މި އަހަރު އޮލިމްޕަހުގައި އެންމެ ފުރަތަމަ ޕްރެމިއާކުރާ ފިލްމުތަކުގެ ތެރެއިން 'ދޯދި' އަކީ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެއް ފިލްމެވެ. އެއީ ޒުވާން ފަންނުވެރިންތަކެއް ހިމެނޭ ޓީމަކުން އުފައްދާފައިވާ ފިލްމެއްގެ އިތުރުން މި ފިލްމުން ތައާރަފުވާނީ ވެސް ދިވެހި ސިނަމާއަށް މުޅިން އާ މޫނުތަކެކެވެ.
'ދޯދި' އަކީ މަލް ނަމަކަށް ކިޔާ ޒުވާން އަންހެން ކުއްޖެއްގެ ހަޔާތުގެ މުހިއްމު ސޮފުހާއެއް ކިޔައިދޭ ފިލްމެކެވެ. އޭނާ ސުކޫލު ނިންމުމަށް ފަހު، ފުރާވަރަށް އަރައިގެން މުޅިން އާ ކަންތައްތަކާ ކުރިމަތިލައި، ހަޔާތުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، ރަހުމަތްތެރިންނާއި އޭނާގެ މަންމައާ އޮތް ގުޅުން އާއްމުކޮށް ނުފެންނަ އޭންގަލްއަކުން ސިފަކޮށްދެ އެވެ.
މަލްގެ ރޯލު ކުޅެފައިވަނީ ދާއިރާއަށް މުޅިން އާ އެކްޓަރެއް ކަމަށްވާ ލާނާ ޖަލީލް އެވެ. މަލްއާ އެކު ދެން ފެންނަ ކެރެކްޓަރުންގެ ތެރޭގައި އޭނާގެ ގާތް ރަހުމަތްރިން ކަމަށްވާ ޝާ އަދި ޔައިޝްގެ ރޯލު ކުޅެފައިވަނީ އައިމިނަތު އިންނަ އާއި ޝަހުދާން ޝަރީފް އެވެ. މިއީ ވެސް ދިވެހި ސިނަމާއަށް އަލަށް ތައާރަފުވާ އެކްޓަރުންނެވެ.
ފެންނަ ފެނުމަށް އާދައިގެ ވާހަކައެއް ހެން ހީވިއަސް، މިއީ ދިވެހި ސިނަމާގައި އަދި މިހާތަނަށް ދައްކުވައިދީފައި ނުވާ ވާހަކައެއް ކަމަށް ފިލްމު ލިޔެ އަދި ޑިރެކްޓުކުރި މޮވަނު ޝަފީގު ބުންޏެވެ. ފިލްމުގެ ޓީޒާ އާއި ސޯޝަލް މީޑިއާގައި މިހާތަނަށް ޝާއިއުކޮށްފައިވާ ޕޯސްޓުތަކުން ސިފަވަނީ ވަރަށް ސާދާ 'ސިމްޕަލް' ސްޓައިލެއްގެ މަންޒަރުތަކެކެވެ. ގޮތް ބޮޑެއް ނޫނެވެ. އަދި މިހާތަނަށް ދައްކާލި ފުރަތަމަ މަންޒަރުތަކުން ވެސް ކޮންމެ ދިވެއްސަކާ ގުޅިލާމެހިފައިވާ ކަންތައްތަކާއި ޑައިލޮގުތަކެއް ފެނެ އެވެ. އެކަމަކު މިއީ ހަމައެކަނި ޓީޒާތަކެވެ. ފިލްމަށް ހަގީގީ އިންސާފެއް ކުރެވޭނީ ފިލްމު ބެލުމަށް ފަހު އެވެ.
މޮވުނު ބުނިގޮތުގައި "ކަމިންގް އޮފް އޭޖް ސްޓޯރީ" އަކީ ދިވެހި ފިލްމު ދާއިރާއަށް މުޅިން އާ ކޮންސެޕްޓެކެވެ.
"މޫމިންގެ 'ލޫދިފާ' ނުވަތަ ޑާކްރެއިން އެންޓަޓެއިންމަންޓްގެ 'ބީވީމާ'އިން މިކަހަލަ ކޮންސެޕްޓުގެ މިސާލުތަކެއް ހުރި ނަމަވެސް އޭގެ ތެރެއިން އެއްވެސް ކެރެކްޓާއެއް އެހާ ޕާސަނަލް ލެވެލްއެއްގައި ޒުވާން ކެރެކްޓާތަކެއްގެ ވާހަކައެއް ނުދައްކާ"، އޭނާ ބުންޏެވެ.
އޭގެ ބައެއް ސަބަބުތަކަކީ، އޭނާ ބުނި ގޮތުގައި، އެކްޓަރުން ކާސްޓު ކުރުމުގަ އާއި ފިލްމަކުން ލިބޭނެ ކޮމާޝަލް ކާމިޔާބީއެއް ޔަގީން ނުކުރެވޭތީ ކަމަށް ވުން އެކަށީގެންވެ އެވެ. މީގެ އިތުރުން، މިއަދުގެ ސޯޝަލް މީޑިއާގެ މާހައުލުގައި، މީހުން އަދި ހާއްސަކޮށް ޒުވާން އުމުރުގެ މީހުންނަށް ފުރައްސާރަ ކޮށްފާނެ ކަމުގެ ބިރު ހީވެ، އެކަހަލަ 'ޕާސަނަލް' ރޯލުތައް ކުޅެން އެކްޓަރުން ޖެހިލުން ވުން އެކަށީގެންވާ ކަމަށް ވެސް ބުންޏެވެ.
މޮވުނު ބުނީ ފިލްމުގެ ވާހަކަ އާއި 'ފްލޯ' ވެސް ބެލުންތެރިން އާންމުކޮށް ސިނަމާތަކުގައި ފެންނަ މަންޒަރުތަކާ ވަރަށް ތަފާތު ވާނެ ކަމަށެވެ.
"'ދޯދި'ގައި އެކްޝަން ނުވަތަ ތްރިލާ ފިލްމުތަކުން ފެންނަ ކަހަލަ ޕްލޮޓް ޕޮއިންޓެއް ނެތް. ވާހަކަ ގެނެސްދީފައިވަނީ ޓްރެޑިޝަނަލް ސްޓްރަކްޗާއެއްގައެއް ނޫން. އަދި މިއުޒިކް ނަންބަރެއް ވެސް ނުހިމެނޭ. މާލޭގެ ހަލަބޮލިކަމާއި ނުތަނަވަސްކަމުގެ ތެރެއިން ދައްކައިދޭ ހަގީގީ ސްޓައިލްއަކަށް ސިފަކޮށްދޭ ވާހަކައެއް. އަޅުގަނޑުގެ ގިނަ ފިލްމުތަކަކީ މި ކަހަލަ ސްޓްރަކްޗާއަށް ތަބާވާ ފިލްމުތަކެއް"، އޭނާ ބުންޏެވެ.
'ދޯދި' ހަމައެކަނި ތަފާތު ވަނީ އެ ފިލްމު ގެނެސްދޭ ސްޓައިލްއަށް އެކަންޏެއް ނޫނެވެ. ފިލްމުގެ ދިގުމިނަކީ ގާތްގަނޑަކަށް އެއް ގަޑިއިރާ 42 މިނެޓެވެ. އާއްމުކޮށް، މިހާތަނަށް އުފައްދާފައިވާ ގިނަ ދިވެހި ފިލްމުތައް ދެ ގަޑި އިރާއި ތިން ގަޑިއިރަށް ދެމިގެންދެ އެވެ. އެގޮތުން 'ދޯދި' އަކީ ކުރު އަދި ފޮނި ގޮތަކަށް ބެލުންތެރިންގެ ޝައުގު ވެސް ހިފަހައްޓާނެ ފިލްމެއް ކަމަށް ބެލެވެ އެވެ.
މިއީ ސްޓާލިޓް ޕްރޮޑަކްޝަންސް އާއި ޝެޕާޑް މޯލްޑިވްސްގެ ފުރަތަމަ ފީޗާ ފިލްމެވެ.
ތަފާތު ވާހަކައެއް ބެލުންތެރިންނަށް ގެނެސްދިނުމަށް ލިބުނު ބަޖެޓާއި، ވަގުތާއި ހުނަރަށް ބިނާވެގެން ފިލްމު ފުރިހަމަކުރުން މުހިއްމުވި ކަމަށް މޮވުނު ބުންޏެވެ. ފިލްމުގަ އާ މޫނުތަކެއް އެކްޓަރުންގެ ގޮތުގައި ތައާރަފުވާ އިރު ދިވެހި ފިލްމީ ދާއިރާގައި އިސް ރޯލުތަކުން ފެނިފައިވާ ކުޅަދާނަ އެކްޓަރުން ވެސް 'ދޯދި'ގައި ހިމެނެ އެވެ. އޭގެ ތެރެއިން އާމިރާ އިސްމާއިލް، ވާޝިޔާ މުހައްމަދު، ޒަލީޝާން، ފައިރޫޒް އަދި އަހްމަދު އިޔާސް ހިމެނެ އެވެ.
ފިލްމު 'ދޯދި'ގައި ހުށަހަޅައިދެނީ އުއްމީދުން ފުރިފައިވާ ވާހަކައެކެވެ. ފިލްމާ އެއްފަދައިން ފިލްމު އުފެއްދުމުގައި، ކެމެރާގެ ފަހަތުގައި ހަރަކާތްތެރިވި ފަންނުވެރިން ވެސް ރަމްޒުކޮށްދެނީ ދިވެހި ފިލްމީ ދާއިރާއަށް ގެނެސްދޭނެ އުއްމީދީ ފޮނި މުސްތަގުބަލެކެވެ.
'ދޯދި' އަކީ މޮވުނު ޑިރެކްޓުކުރި ފުރަތަމަ ފީޗާ ފިލްމަށް ވެފައި މިއީ ފިލްމުގެ ޑިރެކްޓާ އޮފް ފޮޓޯގްރަފީ ލައު މުހައްމަދުގެ ވެސް ފުރަތަމަ ފީޗާ ފިލްމެވެ. ބައިވެރިވި ސްޓޫޑިއޯތަކުގެ ކްރޫންގެ ތެރޭގައި ޝެފާޑް މޯލްޑިވްސް، މަދޮޝިޕް ސްޓޫޑިއޯ އަދި އޮކްނޯގެ ޓީމު ހިމެނޭއިރު، ފިލްމަށް ހާއްސަކޮށްގެން ބައިވެރިވި އެކި 'އިންޑިޕެންޑަންޓް ކްރިއޭޓިވްސް' ވެސް ހިމެނެ އެވެ. އެގޮތުން ޒުވާން ފަންނުވެރިންގެ ވިސްނުމާއި އުފެއްދުންތެރިކަން މި ފިލްމުގެ ޒަރިއްޔާއިން ފެންނާނެ ކަމަށް މޮވުނު ބުންޏެވެ.
ދިވެހި ފިލްމީ ދާއިރާ މިހާރު އޮތް ހާލަތާ މެދު ވިސްނާލަމާހެއްޔެވެ. ފަންނުވެރިން މަދެއް ނޫނެވެ. ފިލްމު ޑިރެކްޓަރުންނާއި، އުފެއްދުންތެރިންނާއި، ދިވެހި މުޖުތަމައުއާ ބެހޭ ގޮތުން ކިޔައިދެވޭނެ މުހިއްމު އަދި ބޭނުންތެރި ވާހަކަތައް ވެސް މަދެއް ނޫނެވެ. ފިލްމަކީ އާޓްސް ދާއިރާގައި ހިމެނޭ 'ވިޝުއަލް އާޓް' ވެފައި ދުނިޔޭގެ ޓެކްނޮލޮޖިކަލް ކުރިއެރުމާ އެކު އާއްމުކޮށް ނުދެކެވޭ ވާހަކަތައް ދިވެހި ސިނަމާއަށް އާ އަދި ނުފެންނަ ސްޓައިލްއަކަށް ހުށަހަޅައިދީ ގިނަ ބެލުންތެރިން ދިވެހި ސިނަމާއަށް ޝައުގުވެރި ކުރުވުން ކުރިއަށް ވުރެން ބޮޑަށް މުހިއްމު ވެއްޖެ އެވެ. އުއްމީދަކީ އަދިވެސް ގިނަ ފަންނުވެރިން މި ދާއިރާގައި ޖެހިލުން ކުޑަކޮށް އެމީހުންގެ ވާހަކަތައް ތަފާތު ވައްޓަފާޅިއަށް ހުށަހަޅާދޭނެ ކަމެވެ.
ދޯދި ފިލްމު އޮލިމްޕަހުގައި ޕްރެމިއާ ކުރާނީ މި މަހު 28ގަ އެވެ.
ދޯދި: މިއީ ދިވެހި ސިނަމާއަށް އާ އުންމީދެއް ގެނެސްދޭނެ ފިލްމެއްބާ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ