ކުރީ ސަރުކާރުން ފެށި ފ. މަގޫދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު މި ސަރުކާރުން ދެވަނަ ފަހަރަށް ހުއްޓާލައި، އެ މަޝްރޫއަށް ގެންގޮސްފައިހުރި ސާމާނު ރަށުން ބާލަން މަސައްކަތް ކުރާތީ ރައްޔިތުން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި އެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. މަގޫދޫ ކައުންސިލްގެ ރައީސް އަބްދުالله ވަހީދު އަދަދު އާ ވާހަކަ ދައްކަމުން ވިދާޅުވީ މަޝްރޫއުގެ މަސައްކަތް ދެވަނަ ފަހަރަށް ހުއްޓުނީ މީގެ ދެތިން މަސް ކުރިން ކަމަށެވެ.
މަޝްރޫއުގެ މަސައްކަތް ހުއްޓާލައި ސައިޓުގައި ހުރި ބައެއް ތަކެތި ދޭތެރެއަކުން ގެންދާތީ، މަޝްރޫއު ކުރިއަށްދާނެ ކަމާމެދު އުފެދިފައިވާ ސުވާލުތަކަށް ރައްޔިތުންނަށް ޖަވާބެއް ނުދީ އެކަން ނުކުރުމަށް ކައުންސިލުން އެމްޓީސީސީގެ ސުޕަވައިޒަރުން ކައިރި އެދިފައިވާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭގެ ފަހުން އެއްވެސް ހަބަރެއް ނުވެފަ އެތާ ހުރި ވެލްޑިން ޕްލާންޓާ އެއްޗެހި ގެންދަން އުޅުނީމަ ރައްޔިތުން ބުނީ، ރައްޔިތުންނަށް ޖަވާބެއް ދީފަ ނޫނީ އެއްވެސް އެއްޗެއް ނުގެންދެވޭނެއޭ. ރައްޔިތުން ބޭނުންވަނީ ޖަވާބެއް. ރައްޔިތުން އިހުތިޖާޖުކުރަން މި ތިބީ އެއާޕޯޓު ކައިރި،" އޭނާ ވިދާޅުވި އެވެ.
އިހުތިޖާޖުކުރަން ފެށުމާއެކު އެމްޓީސީސީގެ ސުޕަވައިޒަރު ވަނީ ފުލުހުންނާއެކު އެ ސަރަހައްދަށް އައިސްފައި ކަމަށާއި ފުލުހުން އައުމުން ރައްޔިތުން ތަންކޮޅެއް ދުރަށް ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޓީސީސީން ގެންދަން ބޭނުންވަނީ 100 ދަގަނޑު ހޮޅި ކަމަށް ބުނެފައިވާ ކަމަށްވެ އެވެ.
މަގޫދޫގައި މިރޭ ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން --- ފޮޓޯ: ރާއްޖެ އެމްވީ
ކައުންސިލުން ބޭނުންވަނީ ރައްޔިތުން ބޭނުންވާ ގޮތަށް މިކަން ކުރަން ކަމަށާއި އެމްޓީސީސީން ރައްޔިތުންނަށް ޖަވާބު ނުދެވޭނަމަ ކައުންސިލްގެ ހަރަދުގައި 100 ހޮޅި ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަން ކައުންސިލުން ފާހަގަކުރި އެވެ.
"މުޅި މަސައްކަތުގެ ސްކޯޕުގެ 60 އިންސައްތަ ނިމިފަ އޮތް ތަނެއް މިއީ. އަނެއްކާވެސް މަސައްކަތް މަޑުޖެހެން ދިމާވި އެއްވެސް ސަބަބެއް އެމްޓީސީސީއަކުން، ސަރުކާރަކުން ނުބުނޭ. ރައީސްގެ ގަރާރުގައި ވެސް ނެތެއް ނޫންތޯ މިފަހަރު މަގޫދޫ އެއާޕޯޓެއް،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރި ގޮތަށް ސަރުކާރުން އެކި ފަރާތްތަކާ އެކީ އެއްބަސްވުމުގައި ސޮއިކޮށް ހަވާލުކޮށްފައި މަޝްރޫއުތައް ހިމެނޭހެން ސަރުކާރުން ކުރިއަށްގެންދާ ގިނަ މަޝްރޫއުތަކަކަށް ކްރޮސް ސަބްސިޑީގެ އުސޫލުން ފައިސާ ހޯދަން މި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި މަގޫދޫ އެއާޕޯޓެއް ނެތެވެ. މިދިޔަ އަހަރު އެ ގަރާރު ނެރުނު އިރު އެ ރަށުގެ މަޝްރޫއު ހިމެނުއްވި އެވެ.
މިއީ ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި 231 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާއި ހަވާލުކުރި މަޝްރޫއެކެވެ.
މި މަޝްރޫއު ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހަށް ނިންމުމަށެވެ. ނަމަވެސް, މަޖިލިސް އިންތިހާބާއި ދިމާކޮށް މި މަސައްކަތް ހުއްޓުމުގެ ސަބަބުން މި ތާރީހަށް ވަނީ ނިމޭ ގޮތް ނުވެފަ އެވެ.
މަގޫދޫ އެއާޕޯޓު އެޅުމަށް އެމްޓީސީސީއާ ހަވާލުކުރީ އޮކްޓޯބަރު، 2022، ގަ އެވެ. އެ ކުންފުންޏާއެކު ސޮއިކުރީ 1500 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޕަސެންޖާ ޓާމިނަލަށް އިމާރާތެއް ހަދައި، ކޮންޓްރޯލް ޓަވަރާއެކު ފަޔާ ސްޓޭޝަނެއް ހެދުމަށެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތަށް ގެންގޮސްފައި ހުރި ސާމާނު ރަށުން ބާލާތީ ރައްޔިތުން އިހުތިޖާޖު ކުރަނީ މަގޫދޫ އެއާޕޯޓުގެ މަސައްކަތަށް ގެންގޮސްފައި ހުރި ސާމާނު ރަށުން ބާލާތީ ރައްޔިތުން އިހުތިޖާޖު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ