އީސްޓާ ބޮމުގެ ހަމަލާގައި މަރުވި މީހުންނަށް ބަދަލުދޭން ލަންކާ ސުޕްރީމް ކޯޓުން ސިރިސެނާއަށް އަންގައިފި

2019 ވަނަ އަހަރު ލަންކާގައި ދިން ނުރައްކާތެރި ބޮމުގެ ހަމަލާގައި މަރުވި 270 މީހުން މަރުވީ އެ ޤައުމުގެ ކުރީގެ ރައީސް އަދި އިތުރު ހަތަރު މީހަކު އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުންކަމަށް ކަނޑައަޅައި، މަރުވި މީހުންނާއި އެމީހުންގެ އާއިލާތަކުގެ އަސާސީ ހައްގުތައް ނިގުޅައިގަނެފައިވާތީ ބަދަލު ދިނުމަށް ސްރީލަންކާގެ ސުޕްރީމް ކޯޓުން އެ ފަސް ބޭފުޅުންގެ މައްޗަށް އަމުރުކޮށްފިއެވެ.
ލަންކާގެ އެންމެ މަތީ ކޯޓުގެ 7 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުން ބުރާސްފަތިދުވަހުވަނީ އެ ޤައުމުގެ ކުރީގެ ރައީސް މައިތިރިޕަލަ ސިރިސެނާގެ އަމިއްލަ ފައިސާއިން މަރުވި މީހުންގެ އާއިލާތަކަށް 100 މިލިއަން ރުފީސް ނުވަތަ 273،300 އެމެރިކާ ޑޮލަރު ދެއްކެވުމަށް އަމުރުކޮށްފައެވެ.
ސިރިސެނާގެ އިތުރަށް އެއިރުގެ ފުލުހުންގެ ވެރިޔާއާއި އިންޓެލިޖެންސްގެ އެންމެ އިސް ދެ ވެރިންނާއި ޑިފެންސްގެ ސެކްރެޓަރީގެ މައްޗަށް އެ ބޭފުޅުންގެ އަމިއްލަ ފައިސާއިން ޖުމްލަ 210 މިލިއަން ރުޕީސް ނުވަތަ 574،000 ޑޮލަރު ދިނުމަށް ކޯޓުން އަމުރުކުރިއެވެ.
ކުރިސްޓިއަނުންގެ އީދެއްކަމަށްވާ އީސްޓާގެ ޚާއްޞަ އަޅުކަމަށް ޗާޗުތަކަށް އެއްވެ ތިބި މީހުންނަށާއި ފަތުރުވެރިންނަށް އަމާޒުކޮށް އިންތިޒާމުވެގެން އެއް ވަގުތެއްގައި ދިން ހަ ބޮމުގެ ހަމަލާތައް ރާވައި ތަންފީޒުކުރީ އައިސިސްއަށް ބައިއަތު ހިފައިގެން މަސައްކަތްކުރި ޖަމާއަތަކުންނެވެ. ހަ ހަމަލާއިން 3 ހަމަލާ އަމާޒުކުރީ ފައްޅިއަށެވެ. އަނެއް ތިން ހަމަލާދިނީ ހެނދުނުގެ ނާސްތާއަށް ފަތުރުވެރިން ތިއްބައި ތިން ހޮޓަލަކަށެވެ.
އެއިރު ލަންކާގެ ބޮޑުވަޒީރާއި ސިރިސެނާގެ މެދުގައި އުފެދުނު ނުތަނަވަސްކަމެއްގައި ދެ ބޭފުޅުންގެ މެދުގައި މުވާސަލާތުކުރުން އެކީ ހުއްޓިފައި އޮތުމަކީ ބޭރުގެ އެކި އިންޓެލިޖެންސް އިދާރާތަކުން ލިބުނު މައުލޫމާތުތަކާއެކުވެސް އެ ހަމަލާ ނުހުއްޓުވުނު ސަބަބުކަމަށް ޤަބޫލުކުރެވިފައިވެއެވެ.
ކޯޓުން ފާހަގަކުރި ގޮތުގައި އެއިރު ރައީސްގެ ހައިސިއްޔަތުން ދިފާއީ ބާރުގެ އެންމެ އިސްވެރިޔަކަށް ހުންނެވި އަދި ޑިފެންސް މިނިސްޓަރުގެ މަޤާމުގައިވެސް ހުންނެވި ސިރިސެނާ ބަރާބަރަށް ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުންތައް ނުބާއްވައެވެ. އަދި ބޭއްވެވި ބައްދަލުވުންތަކުގައިވެސް މުހިއްމު ބައެއް ބޭފުޅުން ބައިވެރިނުކުރައްވައެވެ.
"މިހުރިހާ ކަމަކީ އެއިރުގެ ރައީސް މުހިއްމު އެތައް ކަމެއް އުނިކުރައްވާފައިވާކަމުގެ ޙަޤީޤަތުގެ މައްޗަށް ފުރިހަމައަށް ދަލީލުކުރާ ހެއްކެއް،" ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވެއެވެ. "ރައީސް ސިރިސެނާގެ ނާޤާބިލުކަމާއި ނުކުޅެދުންތެރިކަމުން މި ވަތަނަށް ކުރިމަތިވީ ކާރިސާއެއް،" ސިރިސެނާގެ ނާޤާބިލުކަން ފާހަގަކޮށް އެ ހުކުމުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ