ސަރަނގު އާދަމް މަނިކުގެ ތާއީދު މޫސާ ޖަލީލަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރަކަށް ޕީއެންސީގެ ޓިކެޓުގައި ކުރިމަތިލެއްވި މޫސާ އަލީ ޖަލީލަށް ތާއީދު ކުރައްވާ ކަމަށް މާލޭގެ ފުރަތަމަ މޭޔަރު ކަން ކުރެއްވެވި ސަރަނގު އާދަމް މަނިކު މިއަދު ހާމަކުރައްވައިފިއެވެ.މޫސާ ޖަލީލާ މިއަދު ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް އަބަދުވެސް އިންތިހާބު ވަނީ ސަރުކާރާ ދެކޮޅު ޕާޓީއެއް ކަމަށާއި އޭގެ ސަބަބުން މާލެ ތަރައްގީ ކުރުމުގެ ބަދަލުގައި އޮންނަނީ ދެބައި މީހުން މައްސަލަތައް ކަމަށެވެ."މުސްކުޅިން ބުނާ ހެން ބޮޑު ދެގެރި ތަޅަންޔާ ކައްގަލަށް ބާރު ކުރާނެ. ކައްގަލަކީ މާލެ." އޭނާ ވިދާޅުވި އެވެ.މާލެ ތަރައްގީ ކުރެވޭނީ ސަރުކާރުގެ އެއްބާރުލުމާ އެކު ކަމަށާއި ފައިސާ އާއި އެކަން ކުރެވޭނެ ވަސީލަތްތައް ހުރީ ވެސް ސަރުކާރުގައި ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ. އެހެންވެ ވަރަށް ބޮޑަށް ވިސްނާފައި މި ފަހަރު ސަރުކާރުގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓަށް ތާއީދު ކުރަން ނިންމެވި ކަމަށް އޭނާ ވިދާޅުވި އެވެ.އޭގެ އިތުރުން މޫސާ ޖަލީލަކީ މާލެ ބޭފުޅަކަށް ވެފައި ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނެވި އިރު ހިންގެވި ޕްރޮގްރާމްތައް އޭނާ ކުރިޔަށް ގެންދަވާނެ ކަމަށް އުންމީދު ކުރައްވާނެ ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ. ސަރަނގު އާދަމް މަނިކަކީ މާލޭ ސިޓީގެ ފުރަތަމަ މޭޔަރު އަދި މާލޭ މުނިސިޕަލްޓީގެ ކުރީގެ ރައީސްވެސްމެއެވެ.މާލޭގެ ފުރަތަމަ މޭޔަރުކަން ކުރެއްވީ ސަރަނގު އާދަމް މަނިކެވެ. ނަމަވެސް މޭޔަރުގެ މަގާމުން 2011 ވަނަ އަހަރު އިސްތިއުފާ ދެއްވިއެވެ. އެހެން ނަމަވެސް މާލޭ ސިޓީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ދައުރު ފުރިހަމަ ކުރެއްވި އެވެ.އެމްޑީޕީގެ ހަރަކާތްތަކުން ކުރިން ފެނުނު ސަރަނގު އާދަމް މަނިކު ވަނީ ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީގައިވެސް ހަރަކާތްތެރިވެ ވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ