އުތުރުގެ ވޯޓަރ ބަންކަރިންގ ޚިދުމަތަށް ބޭނުންވާ ފެން ބާޖް ތުރާކުނުގައި ބޭއްވުމަށް އެއްބަސްވުވުމެއްގައި ސޮއިކޮށްފި

އުތުރު މެރިޓައިމް ސަރވިސްއިން ފޯރުކޮށްދޭ ވޯޓަރ ބަންކަރިންގ ޚިދުމަތަށް ބޭނުންވާ ފެން ބާޖް ތުރާކުނުގައި ބޭއްވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ތުރާކުނު ކައުންސިލާ ދެމެދު މިއަދު އެއްބަސްވުވުމެއްގައި ސޮއިކޮށްފިއެވެ.ތުރާކުނު ކައުންސިލްގެ އިދާރާގައި މިއަދު މެންދުރު ބޭއްވުނު ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. އަދި ތުރާކުނު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ތުރާކުނު ކައުންސިލްގެ ރައީސް ޢަލީ އަބްދުއްލަތީފެވެ.މި އެއްބަސްވުމުގެ ދަށުން، އުތުރުގައި ވޯޓަރ ބަންކަރިންގ ޚިދުމަތް ދިނުމަށް އެމްޕީއެލްއިން ބޭނުންކުރާ ފެން ބާޖު ބާއްވާނީ ތުރާކުނުގައެވެ. އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވި ގޮތުގައި ފެން ބާޖު ތުރާކުނުގައި ބާއްވައި، އެ ބާޖް ރީފިލް ކުރުމުގެ މަސައްކަތްވެސް ކުރާނީ ތުރާކުނުގައެވެ."މިހާރުވެސް ގްރީކްގެ ބޯޓު އޮޕަރޭޓްކުރާ ފަރާތަކުން އެބައޮތް ފެން ހޯދަން އެދިފައި. ލަސްތަކެއްނުވެ އެގޮތަށް އެ މަސައްކަތް ފަށާނެ. މި ދާއިރާގެ ތަޖުރިބާކާރުންވެސް ވިދާޅުވަނީ މިއީ ވަރަށް ބޮޑު މާކެޓެއް ހުޅުވިގެންދާނެ ކަމެއް ކަމަށް. އެގޮތަށް ލަފާކުރެވެނީވެސް،" އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވިއެވެ.އެމްޕީއެލްގެ ސީއީއޯ އިތުރަށް ވިދާޅުވި ގޮތުގައި ވޯޓަރ ބަންކަރިންގއަކީ އުތުރު މެރިޓައިމް ސަރވިސްގެ (ޔޫއެމްއެސް) ތެރެއިން ހުޅުވޭނެ އިތުރު މާކެޓެއް ކަމަށް އެ ކުންފުނިން ޤަބޫލްކުރެއެވެ. މި އެއްބަސްވުމާއެކު އުތުރުގެ ރަށްތަކަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ