އެއްގަމު މަގުން ދީފާނެ ހަމަލާއަކާ ގުޅިގެން އީރާނުން އެމެރިކާއަށް އިންޒާރު ދީފި

އެމެރިކާއިން އެއްގަމު މަގުން އަސްކަރީ ހަމަލާއެއް ދިނުމަށް ރާވަމުންދާ ކަމަށް ތުހުމަތުކުރަމުން، އެފަދަ ކޮންމެ ހަމަލާއަކަށް ރައްދުދޭން ތައްޔާރަށް އޮތް ކަމަށް އީރާނުން މިއަދު ބުނެފި އެވެ.
ނަމަވެސް، ހަމަ އެއާ އެކު މަޝްވަރާގެ މަގު އިހްތިޔާރު ކުރުމަށް ޝައުގުވެރިކަން ހުރި ކަމުގެ އިޝާރާތެއް ވެސް އީރާނުން ވަނީ ދީފަ އެވެ.
"އެމެރިކާއިން ބޭނުންވަނީ އީރާނުން ބޯލަނބާ އަމާންދިނުން ކަމަށްވާ ނަމަ، އަޅުގަނޑުމެންގެ ޖަވާބަކީ ދުވަހަކު ވެސް ނިކަމެތިކަމާއި އިހާނެތިކަން ގަބޫލުނުކުރާނެކަން،" އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވި އެވެ.
އީރާނުން މި އިންޒާރު ދީފައިވަނީ އެމެރިކާއިން އެއްގަމު މަގުން އަސްކަރީ ހަރަކާތްތަކެއް ހިންގުމަށް ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓުތައް ފެންމަތިވެ، އެ ސަރަހައްދަށް އިތުރު ސިފައިން ފޮނުވަމުންދާ ދަނޑިވަޅެއްގަ އެވެ.
މި ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި، ޕާކިސްތާނާއި ސައުދީ އަރަބިއްޔާ އާއި ތުރުކީ އަދި މިސްރު ހިމެނޭހެން ސަރަހައްދީ ބާރުތަކުން މިހާރު ދަނީ އިސްލާމްއާބާދުގައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަމުންނެވެ.
މަހެއްހާ ދުވަހަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގެ ނިޒާމަށް ބުރޫއަރައި ތެލުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
މި ސަރަހައްދުގައި ހަމަލާ ބަދަލުކުރުންތައް މެދުނުކެނޑި ކުރިއަށްދާއިރު، އިޒްރޭލުން ދަނީ އީރާނުގެ އެކި އަމާޒުތަކަށް ހަމަލާ ދެމުންނެވެ. މީގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅީގެ ބޮޑު ބައެއް ބަންދުވެފައި އޮތުމުގެ ސަބަބުން، ކަނޑުދަތުރުފަތުރުގެ މަގުތަކަށް އޮތް ނުރައްކާ ވެސް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ