ބަޖެޓުގެ 90 އިންސައްތަ އަތްނުލާ، އެކަމަކު މުއްތަލިބް ވިދާޅުވީ މިއިން ޒަމާނަކު ނުހިންގާ ވަރަށް މަޝްރޫއުތައް ކުރިއަށްދާ ކަމަށް
ބޯހިޔާވަހިކަމުގެ 'ރަން ޒަމާނަކަށް' މި އަހަރު އެ ކަމަށް ކަނޑައެޅި ރިކޯޑު ބަޖެޓުގެ 90 އިންސައްތަ ބޭނުންނުކޮށް އަތްނުލާ އޮތް ނަމަވެސް، މިއިން ޒަމާނަކު ނުހިންގާ ވަރަށް އިމާރާތްކުރުމުގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މި އަހަރު 1.8 ބިލިއަން ރުފިޔާ ޚާއްސަކުރިއެވެ. އެކަމަކު، ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކުން އެނގޭ ގޮތުގައި އަހަރު ނިމޭއިރު އެ ބަޖެޓުގެ 90 އިންސައްތަ އޮތީ އަތްނުލައެވެ. ބޭނުންކުރީ އެންމެ 10 އިންސައްތައެވެ. އެހެންވެ، މަޝްރޫއުތައް ނުހިނގާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސުވާލުކުރުމުން ހައުސިން މިނިސްޓަރު މުއްތަލިބް ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ، މަޝްރޫއުތައް ނުހިނގާ ކަމަށް މީހުން ބުނަނީ މާލޭ ސަރަހައްދުގައި މަޝްރޫއުތައް ނުފެންނާތީ ކަމަށާއި އެކަމަކު ރަށްރަށުގައި ގިނަ އަދަދެއްގެ މަޝްރޫއު ކުރިއަށްދާ ކަމަށެވެ. ހައުސިން މިނިސްޓަރު މުއްތަލިބް: އޭނާ ވިދާޅުވީ، މާލޭގައި މަޝްރޫއު ނުހިނގިޔަސް މިއިން ޒަމާނަކު ނުހިނގާ ވަރަށް އިމާރާތްކުރުމުގެ މަޝްރޫއުތައް އެބަ ކުރިއަށްދާ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް "ހަމައެކަނި ތި ބޭފުޅުންނަށް ނުފެންނަނީ މާލޭ ސަރަހައްދުގައި ބޮޑު މަޝްރޫއެއް ފެށިގެން ނުދާތަން. އެހެންނަމަވެސް ރާއްޖޭގައި އެއްވެސް ޒަމާނެއްގައި ރާއްޖޭގެ ރަށްތަކުގައި އިމާރާތްނުކުރާ މިންވަރަށް މި ސަރުކާރުން އިމާރާތްކުރުމުގެ މަސައްކަތް އެބަ ކުރިއަށްގެންދޭ،" މިނިސްޓަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން ވަނީ ތިން މަޝްރޫއެއް މިހާތަނަށް އެއްކޮށް ނިންމާފައެވެ. އިތުރު ބައެއް މަޝްރޫއުތަކުގެ ހިސާބުތައް ވެސް އޭނާ ހިއްސާކުރެއްވިއެވެ. އެއީ: ރަށްރަށުގައި 13 މަޝްރޫއު އެބަ ކުރިއަށްދޭ މި އަހަރު 25 މަޝްރޫއުގައި ސޮއިކުރި ބޭންކުން ޚަރަދުކުރާ 3،000 ހައުސިން ޔުނިޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ އިންޑިއާގެ އެހީގައި އިތުރު 4،000 ޔުނިޓުގެ މަސައްކަތް ފަށާނެ ސައުދީގެ އެހީގައި ވެސް މަޝްރޫއެއް ފަށަން އަންނަނީ ތައްޔާރުވަމުން އޭގެ ތެރެއިން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޚަރަދުކުރާ 3،000 ހައުސިން ޔުނިޓްގެ މަސައްކަތް މި މަހު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހައުސިން ޔުނިޓްތައް އިމާރާތްކުރަނީ، ވިލިމާލޭގައި 300 ހައުސިން ޔުނިޓާއި ބާކީ ބައި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގައެވެ. އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ އެހީގައި ހަދާ 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެ މަސައްކަތަށް އިންޑިއާގެ ޓީމެއް މިހާރު ވެސް ރާއްޖޭގައި އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/214963 މީގެ އިތުރުން، ހިލޭ ބިމާއި އިތުރު އެހީތައް ވެސް ފޯރުކޮށްދީގެން ހެޔޮ އަގުގައި ގަނެވޭނެ ފުލެޓުތަކެއް އެޅުމުގެ މަޝްރޫއެއް ހިންގަން ވެސް ތައްޔާރުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފަދަ 12،000 އެއްހާ ހައުސިން ޔުނިޓް ތަރައްގީކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ތަން ތަރައްގީކުރާނީ ހެޔޮ އަގުގައި ގަނެވޭ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭރުން ސޯޝަލް ހައުސިން އޮތް ބާރު ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ. "މީގެ ކުރިން އެއްވެސް ސަރުކާރަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ހިންގާފައި ނެތް އަދަދަކަށް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ،" ފުރިހަމަ އިތުބާރު އެބައޮތްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.8 ބިލިއަން ޚާއްސަކުރީ މި އަހަރަކީ ބޯހިޔާވަހިކަމުގެ ރަން ޒަމާނަކަށް ހައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމަށް ފަހުގައެވެ. އެކަމަކު، މިހާތަނަށް ޚަރަދުކުރީ އެންމެ 186 މިލިއަން ރުފިޔާއެވެ. އެއީ، މިދިޔަ އަހަރަށްވުރެ ވެސް މާ ބޮޑަށް ދަށް އަދަދެކެވެ. މި އަހަރަށް ފާސްކުރި ބަޖެޓުން މިހާތަނަށް ޚަރަދުކުރީ 38 ބިލިއަން ރުފިޔާއެވެ. ޚަރަދުނުކޮށް 10 ބިލިއަނެއްހާ ރުފިޔާ އެބައޮތެވެ. މިހާތަނަށް ޚަރަދުކޮށްފައިވަނީ ލިބުނު އާމްދަނީއަށްވުރެ އިތުރަށް ދެ ބިލިއަނެއްހާ ރުފިޔާއެވެ. އެހެންވެ، ބަޖެޓުގައި ޖެހި އަދަދަށް ފައިސާ ހޯދަން ދަތިވީ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ