ކަރަންޓު ކެނޑިގެން ކަމަދޫ އަނދިރީގައި

ބޮޑު އީދުގެ ކުޅިވަރުތައް ކުރިއަށް ދަނިކޮށް ބ. އަތޮޅު ކަމަދޫން ކަރަންޓު ކެނޑިއްޖެ އެވެ. 
ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ އެ ރަށުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މިއަދު ހަވީރު 4:30 ހާއިރު ކަމަށެވެ. ދިމާވި މައްސަލަ އަދިވެސް ހައްލެއް ނުކުރެވެ އެވެ. 
"މިހާރު ވެސް މުޅި ރަށް މިއޮތީ ކަނުއަނދިރީގައި،" ޒަރީރު ވިދާޅުވި އެވެ. 
ކަރަންޓު ކެނޑެން މެދުވެރިވީ އިންޖީނުގޭގެ ޕެނަލް ބޯޑެއްގެ ކޭބަލަށް ގެއްްލުންތަކެއް ލިބުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ރަށުގެ ރައްޔިތުންނާއި އީދަށް ޒިޔާރަތްކޮށްފައިވާ ގިނަ އަދަދެއްގެ މީހުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. އަދި މިއަދު ހަވީރު އޮތް އީދު ހަރަކާތްތަކަށް ވެސް ބުރޫއެރި އެވެ. 
ކަމަދޫއަކީ ކޮންމެ އަހަރަކު ވެސް އަޟްހާ އީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ރަށެކެވެ. މި އަހަރުގެ އީދު ހަރަކާތްތައް ބެލުމަށާއި އީދު ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ދިވެހިން އެރަށަށް ޒިޔާރަތް ކުރި އެވެ. 
ލޯކަލް ޓޫރިޒަމް ވެސް ތަރައްގީ ވަމުން އަންނަ ރަށަކަށް ވާތީ މިވަގުތު ވެސް ގިނަ އަދަދެއްގެ ބޭރުގެ ޓޫރިސްޓުން ވެސް އެރަށުގައި ތިބަ ތިއްބެވެ.
ޒަރީރު ވިދާޅުވީ، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ މިއުޒިކް ޝޯ ފެށުމުގެ ކުރިން ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލުކުރުމަށް ފެނަކައިގެ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކަމަދޫގެ ބައެއް މަގުތަކުގައި ސޯލާއިން ދިއްލޭ ލައިޓުތައް ހުރުމުން އެ މަގުތައް އޮތީ އަލިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ