ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެ އެންމެ ފަހު ނޭވަޔާ ހަމަޔަށް ހިތްވަރުގަދަ ޤައުމީ ބަޠަލު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫޙު ތާއަބަދު މި ޤައުމުގައި ދިރިދިރި ހުންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން އެންމެ ފަހު ނޭވަޔާ ހަމަޔަށް ހިތްވަރުގަދަ ޤައުމީ ބަޠަލު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫޙު ތާއަބަދު މި ޤައުމުގައި ދިރިދިރި ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި މީސްމިޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވީ ޤައުމަށްޓަކައި ޖިހާދު ކުރައްވައި ޝަހީދުވި ފަހުލަވާނުންނާއި، ޤައުމީ ޚިދުމަތުގައި ވާޖިބު އަދާކުރަމުން ދަނިކޮށް ޝަހީދުވި ހިތްވަރުގަދަ ކެރޭ ދަރީންގެ ފަނޑުވުމެއް ނެތް ޒިކުރާވެސް މިއަދު އަޅުގަނޑުމެން މިއާކުރަނީ ޝުކުރުވެރިކަމާއެކުގައި ކަމަށެވެ.
ދިވެހި ޤައުމުގެ ދިފާޢުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަސްގެފާނު ޝަހީދުވިތާ މިއަދަށް މި ފުރުނީ 482 އަހަރުކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެ ކަމަށެވެ. އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލެއްވީ، މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއެކު މިނިވަންކަންމަތީ ދިވެހި ޤައުމު ދެމިއޮތުމަށް އެދިވަޑައިގަންނަވަމުންނެވެ.
ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ އަލިރަސްގެފާނުގެ ހިތްވަރުގަދަ ޖިހާދުގެ ހަނދާން އައުކުރައްވައި، ޝަހީދުންގެ ދުވަހުގެ ހެޔޮއެދުންތައް ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ