މިރޭވެސް ދަރުސް ފެށުމުގެ ކުރިން ޢިބްރަތްތެރި ވާހަކައެއް ކިޔައިދޭނަމެވެ.
މީހަކު އުޅުނެވެ. އޭނާ އަބަދުވެސް މީހުންގެ ގާތުގައި ބުނަނީ އޭނާ އެންމެ ބޮޑަށް ދެރަވެ ކަންބޮޑުވާ ކަމަކީ އޭނާ މަރުވުމުން އޭނާގެ އަނބިދަރިންނަށް ކުރިމަތިވެދާނެ ނިކަމެތި ޙާލަތާއި މެދުގައި ކަމަށެވެ.
މިގޮތަށް އޭނާ ބުނި ނަމަވެސް އަނބިދަރިންނާއިމެދު ކަންކަން ކުރަނީ ރަނގަޅަކަށް ނޫނެވެ. ވަރަށް ފަރުވާ ކުޑަ ގޮތަކަށެވެ. އަޅައިލަނީވެސް ކަމެއްކޮށްދެނީވެސް ހިތަށް އެރިއްޔާއެވެ. އެހެންވެ އޭނާގެ އަނބިދަރިންނަށް އުޅެންޖެހިފައިވަނީ ވަރަށް ނިކަމެތި ޙާލުގައެވެ.
އޭނާގެ އަނބިމީހާއަކީ ވަރަށް ހެޔޮލަފާ އަންހެނެކެވެ. އޭނާ ކެނޑިނޭޅި ދުޢާކުރަމުން ގެންދިއައީ އޭނާއަށާއި ދަރިންނަށް އުފަލުގައި އުޅެވޭނެ މަގެއް ދެއްކެވުން އެދިއެވެ.
ދުވަސްތަކެއް ފަހުން އެއްރޭ ނިދަން އޮވެފައި ފިރިމީހާ ކުއްލިއަކަށް ތެދުވެއްޖެއެވެ. ބާރަށް ގޮސް ފާޚާނާއަށްވަދެ ވުޟޫކޮށްގެން އައިސް 2 ރަކްޢަތް ނަމާދެއް ކުރިއެވެ. ސަޖިދައިގައިވެސް ވަރަށް ގިނައިރު އޮތެވެ. ނަމާދު ނިމިގެން ވަރަށް ގިނަ އިރު ދުޢާވެސް ކުރިއެވެ.
އަނބިމީހާ ސުވާލުކުރިއެވެ. "ތިއަކުރީ ވަރަށް ރަނގަޅު ކަމެކެވެ. އެކަމަކު އަބަދު ޢާދޭސްކުރާއިރުވެސް ނުކުރާ ކަމެއް މިރޭ ކުއްލިއަކަށް ތިއަކުރީ ކީއްވެގެން ހެއްޔެވެ؟ ނިދީގައި މަރުވަނިކޮށް ހުވަފެނެއް ފެނުނީ ހެއްޔެވެ؟"
ބިރުން ތުރުތުރު އަޅަމުން ފިރިމީހާއަށް ބުނެވުނެވެ. "އަނބިކަނބުލޭގެއާއެވެ. އަހުރެންނަށް ފެނުނު ހުވަފެންވެސް ތިއައޮތީ އެނގިފައެވެ. ހުވަފެނުގައި ފެނުނީ ބައަކު އައިސް އަހުރެންގެ ހަށިގަނޑުން ގަދަކަމުން ފުރާނަ ނެރެން އުޅޭތަނެވެ. އެތަނުގައި ތިބި އެއް ބައަކު ބުންޏެވެ. ބަލަ އަދި މީނާގެ ޢުމު ހަމަވެސް ނުވޭ ނޫންހެއްޔެވެ؟ ޖަވާބުގައި އަނެއް ބައަކު ބުންޏެވެ. ޢުމުރު ހަމަނުވިޔަސް މީނާގެ ފުރާނަ ނުނެރެވާކަށް ނެތެވެ. މީނާގެ ނުބައިކަމުން އަނބިމީހާ އާއި ދަރިން ސަލާމަތްވެ އެމީހުންނަށް އުފާވެރި ދިރިއުޅުމެއް ލިބެން އޮތީ މީނާ މަރުވެގެންނެވެ. މީނާ އެހައި ނުބައި އިރުވެސް އަނބިމީހާ ވަރިވެ އެހެން މީހަކާއި ކައިވެނިނުކުރަން އެއިންނަނީ މީނާ ދުނިޔޭގައި ހުންނާތީއެވެ. އަހުރެންނަށް ހޭލެވުނީ އެހިސާބުންނެވެ.
"އަހުރެން ނަމާދުގެ ސަޖިދައިގައާއި އަދި ނަމާދު ނިމިގެން ދުޢާ މިކުރީ އެހުވަފެން ޙަޤީޤަތަކަށް ނުވުން އެދިގެންނެވެ. ދެން ކުރިއަށް ތަނުގައި އުޅުން އިޞްލާޙްކޮށް މުޅިން އެހެން މީހަކަށް ބަދަލުވާނެ ކަމަށް ﷲ ތަޢަލާގެ ޙަޟްރަތުގައި އެތައް ވަޤުދެއް ވެއްޖައިމެވެ."
ލޮބުވެތި އެކުވެރިންނޭވެ! ކޮންމެ މީހަކަށް މިބާވަތުގެ އިންޒާރެއް ނުލިބިދާނެއެވެ. ވީމާ ޢިބްރަތް ޙާޞިލުކުރާށެވެ! ހަމަ އެކަކަށްވެސް އިހާނެތިކޮށް ކަންކަން ނުކުރާށެވެ! ޚާއްޞަކޮށް އަނބިދަރިންނާއި މައިންބަފައިންގެ ހިތުގައި ނުޖައްސުވާށެވެ! އެކަމުގެ ސަބަބުން އެމީހަކަށް ކުރިމަތިކުރައްވަވާނީ ކިހައި ބޮޑެތި މުޞީބާތްތަކެއްކަން ވަޒަންކުރަންވެސް ނުއެނގޭނެއެވެ. ވަޒަންކުރެވޭނީ ޚިޔާލަށް ގެނެވިގެން ނޫންހެއްޔެވެ؟ ޚިޔާލަށްވެސް ނުގެނެވޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަނބިމީހާއަށް ރަނގަޅު ފިރިއަކު ހޯދައިދޭން ޢުމުރު ހަމަނުވަނީސް ގަދަކަމުން ހަށިގަނޑުން ފުރާނަ ނެރެން އުޅުމުގެ ބިރު އިޙްޞާޞްކުރެވުނު ނުބައި ފިރިއެއްގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ