަންޓްބިލަށް ލައްކައިން އަރަނީ ހަމައެކަނި އެމަނިކުފާނުގެ ސަބަބުން ނޫންކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުފާހަގަކޮށްލަން ބޭނުން މުލިއާގެއަކީ އަޅުގަނޑު އެކަނި އުޅޭތަނެއް ނޫން. އެއީ އަޅުގަނޑު ނިދާބައި އެކަންޏެއް ނޫން. އެއާ އެކީގައި ހިމެނޭ އޮފީސް ބައި ވެސް ހިމަނައިގެން. އަޅުގަނޑު ނިދާބައިގެ ކަރަންޓްބިލް ވަރަށް ކުޑަވާނެ،" ރައީސް ވިދާޅުވި އެވެ.
ލިޔުމާ ގުޅޭ އޯޑިއޯPresident Nasheed (mp3)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ