ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ބްރޭންޑްތަކުގެ އިކުއިޕްމެންޓާއި މެޝިނަރީ ބަހައްޓަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ތަފްސީލް - ރ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހަވީރު އަނގޮޅިތީމަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ހުންނަ އިކުއިޕްމެންޓުތަކުގެ ހިދުމަތް މެދުނުކެނޑި ދިނުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި އެ އިކުއިޕްމެންޓުތައް ނުހުއްޓި ހިންގުމަށް ބޭނުންވާ ރީއެޖެންޓާއި އެހެން ވަސީލަތްތައް ވެސް ހުސްނުވެ ބަރާބަރަށް ލިބޭނެ ގޮތަށް ރާވާނެ އެވެ.
އެންމެ ފެންވަރު ރަނގަޅު ބޭސް ބަލްކުކޮށް ގަނެގެން ގެނެސް އަގުހެޔޮކޮށް އާއްމުންނަށް ލިބޭ ގޮތް ހެދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތް ފާހަގަކުރައްވައި ރައީސް ހަމަ އެ ގޮތަށް ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގައި ހުންނަ އިކުއިޕްމެންޓުތަކަކީ ވެސް "ދުނިޔޭގެ އެންމެ ރަނގަޅު ބްރޭންޑުތަކުގެ ވަސީލަތްތަކަށް ހެދުމަށް ވެސް އަޅުގަނޑު އޮންނާނީ ނިންމާފައި" ކަމަށެވެ.
"އެކީގައި ގިނަ އަދަދެއްގެ ރަށްރަށަށް ވާވަރަށް [އިކުއިޕްމެންޓް] ގަނެގެން ގެނެސް ހަރުކޮށް އޭގެ ރީއެޖެންޓްސް، އެއަށް ބޭނުންވާ ވަސީލަތްތައް. ހިންގުމަށް ބޭނުންވާނެ ތަކެއްޗަކީ ވެސް ފަސޭހައިން ލިބޭނެ ތަކެތި އެކަހަލަ ބްރޭންޑުތައް ގެނައީމާ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގިނަ ފަހަރު ރަށްރަށުގައި މިހާރު ހުރި ބްރޭންޑްތަކުގެ މެޑިކަލް އިކުއިޕްމެންޓުތަކަށް ސްޕެއާ އާއި އެެހެން ވަސީލަތްތައް ވެސް ހޯދަން އުނދަގޫ ކަމަށެވެ.
"އެހެންވީމާ އެކަން އަބަދު ރަނގަޅުކުރަން ވެއްޖެއްޔާ ހިނގާ ހަރަދު ވަރަށް ބޮޑު. އެއްފަހަރާ ތަންކޮޅެއް ބޮޑު ހަރަދެއް ހިނގިޔަސް ކުރިއަށް އޮތްތަނަށް މެއިންޓެނެންސް އަށް ބަލާއިރު މާ ބޮޑުތަނުން ސޭވް ވާނެ. އަދި ކޮލެޓީ އަށް ބަލާއިރު މާބޮޑަށް ރައްޔިތުންނަށް ކޮލެޓީ ހިދުމަތެއް ދެވޭ ކޮލެޓީ މެޝިނަރީ ބްރޭންޑުތައް ގެނައީމާ،" ރައީސް ފާހަގަކުރެއްވި އެވެ.
އެނގުން މުހިއްމު - ޑަބްލިއުއެޗްއޯގެ ލިސްޓެޑް ނުވަތަ ސްޓްރިންޖެންޓު ރެގިޔުލޭޓަރީ އޮތޯރިޓީގައި ރަޖިސްޓްރީކޮށް، ޔޫއެންޑީޕީ އާއި އެމްއެފްޑީއޭގެ މިންގަނޑުތަކަށް ފެތޭ ފެންވަރު ރަނގަޅު ބޭސް ގެނެސް މިދިޔަ ޖުލައި މަހު ވިއްކަން ވަނީ ފަށައިފަ އެވެ.
މި ޕްރޮޖެްކްޓުގެ ދަށުން ބޭސް ގެންނަނީ ސީދާ ބޭސް އުފައްދާ ކުންފުނިން ގަނެގެންނެވެ. އެއާއެކު ބޭސް އުފައްދާ ހިސާބުން ފެށިގެން ބަލިމީހާއަށް ބޭސް ލިބުމާ ހަމައަށް ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ސިއްހީ ހިދުމަތްދޭ ތަންތަނަށް އެންމެ ކޮލެޓީ މެޝިނަރީ ގެންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ