ތިބާކުޅަ އެންމެ ހެޔޮކަމެއް ތިބާގެ މަންމައަށްވިޔަސް ދޭން ދެކޮޅު ހަދާނެ ދުވަހު ތިބާ ކުޅަ ހެޔޮކަން ހާސްތަކުން މީސްތަކުންނަށް ބަހައިލެވޭނެއިރު އަސަރެއް ނުކުރާނެތަ؟

މިދައްކަނީ ޤިޔާމަތް ދުވަހުގެ ވާހަކައެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ އެދުވަހު ތިމާގެ ހިސާބު ބައްލަވާއިރު ވީހައި ގިނަ ހެޔޮ ޢަމަލުތަކެއް ތިމާގެ އަތުގައި ހުރުމަށެވެ. އެހެންވެ ތިމާ އެމީހަކު ދެކެ އެންމެ ބޮޑަށް ލޯބިވާ މަންމަ އައިސް ރޮއި އާދޭސްކުރިނަމަވެސް އެންމެ ހެޔޮކަމެއްވެސް ނުދޭނެއެވެ. އަދި ކީއްހެއްޔެވެ؟ މުޅި ޢުމުރު އެމީހަކަށްޓަކައި އޭނާ ޤުރްބާންކޮށްލި ދަރިފުޅު އައިސް ރޮއި އާދޭސްކުރިޔަސް މަންމަވެސް ހަމަ އޭނާކުޅަ އެންމެ ހެޔޮކަމެއްވެސް ނުދޭނެއެވެ. 
އެކަމަކު ކަންކަން މެދުވެރިވާނެ ގޮތުގެ ވާހަކަ އަޑުއަހާށެވެ! ތިބާކުޅަ އެންމެ ހެޔޮކަމެއްވެސް ގެއްލުނަ ނުދޭން ނުވަތަ އަތުން ދޫވިޔަނުދޭން އެހައި ބޮޑަށް ބަގުޑިބައްދައި އޮޅުލަމުން ދަނިކޮށް ތިބާކުޅަ ހެޔޮ ޢަމަލުތައް ހާހުން ލައްކައިން ނުވަތަ އެއަށްވުރެވެސް ބޮޑެތި ޢަދަދުތަކުން ތިބާގެ އަތުން އަތުލެވެން ފަށާނެއެވެ. 
އެއިރު ތިބާ ތެޅިފޮޅޭނެއެވެ. ރޮއި އާދޭސްކުރާނެއެވެ. އެކަން ހުއްޓުވޭތޯ ކުރެވެންހުރި ހުރިހާ ކަންކަން ކުރަމުން ގެންދާނެއެވެ. ﷲ ތަޢާލާއަށް އާދޭސްދަންވަމުން ގެންދާނެއެވެ. ނަމަވެސް އެކަމެއް ނުހުއްޓުވޭނެއެވެ. 
މިދައްކަނީ މީސްތަކުންގެ ވާހަކަ ދައްކައި ޣީބަބުނެފައިވާނަމަ ކަންކަން މެދުވެރިވާނެ ގޮތުގެ ވާހަކައެވެ. މިބުނި ކަންކަމަކީ ހިނގާނެ ކަންކަން ކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. އެކަމަކު އެއްވެސް ބިރެއް ނެތި ތިއަ ގެންދަނީ ޣީބަބުނެ މީސްތަކުންގެ މުޅަމަސް ކަމުންނެވެ. ހަމައެއާއިއެކު އަޅުކަން ކުރުން ގިނަކޮށް ޘަވާބު އިތުރުކުރަން އިންތިހާއަށް މަސައްކަތްކުރަމުންނެވެ. 
ޤިޔާމަތް ދުވަހު ﷲ ތަޢާލާ ކަންކަން ނިންމަވާނެ ގޮތް ހަމައެކަކަށްވެސް ނުއެނގޭނެއެވެ. އެހެންކަމާއިއެކު ޤުރްއާނާއި ޙަދީޘްފުޅުތަކުން އެނގެންހުރި ކަންކަމަށް ވިސްނުމުން އެނގެނީ ޣީބަ ބުނުން ހުއްޓައިނުލާނަމަ އެމީހަކު ކުރި އަޅުކަމުގެ ފައިދާ އެމީހަކަށް ނުކުރާނެ ކަމެވެ. އެހެނީ މީސްތަކުންނަށް ބަދަލުދޭންޖެހޭނެތީއެވެ. އަދި ބަދަލުދޭންޖެހޭނީ ތިމާއަށް ކުރެވިފައިވާ އަޅުކަމުން ކަމަށްވާތީއެވެ. 
ވީމާ ކޮންމެ މީހަކުވެސް މިކަންކަމަށް ވިސްނައި ސަމާލުކަންދޭށެވެ. ފޫ ނެތް ކަންވާރަކަށް ފުރާ ފެން އެއިގައި ހަރުނުލާނެކަން އެނގޭފަދައިން މިކިޔައިދިނީވެސް ހަމަ އެންމެންނަށްވެސް އެނގެންހުރި ކަންކަމެވެ.
 
- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ