މިހާރު އުވާލާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ އޭރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެން ކޮމިޝަންގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްފި އެވެ.
ވީ ކިހިނެއް؟ - ޖިންސީ ފުރައްސާރައިގެ މައްސަލަ ފެންމަތިވެ، ފަޒީން މަގާމުން ވަކިކުރުމުގެ މަރުހަލާ މަޖިލީހުން ފަށާފައިވަނިކޮށް، މިދިޔަ މާޗު މަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނި ގޮތުގައި، އެ މައްސަލައިގައި ފަޒީންގެ މައްޗަށް މިދިޔަ އާދިއްތަ ދުވަހު ވަނީ ދައުވާ އުފުލާފަ އެވެ.
ތަފްސީލު - ޕީޖީ އޮފީހުގެ ތަރުޖަމާނު އަހްމަދު ޝަފީއު މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ގާނޫނުލްއުގޫބާތުގެ ދަށުން ދެ ދައުވާއެއް ފަޒީންގެ މައްޗަށްކޮށްފައިވެ އެވެ. އެއީ:
ޖިންސީ ގޯނާ ކުރުމުގެ ދައުވާ
ގައިގައި އަތްލުމުގެ ދައުވާ
ގުޅުން ހުރި - ފަޒީން ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް އޭރު ދޮގުކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ތުހުމަތުތަކަށް ބާރުދޭ ހެއްކެއް ވެސް ނެތެވެ.
"މި މައްސަލަ ކޮމިޝަނުގެ ކޮމިޓީއަކުންނާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ފުލުހުން ތަހުގީގު ކުރުމުން ވެސް ބުނި ބުނުން ފިޔަވައި ގުޅުވައިލެވޭނެ އިތުރު އެއްވެސް ހެއްކަކާއި ގަރީނާއެއް ވެސް ދެއްކިފައި ނުވުމަކީ މިއީ ބުހުތާނު ދޮގެކޭ ދަންނަވަން ޖެހޭ އެއް ސަބަބު،" މަގާމުން އިސްތިއުފާ ދެއްވަމުން ފަޒީންގެ ވަކީލުން ނެރުއްވި ބަޔާނުގައިވެ އެވެ.
ބްރޯޑްކޮމްގެ މެންބަރަކަށް ފަޒީން އައްޔަންކޮށްފައިވަނީ 7 މާޗު 2021ގަ އެވެ. އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ 19 ޖެނުއަރީ 2023ގަ އެވެ.
ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް ފަޒީންއަށް ދައުވާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ