އައިސީސީގައި ވޯޓު ނުލެވޭ ގައުމުތަައް ތަމްސީލުކުރެއްވުމަށް އަނެއްކާވެސް ފައިސަލް

އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގައި އޭޝިއާ ސަރަހައްދުގެ ނޮން-ވޯޓިން ގައުމުތައް ތަމްސީލުކުރައްވާ ބޭފުޅާގެ މަގާމަށް އިތުރު ދެ އަހަރަށް ރާއްޖޭގެ ކްރިކެޓް ބޯޑުގެ ރައީސް މުޙައްމަދު ފައިސަލް އިންތިޚާބުކުރައްވައިފިއެވެ.
ފައިސަލް އެންމެ ފުރަތަމަ އެ މަގާމަށް އިންތިޚާބުކުރެވީ 2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ ފަހަރު އެ މަގާމަށް ފައިސަލް އިންތިޚާބުކުރެއްވީ އޭޝިއާގެ ނޮން-ވޯޓިން ގައުމުތައް ތަމްސީލުކުރާނެ ފަރާތެއް ނޮމިނޭޓުކުރަން ދިން މުއްދަތުގައި ހަމައެކަނި ފައިސަލްގެ ނަން ލިބުނުއިރު، އޭނާއަށް ހުރިހާ ގައުމެއްގެ ތާއިދު ލިބިފައިވުމުންނެވެ.
އިތުރު ދެ އަހަރަށް ފައިސަލް އެ މަގާމަށް އިންތިޚާބުކުރެއްވުމާއެކު އައިސީސީގައި އޭޝިއާ ސަރަހައްދުގެ ނޮން-ވޯޓިން ގައުމުތައް 2026 ވަނަ އަހަރުގެ ނިޔަލަށް ފައިސަލް ތަމްސީލުކުރައްވާނެއެވެ.
މި މަގާމުގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނަވައި، ފައިސަލް ކުރައްވަން ޖެހޭނެ މަސައްކަތްތަކަކީ ވޯޓު ނުލެވޭ ގައުމުތަކުގެ ފަރާތުން އައިސީސީގެ އެކި ބައްދަލުވުންތަކުގައި ބައިވެރިވުމާއި، އައިސީސީގެ އެކި މަސައްކަތްތަކާ ބެހޭ މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މައުލޫމާތުދޭ ގޮތުގައި މި މަގާމަކީ ދުނިޔޭގެ އެސޯސިއޭޓް ކްރިކެޓް ހަލުވިކަމާއެކު ބަދަލުވަމުންދާ ދަނޑިވަޅެއްގައި، ތަރައްގީވަމުން އަންނަ އެސޯސިއޭޓް ގައުމުތަކުގެ މަސްލަހަތު ކުރިއެރުވުމުގައި ވަރަށް މުހިންމު މަގާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ