ހޯމަ ދުވަހާއި ހިސާބަށް މޫސުން ގޯސް، މިއަދު 61 މޭލަށް ވައި ޖެހުނު

އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފިއެވެ.
އެ އިދާރާއިން މިއަދު އާންމުކުރި ބަޔާނުގައި ބުނީ ރާއްޖޭ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެއާއި ދުރުން އުތުރާއި ދެކުނުގައި  ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި، ވޭތުވެދިޔަ ހަތަރު ދުވަހު އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަހައްދަށް އާންމުވައި ގަދަވެ، ވިލާގަނޑުގައި ވައި ވަރަށް ގަދަވެފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ ވިލާގަނޑުގައި މިއަދު ހުޅުލެއަށް 61 މޭލު ބާރުމިނުގައި ވައިޖެހިފައިވާ ކަމަށެވެ. އަދި މި މަހު 8 ވަނަ ދުވަހު ފުވައްމުލަކަށް 120 މިލިމީޓަރު ވާރޭ ވެހުނުކަމަށެވެ.
ހޯމަދުވަހާއި ހަމައަށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި އެވްރެޖުކޮށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހި، ބޮޑުބަޔަކަށް ގަދަވަޔާއިއެކު ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމުގައި މޫސުމާއި ބެހޭ އިދާރާއިން ބުންޏެވެ.
ދެކުނުގެ އަތޮޅުތަކުގައި އެވްރެޖުކޮށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދު ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވާއިރު ބައެއް އަތޮޅުތަކަށް ގަދަވަޔާއިއެކު ވިއްސާރަކޮށް ގުގުރާ، ވިލާގަނޑުގައި  ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަ ވުން އެކަށީގެންވާ ކަމުގައި އެ އިދާރާއިން އާންމުކޮށްފައިވާ ބަޔާނުގައި ވެއެވެ.
އެ އިދާރާއިން އިތުރަށް ބުނީ އާންމުކޮށް އުދައަރާ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށާއި ގަދަވަޔާއިއެކު ކަނޑުތައް ގަދަވެ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވެ ލެއްވުމަށް އިލްތިމާސް ކުރާކަމަށެވެ.
ކަނޑު ދަތުރު ކުރާ ފަރާތްތަކުން ދަތުރައް ފެއްޓުމުގެ ކުރިން މޫސުމީ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ