ގަވާއިދާ ހިލާފަށް ބަދަލުކުރި 129 މިލިއަން ޑޮލަރުގެ ތެޔޮ މެލޭޝިއާއިން އަތުލައިގެންފި

ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ތެޔޮ ބަދަލުކުރަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ދެ ޓޭންކަރަކުން 129.9 މިލިއަން ޑޮލަރުގެ ސާފުނުކުރާ ތެޔޮ މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން އަތުލައިގެންފި އެވެ.
މެލޭޝިއަން މެރިޓައިމް އެންފޯސްމަންޓް އެޖެންސީން އިއްޔެ ބުނި ގޮތުގައި، ޕިނޭންގްގެ ކަނޑުގެ ސަރަހައްދުން މި ދެ ޓޭންކަރު ހިފަހައްޓާފައިވަނީ އެއް އުޅަނދުން އަނެއް އުޅަނދަށް ގަވާއިދާ ހިލާފަށް ތެޔޮ ބަދަލުކުރަމުން ދަނިކޮށެވެ. އަތުލައިގަނެވުނު ތެލުގެ އަގު 512 މިލިއަން މެލޭޝިއަން ރިންގިޓް (129.9 މިލިއަން ޑޮލަރު)އަށް ވުރެ މައްޗަށް އަރާނެ ކަމަށް އެ އެޖެންސީން ބުންޏެވެ.
އެ އިދާރާއިން ބުނި ގޮތުގައި، މި އުޅަނދުތައް ހިފަހައްޓާފައިވަނީ މިދިޔަ ހަފުތާގައި މުކާ ހެޑްގެ ހުޅަނގުން 24 ނޯޓިކަލް މައިލް ބޭރުންނެވެ. ނަމަވެސް، އެ ތެލަކީ ކޮން ގައުމަކުން ގެނައި ތެލެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
މެލޭޝިއާގެ ކަނޑުގެ ސަރަހައްދަކީ ތެލުގެ އަސްލު އޮޅުވާލުމަށްޓަކައި އެއް އުޅަނދުން އަނެއް އުޅަނދަށް ސިއްރިއްޔާތުގައި ތެޔޮ ބަދަލުކުރުމުގެ އަމަލުތައް ގިނައިން ހިންގާ ސަރަހައްދެކެވެ.
މެރިޓައިމް ކެޕްޓަން މުހައްމަދު ސުއްފީ މުހައްމަދު ރާމްލީ ވިދާޅުވީ، ބުރާސްފަތި ދުވަހު ދަންވަރު 1 ހާއިރު ލިބުނު ޝަކުވާއަކާ ގުޅިގެން ޕެޓްރޯލް ބޯޓަކުން މި ޓޭންކަރުތައް ބަލައި ފާސްކުރި ކަމަށެވެ.
"އެ ދެ އުޅަނދު އޮތީ އެކަތި އަނެކައްޗާ ކައިރިކޮށްފައި. ބެލެވޭ ގޮތުގައި އެ ވަގުތު ދިޔައީ ތެޔޮ ބަދަލުކުރުމުގެ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 718 މިލިއަން ރިންގިޓްގެ އަގުހުރި މި ދެ ޓޭންކަރުގައި ޗައިނާ، ބަރުމާ، އީރާން، ޕާކިސްތާން އަދި އިންޑިއާއަށް ނިސްބަތްވާ 53 ފަޅުވެރިން ތިއްބެވެ. ދެ އުޅަނދުގެ ކެޕްޓަނުން ހައްޔަރުކޮށް، ޕިނޭންގް ސްޓޭޓްގެ މެރިޓައިމް ތަހުގީގީ އިދާރާއާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
މި އުޅަނދުތަކުގެ މައްސަލަ ބަލަމުންދަނީ ހުއްދަނެތި ބަނދަރުކުރުމާއި އެއް އުޅަނދުން އަނެއް އުޅަނދަށް ގަވާއިދާ ހިލާފަށް ތެޔޮ ބަދަލުކުރުމުގެ ކުށުގަ އެވެ. ހުއްދަނެތި ބަނދަރުކުރުމުގެ އަދަބެއްގެ ގޮތުން 100,000 ރިންގިޓުން ޖޫރިމަނާ ކުރެވޭއިރު، ގަވާއިދާ ހިލާފަށް ތެޔޮ ބަދަލުކުރުމުން ކޮންމެ އުޅަނދަކަށް 200,000 ރިންގިޓްގެ ޖޫރިމަނާއެއް އަތުވެދާނެ ކަމަށް އެ އެޖެންސީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ