ކުރިއަށް ހުރި ދުވަސްތަކުގައި މާލޭގައި އެއްވެސް ގެދޮރުވެރިކަމެއް ނެތް 18 އަހަރުން މަތީގެ މީހުންނަށް ގެދޮރުވެރިކަން ފޯރުކޮށްދިނުމުގެ މަޝްރޫއަށް ހުޅުވާލާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާ އަށް ރޭ ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، މާލޭގެ ސިނަމާލެ ސަރަހައްދުގައި ފްލެޓް އެޅުމުގެ މަޝްރޫއެއް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކުރިއަށްދާ ކަމަށާއި، އެ މަޝްރޫއުގެ އިތުރުން މާލޭން ގާތްގަނޑަކަށް 2،000 ފްލެޓާއި ވިލިމާލޭން 500 ފްލެޓާއި ހުޅުމާލޭގެ ސޯޝަލް ހައުސިން ފްލެޓް މަޝްރޫއުތަކާއި ރަސްމާލޭގައި ފްލެޓް އެޅުމުގެ މާސްޓާޕްލޭންގެ ދަށުން ގޯއްޗާއި ފްލެޓް ދިނުން އެބައޮތް ކަމަށެވެ.
އެއާއެކު ރައީސް ވިދާޅުވީ، ކުރިއަށް ހުރި ދުވަސްތަކުގެ ތެރޭ މާލޭގައި އެއްވެސް ގެދޮރުވެރިކަމެއް ނެތް 18 އަހަރުން މަތީގެ މީހުންނަށް ގޯއްޗާއި ފްލެޓް ކަށަވަރުކޮށްދިނުމަށްޓަކައި ސަރުކާރުން ހުޅުވާލާނެ ކަމަށާއި، އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އެ ފަރާތްތަކުން ރަސްމީކޮށް ގޯއްޗާއި ފްލެޓް ކަށަވަރުވެފައިވާ ކަމުގެ ލިއުންތައް ހަވާލުކުރުން ކަމަށެވެ.
"މާނައަކީ މާލޭގެ އެއްވެސް ރަށްވެއްސަކު ފުރަތަމަ ގެ ނެތިފަ މި ދެންނެވީ އާއިލާއެއް ގޭބިސީއެއްގެ ނޫނިއްޔާ އިންޑިވިޖުއަލްކޮށް މި ދެންނެވީ 18 އަހަރުން މަތީގެ ރައްޔިތުން އެ މީހެއްގެ ގޭބިސީގަ އެ މީހާގެ އާއިލާއެއްގެ ގެއެއް ގޯއްޗެއް ނެތިފަ ހުރި އެއްވެސް މީހަކު ނުހުންނާނެޔޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
މި އަހަރުގެ ނިޔަލަށް ރަސްމާލޭގެ ބިން ހިއްކައި ނިމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ހަމަ އެގޮތަށް އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އެހެންކަމުން މި މަޝްރޫއުގެ ދަށުން އެ މީހަކު އިހްތިޔާރުކުރާ ގޮތަކަށް ބިން ނުވަތަ ގޯތި ކަށަވަރުކޮށްދެއްވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.
ގެދޮރު ނެތް 18 އަހަރުންމަތީގެ މީހުންނަށް ގެދޮރު ދޭން މި އަހަރު ހުޅުވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ