ބިދޭސީއަކު ދުއްވި ވޭނެއް ބެލިއިރު ފެނުނީ 134 ފުޅި ބަނގުރާ

ހުޅުމާލޭގައި ބިދޭސީއަކު ދުއްވި ވޭނަކުން 134 ފުޅި ބަނގުރާ ފެނިގެން ހައްޔަރުކޮށްފިއެވެ. އިއްޔެ މި މައްސަލައިގައި ހައްޔަރުކުރީ، ބަންގަލްދޭޝަށް ނިސްބަތްވާ 31 އަހަރުގެ އެމްޑީ ޖެވެލް ހޮސެންއެވެ. ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ، އިއްޔެ ހެނދުނު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު، ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސް ކުރުމަށް ފަހު ކަމަށެވެ. އެގޮތުން، ހުޅުމާލޭ ބަނދަރު ސަރަހައްދުން އޭނާ ދުއްވި ވޭން، ހުއްޓުވައި ބަލައިފާސްކުރިއިރު 134 ފުޅި ބަނގުރާ ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބަނގުރާ ނައްތާލުން: ބިދޭސީއަކު ދުއްވި ވޭނެއް ބެލިއިރު، 134 ދަޅު ބަނގުރާ ފެނިގެން ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، ބަނގުރަލުގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ބިދޭސީންތަކެއް ވަރަށް ފަހުން ވެސް ހައްޔަރުކުރިއެވެ. އެ ގޮތުން، މިދިޔަ ހޯމަ ދުވަހު ވަނީ، މާލޭގައި ބަނގުރާ އުފައްދައިގެން ވިއްކާ ކަމުގެ ތުހުމަތުގައި ފަސް ބިދޭސީން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ، އެ މީހުން ހައްޔަރުކުރަން ހިންގި އޮޕަރޭޝަންގެ ތެރެއިން މާލޭގެ ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިތަކަކާއި ބަނގުރާ އުފައްދަން ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށެވެ. އަދި، ފަސް މީހުން ވެސް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކުރަން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގެ އިތުރަށް ވެސް ބަނގުރަލުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބިދޭސީންގެ މައްސަލަ ފެންމަތިވާ މިންވަރު ވަނީ އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ