ފުލުހުންގެ ކޮމިޝަނަރުކަމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އައްޔަނުކުރަން ނިންމައިފި އެވެ.
އެ މަގާމަށް ނަވީން އައްޔަނުކުރަން ނިންމާފައިވާކަން އަދަދު އަށް ވަނީ ކަށަވަރުވެފަ އެވެ. އެނގިފައިވާގޮތުގައި ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ނަވީން މިއަދުގެ ވަގުތެއްގައި އައްޔަނުކުރާނެ އެވެ.
ފުލުހުންގެ ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލީ ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު ޝަމީމް އެވެ. އެ ތިން ބޭފުޅުންނާ ވެސް ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ދީފައިވާ މާކްސް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރީއަށް ޖޫން 6، ގައި ވަނީ ފޮނުވައިފަ އެވެ.
ފުލުހުންގެ ތެރެއިން ސީޕީގެ މަގާމަށް ކުރިމަތިލެވެނީ އެސިސްޓެންޓް ކޮމިޝަނަރުންގެ މަތީގެ މަގާމުތަކުގެ އޮފިސަރުންނެވެ.
ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކޮށް ޕޮލިސް ބޯޑުން ވަޒަންކުރެ އެވެ. ބޯޑުން ވަޒަންކުރުމަށްފަހު ފޮނުވާ ނަންތަކުގެ ތެރެއިން މަގާމަށް އައްޔަންކުރާ އޮފިސަރަކު ކަނޑައަޅާނީ މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހުރިއްޔާ އެވެ.
ފުލުހުންގެ ހިދުމަތާ ނަވީން ގުޅިވަޑައިގެންނެވީ 2006 ވަނަ އަހަރު އެވެ. އޭނާ ވަނީ ފުލުހުންގެ ހެޑް އޮފް ހިއުމަން ރިސޯސް ޑިޕާޓުމެންޓާއި ހެޑް އޮފް ސެންޓްރަލް އޮޕަރޭޝަންސްގެ މަގާމުގެ އިތުރުން ފޮރެންސިކް ސާވިސް ޑައިރެކްޓޮރޭޓުގެ ވެރިޔާގެ މަގާމު ފުރުއްވައިފަ އެވެ.
ނަވީން ވަނީ ގާނޫނީ ދާއިރާއިންނާއި ލީޑަޝިޕްގެ ދާއިރާއިން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއިން މަތީ ތައުލީމު ހާސިލު ކުރައްވައިފަ އެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ސުޖާއު އިސްތިއުފާ ދެއްވުމުންނެވެ. އެޕްރީލް 26، ގައި އޭނާ އިސްތިއުފާދެއްވީ އާއިލީ ބައެއް ޒިންމާތަކުގެ އިތުރުން އޭޕްރީލް 18، ގެ ފަތިހު ހެންވޭރު އިމާރާތެއްގެ މަތިން ވެއްޓި ބޮޑެތި އަނިޔާއެއް ވި ހައްވާ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.
ސުޖާއުގެ އިސްތިއުފާއަށް ފަހު ފުލުހުންގެ ހިދުމަތް ހިންގެވުން ފުރަތަމަ ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ އެވެ. ނަމަވެސް ގަޑިއިރެއްގެ ތެރޭގައި އެ ނިންމުން ބަދަލުކޮށް، ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އާ ހަވާލުކުރަން ހޯމް މިނިސްޓަރު ނިންމެވި އެވެ.
ޕޮލިސް ކޮމިޝަނަރަކަށް ނަވީން އައްޔަނުކުރަނީ ޕޮލިސް ކޮމިޝަނަރަކަށް ނަވީން އައްޔަނުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ