އެއްބަސްވުމާ ހިލާފްވެ ޔަހޫދީން ގާޒާއަށް ދެމުންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ދިވެހިރާއްޖެ އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ރޯދަ މަހާ ދިމާކޮށް ޔަހޫދީން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އެ ގައުމުގެ ކުށެއް ނެތް ކުޑަކުދިން ހިމެނޭ ގޮތުން 406 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއީ ދުނިޔޭގެ ގާނޫނުތަކާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކަށް ބަލާއިރު ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ހަމަލާތައް ދެމުންދަނީ ބަރަކާތްތެރި ރަމަޟާން މަހުގައި ކަމަށް ވާތީ މި ހަމަލާތައް ދިނުން ކުށްވެރިކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މި މައްސަލައިގައި ރާއްޖެއިން ވަނީ ބައިނަލްއަގްވާމީ ދުނިޔެއަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް ގޮވާލާފައެވެ. އަދި ބައިނަލްއަގްވާމީ އެކިއެކި ޕްލެޓްފޯމްތަކުގައި ވެސް ޔަހޫދީން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ރާއްޖެއިން ދަނީ ކެނޑިނޭޅި ވަކާލާތު ކުރަމުންނެވެ.
އޮކްޓޯބަރު 7، 2023 ގައި ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދޭން ފެށި ފަހުން، މިއަހަރު ފެށުނު އިރު، އިޒްރޭލާއި ހަމާސް އާ ދެމދުގައި ސުލްހައިގެ އެއްބަސްވުމެއް ވަނީ އެކުލަވާލާފައެވެ. އެ އެއްބަސްވުމުގެ ދަށުން ހަމާސުން ގެންދިޔަ އަސީރުންގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގިނަ ރައްޔިތުން މިނިވަން ކުރުމަށް ޔަހޫދީން ވަނީ އެއްބަސްވެފައެވެ. އެ އެެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގައި ޔަހޫދީ ޖަލުތަކުގައި ތިބި 2000 އެއްހާ ފަލަސްތީނުގެ ރައްޔިތުންގެ ބަދަލުގައި ހަމާސް އިން ވަނީ ޔަހޫދީ ދައުލަތަށް ނިސްބަތްވާ 33 އަސީރުން މިނިވަން ކޮށްފައެވެ.
މި ރޯދަ މަސް ފެށުނު އިރު، މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ މުއްދަތު ހަމަވާތީ ދެވަނަ މަރުހަލާއަށް ދާން މަޝްވަރާ ކުރަން ނިންމާފައި އޮތް ނަމަވެސް ފުރަތަމަ މަރުހަލާގެ މުއްދަތު އިތުރު ކުރުމަށް ޔަހޫދީން ވަނީ ގޮވާލާފައެވެ. އަދި މުއްދަތު އިތުރު ނުކޮށްފި ނަމަ އެހީގެ ދޮރުތައް ބަންދުކުރާނެ ކަމުގެ އިންޒަރުވެސް ވަނީ ދީފައެވެ.
އެއަށްފަހު ޔަހޫދީން ވަނީ އެއްބަސްވުމާ ހިލާފަށް ގާޒާއަށް ހަމަލާތައް ދޭން ފަށާފައެވެ. މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން ޘަހީދުވެފައިވާ އިރު، މި ހަމާލަތައް އަމާޒު ކޮށްފައި ވަނީ ގާޒާގެ އުތުރުގައި އޮތް ގާޒާ ސިޓީގެ އިތުރުން މެދުތެރެއާއި ދެކުނުގައި އޮތް ދަޔިރް އަލް-ބަލަޙާއި، ހާން ޔޫނިސް އަދި ރަފަހާއަށެވެ.
ޔަހޫދީންގެ ލާއިންސާނީ އުދުވާންތައް އަލުން ފެށުމާ އެކު، ހަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އަމަލު ކުރަމުން ދިޔަ އެއްބަސްވުން މި ވަނީ ނިމުމަކަށް އައިސްފައެވެ. އޮކްޓޯބަރު 7، 2023 ގައި ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދޭން ފެށި ފަހުން، މިހާތަނަށް 61,700 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައި، 111,000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމު ކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ