ސަރުކާރުން 165 މިލިއަން ޑޮލަރުގެ ގެރެންޓީއެއް ހޯދަން ސަން ސިޔާމް މަސައްކަތް ކުރަނީ

ސިޔާމް ކުންފުނިން ސަރުކާރުގައި އެދިފައިވަނީ މާލެ އަތޮޅުގައި އޮތް ފަޅެއްގައި 1،500 ކޮޓަރީގެ ރިސޯޓެއް ހަދަން ސަރުކާރުން ސޮވްރިން ގެރެންޓީއެއް ދިނުމަށެވެ. މި މަޝްރޫއަށް ބޭރުން ލޯނު ލިބެން އޮތީ މި ގެރެންޓީ ދީގެންނެވެ.
އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް، ސަން ސިޔާމް މާލެ އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރަން ދިވެހި ސަރުކާރުން 165 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ) ސޮވްރިން ގެރެންޓީއެއް ހޯދަން އެދިއްޖެ އެވެ. 
ސަރުކާރުން ސޮވެރިން ގެރެންޓީ ހޯދަން އެދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވާފައިވާ ސިޓީއެއް ކޮޕީއެއް ވަނީ "މިރާ" އަށް ލިބިފަ އެވެ. ސިޓީ ފޮނުވާފައި ވަނީ މި މަހުގެ 7 ވަނަ ދުވަހުގެ ތާރީހުގަ އެވެ.އެ ސިޓީގައިވާ ލޯނު ނަގާ ސަބަބާއި ލޯނު ނަގާ މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ބުނެދީފައި ވެއެވެ. މި ސިޓީގައިވާ ގޮތުގައި އޭނާ ލޯނު ބޭނުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ސިޔާމަށް ސަރުކާރުން ދިން ސޮވްރިން ގެރެންޓީ އާކޮށް އާ ގެރެންޓީއެއްގެ ގޮތުގަ އެވެ. ސަން ސިޔާމް ސޮއި ކުރައްވައި ފޮނުވާފައިވާ ސިޓީގައިވާ ގޮތުން ސޮވްރިން ގެރެންޓީ ހޯދަން އެދިފައި ވަނީ މާލެ އަތޮޅުގައި ހިންގާ އެމަރަލްޑް ލޭގޫންގައި ރިސޯޓެއް ތަރައްގީ ކުރާށެވެ. މިހާރު ހިއްކައި ނިންމާފައިވާ މި ފަޅު އޮންނަ ކޯޑިނޭޝަންއަކީ 3°49’30.32”N, 73°26’19.37”E އެވެ. 
މި ފަޅަކީ ސަން ޝިޔާމް އޮޅުވެލި ރިސޯޓާއި ރިހިވެލި މޯލްޑިވްސް ރިސޯޓް އޮންނަ ފަޅެވެ. މި ފަޅުގައި ސިޔާމް ހަދަން މަސައްކަތް ކުރަމުން ގެންދަނީ 1،500 ކޮޓަރީގެ ރިސޯޓެވެ. ސިޔާމްގެ އެ ސިޓީގައިވާ ގޮތުގައި ސަރުކާރުން ސޮވްރިން ގެރެންޓީ ހޯދަނީ ޗައިނާގެ ކުންފުންޏަކުން ތަރައްގީ ކުރަން ބޭނުންވާ ފައިސާ ހޯދާށެވެ. މި ލޯނު ނެގެން އަންނަނީ ޗައިނާގެ ބޭންކަކުންނެވެ. ލޯނު ލިބޭނީ ސަރުކާރުން ގެރެންޓީ ދީގެންނެވެ.
ސިޔާމަށް ސަރުކާރުން އަނެއްކާ ވެސް ސޮވެރިން ގެރެންޓީ ދިނީ ތޯ، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުއާ "މިރާ" އިން ސުވާލު ކުރުމުން މިނިސްޓަރު ޝަފީގު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް އަމިއްލަ އެއްވެސް ފަރާތަކަށް ސޮވްރިން ގެރެންޓީ ދީފައި ނުވާނެ ކަމަށެވެ. އިތުރު ތަފުސީލެއް މިނިސްޓަރު ނުދެއްވަ އެވެ. 
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުން ގެރެންޓީ ދީގެން ސަން ސިޔާމްގެ އޭއެސްއެޗް ކުންފުނިން ވަނީ  ނ. ދިގުރަށުގައި އިރުފެން ރިސޯޓް ތަރައްގީ ކުރަން އެގްޒިމް ބޭންކުން ދޫކޮށްފައިވާ 127 މިލިއަން ޑޮލަރުގެ (ދެ ބިލިއަން ރުފިޔާ) ލޯނެއް ނެގި އެވެ. އެ ލޯނު ނެގީ ޑިސެމްބަރު 14، 2017 އިގަ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދު ހީނަރުވި ވަގުތު އެ ކުންފުންޏަށް ލޯނު ދެއްކުން ލަސްވެގެން ދިއުމާ ގުޅިގެން އެ ލޯނުގެ 10 މިލިއަން ޑޮލަރު ޑީފޯޓް ވެގެން ޗައިނާ ބޭންކުން ސަރުކާރަށް އެނގި އެވެ. ނަމަވެސް ފަހުން ސަރުކާރުން އެ މައްސަލައިގެ ތެރެއަށް ވަނެ އެވެ. އަދި އޮގަސްޓް 6، 2020 ގައި ފިނޭންސް މިނިސްޓްރީން ނޫސްބަޔާނެއް ނެރެ ވަނީ އެ ފައިސާ ސިޔާމް ކުންފުނިން ދެއްކިކަން އާއްމުކޮށް އިއުލާނު ކޮށްފަ އެވެ. ސިޔާމަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރެވެ. އަދި އޭނާ ވަނީ މި އަަންނަ މަހުގެ 28 ވަނަ ދުވަހު ހުވާ ކުރައްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް އިންތިހާބުވެ ވަޑައިގެންފަ އެވެ. މިދިއަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ސިޔާމާއި އޭނާގެ ޕާޓީގެ ތާއީދު ދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ނަމަވެސް ދެވަނަ ބުރުގައި އެ ތާއީދު ނަގައި ތާއީދު ކުރީ މިހާރުގެ ރައީސް މުއިއްޒަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ