މިނިސްޓަރު ހީނާ ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައިފި

ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގައި އިއްޔެ އޮތް މި ބައްދަލުކުރެއްވުމުގައި ވަޒީރުގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒާއި ޕާމަނަންޓް ސެކްރެޓަރީ ޔާނިއު ހާޝިމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ، ދިވެހި ފުލުހުންގެ ހިދުމަތާއި ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާ ދެމެދު ދެފަރާތުން އިސްކަންދޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ތާރީހީ އަދި ސަގާފީ ތަރިކަތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި، މުޖުތަމައުގެ އެހީތެރިކަމާއެކު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެފަރާތުން ހިޔާލު ބަދަލުކުރެއްވިއެވެ.
ހަމައެއާއެކު، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ މުއްސަނދި ސަގާފީ ތަރިކައާއި، އާދަކާދަތަކާއި، އުސޫލުތައް ދަމަހައްޓައި އާލާކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ވަޒީރަށާއި އެކަމަނާގެ ވަފުދަށް މަރުހަބާ ދަންނަވައި، ގައުމުގެ ސަގާފީ އަދި ތާރީހީ ތަރިކަ ހިމާޔަތްކުރުމުގައި ކަމާގުޅުންހުރި އެންމެހައި ފަރާތްތަކާއެކު ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ.
އަދި އަންނަން އޮތް ޖީލުތަކަށް ގައުމުގެ އަމިއްލަވަންތަކަން ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ފުލުހުންގެ ހިދުމަތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ