ރެއާލުން އަމިއްލަ ދަނޑުގައި ސެލްޓަ އަތުން ބަލިވެއްޖެ ރެއާލުން އަމިއްލަ ދަނޑުގައި ސެލްޓަ އަތުން ބަލިވެއްޖެ

މެޑްރިޑް (ޑިސެމްބަރު 8) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި 2-0 އިން ސެލްޓަ ވީގޯ އަތުން ބަލިވެއްޖެ އެވެ.
މި ނަތީޖާއާ އެކު، ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ރެއާލަށް މޮޅުވެވުނީ ދެ މެޗުންނެވެ. އަދި، އެ ޓީމު އޮތީ ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެން ހަތަރު ޕޮއިންޓް ފަހަތުގަ އެވެ. ބާސެލޯނާ އަށް 14 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް 14 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ރެއާލާއި ސެލްޓާގެ ތެރެއިން އެއްވެސް ޓީމަކުން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވެ އެވެ. އެކަމަކު، ދެ ވަަނަ ހާފު ފަށަައިގެން ހަތް މިނިޓް ތެރޭގައި، ވިލިއަޓް ސްވެޑްބާގު ވަނީ މޮޅު ގޯލެއް ޖަހައި، ސެލްޓާ އަށް ލީޑުނަގައިދީފަ އެވެ. މިއީ މި ފަހަރު ލީގުގައި އޭނާގެ ފުރަތަމަ ގޯލެވެ.
ނަތީޖާ ހަމަހަމަކުރަން ރެއާލުގެ ކީލިއަން އެމްބާޕޭ އާއި ވިނީޝިއުސް ޖޫނިއާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ.
ސެލްޓާ އިން ލީޑުނެގިތާ 10 މިނިޓް ފަހުން، ރެއާލަށް އިތުރު މަައްސަލަަތައް ކުރިމަތިވީ، މިިނިޓެއްގެ ތެރޭގައި ހޯދި ދެ ރީނދޫ ކާޑާ އެކު، ރެއާލްގެ ފްރާން ގާސިއާ އަށް ރަތް ކާޑެއް ދެއްކުމެވެ. އަދި، ރެއާލްގެ އަލްވާރޯ ކަރޭރާސް އަށް އިތުރު ވަގުތުގެ ދެ ވަަނަ މިނިޓްގައި ދެ ރީނދޫ ކާޑާ އެކު، ރަތެއް ދެއްކުމުން، ރެއާލުން ނުވަ ކުޅުންތެރިންނާ އެކު ކުޅެން ޖެހުނުއިރު، އޭގެ ފައިދާނަގައި، ސްވެޑްބާގް ވަނީ ސެލްޓާގެ ދެ ވަނަ ލަނޑު ޖަހައިފަ އެެވެ.
ރެއާލުން ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ބަލިވިި މި މެޗުގައި، ބެންޗުގައި އިން ބްރެޒިލްގެ ފޯވާޑް އެންްޑްރިކަށް ވެސް ވަނީ ރަތެއް ދައްކައިފަ އެވެ. އެއީ، ރެފްރީންގެ ނިންމުންތަކާ މެދު ތަކުރާރުކޮށް ޝުއޫރުފާޅުުރި ގޮތުންނެވެ.
ރެއާލުގެ ކޯޗު ޒަބީ އަލޮންސޯ ބުނީ މެޗުގެ ހުރިހާ ކަމެއް ރެއާލާ އިދިކޮޅަށް ދިޔަ އެންމެ ބޮޑު ސަބަބަކީ ރެފްރީ ކަަމަށެވެ. އަދި، މި މެޗުގައި ރެއާލުން ބޭނުންވި ގޮތަށް ކުޅެން ވެސް ފުރުސަތު ނުލިބުނީ، ރެފްރީގެ ނިންމުންތައް އައި ގޮތުންކަން އަލޮންސޯގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ