ވައްކަމުގެ މައްސަލައިގައި ހައްޔަރު ކުރުމުން: "އެ ގެއަށް ވަނީ ބަޔަކު މާރާމާރީ ހިންގަން އުޅޭތީ"

ވައްކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު, ހުއްދަ ނެތި ގެއަކަށް ވަނީ ބަޔަކު މާރާމާރީ ހިންގަން އުޅޭތީ ކަމަށް ކޯޓުގައި ބުނެފިއެވެ. ވައްކަން ކުރުމާއި ހުއްދަ ނެތި ގޯތިގެދޮރަށް ވަނުމުގެ ތުހުމަތުގައި އިއްޔެ ވަނީ ށ. ފޭދުއަށް ނިސްބަތްވާ 42 އަހަރުގެ ފިރިހެނެއްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފައެވެ. ހުއްދަ ނެތި ގެއަކަށް ވަދެ ވައްކަން ކުރި ކަމުގެ ތުހުމަތު އޭނާއަށް ކުރެވޭއިރު ކޯޓުގައި އޭނާ ބުނެފައިވަނީ އޭނާ އެ ގެއަށް ވަނީ ބަޔަކު މީހުން މާރާމާރީ ހިންގަން އުޅޭތީ ފިލަން ވެގެން ކަމަށެވެ. އަދި އެ ގެއިން ވައްކަމެއް ކުރަން އުޅެފައި ނުވާނެ ކަމަށް ބުންޏެވެ. ނަމަވެސް ފުލުހުން ކޯޓުގައި ބުނެފައިވަނީ އޭނާގެ އަތުން ނަރުކެނޑިއެއް ފެނިފައިވާ ކަމަށާއި އެ ގެއިން މައުލޫމާތު ދިން މީހަކު ތުހުމަތު ކުރެވޭ މީހާ މީގެ ކުރިން ވެސް އެ ގެއިން ވައްކަން ކުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ދީފައިވާ ކަމަށެވެ. އޭނާ ކޯޓުގައި ބުނެފައިވަނީ ވަކީލެއްގެ ފުރުސަތު ވެސް ބޭނުން ނުވާ ކަމަށެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރި ކޯޓު އަމުރުން އެނގޭގޮތުގައި އޭނާއަކީ ވައްކަމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށް ބަންދުގެ ރެކޯޑް އޮތް މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ