މާލެއިން ކަރަންޓް ކެނޑެމުން ދަނީ، ޖަނެރޭޓަރު ސްޕެއަރ ގަތުމަށް ކަމަށް ބުނެ ވައްކަންކޮށް ޖަނެރޭޓަރު މެއިންޓެން ނުކުރާތީ

މާލެއިން ކަރަންޓް ކެނޑެމުން ދަނީ، އިންޖީންތަކުގެ ސްޕެއަރ ގަތުމަށް ކަމަށް ބުނެ ވައްކަންކޮށް އިންޖީންތައް މެއިންޓެން ނުކުރާތީކަން ދިޔަވަރު ނޫހަށް ސްޓެލްކޯ ތެރެއިން މައުލޫމާތު ލިބިއްޖެއެވެ.
ސްޓެލްކޯއިން ކުރާ ވައްކަމުގައި ރައީސް މުއިއްޒުގެ ބައިވެރިވުން އޮތްކަމަކަށް ނުބެލެވެއެވެ. މިކަމުގައި އުޅެނީ ހުސެއިން ފަހުމީ އާއި، ޗެއަރމަން ލަތީފް އާއި، ޑެޕިއުޓީ އެމްޑީ އަޒުވާރުއެވެ. މީގެ އިތުރު ބައެއް ފަރާތްތަކެއްވެސް ވައްކަމުގެ ޑީލްތަކުގައި ދަނީ ބައިވެރި ވަމުންނެވެ.
ކުރިން ސްޕެއަރ ތައް ގެންނަމުންދިޔަ އޯތަރައިޒްޑް ސައްޙަ ސަޕްލަޔަރުން އަތުން ތަކެތި ގަތުން ހުއްޓާލާފައިވަނީ އެފަރާތްތައް މެދުވެރިކޮށް އިންތިހާއަށް ބޮޑު އަދަދުން ކަޓު ނަގަން ދިމާކޮށް އެވަރަށް ކަޓުގެ ގޮތުގައި ފައިސާ ދެވެން ބޭރުގެ އެ ކުންފުނިތަކަށް ނެތިގެންނެވެ.
މިކަމާއި ހުރެ ޖަނެރޭޓަރު ތަކުގެ އަސްލު ސްޕެއަރ ފޯރުކޮށްދޭ ފަރާތްތައް ދޫކޮށް، ކޮޕީ އުފައްދާ ފަރާތްތައް މެދުވެރިކޮށް ކޮޕީ ސްޕެއަރ ތައް ބޮޑުތަނުން ކަޓު ނަގައިގެން ދަނީ ގަންނަމުންނެވެ. އިންޖީންތަކާއި މި ސްޕެއަރ ތައް ގުޅުމުން އިތުރަށް ދަނީ ހަލާކުވަމުން ކަމަށް ސްޓެލްކޯގެ ކަމާއި ގުޅޭ ފަރާތަކުން ހާމަ ކުރިއެވެ.
ސްޕެއަރ ގަތުމުގައި ހިނގަމުންދާ ކޮރަޕްޝަންގެ އަގު މަހެއްގެ މައްޗަށް އެތައް މިލިއަނަކަށް އަރާނެ ކަމަށް ލަފާ ކުރެއެވެ. ރައްޔިތުންގެ ކަރަންޓް ބިލް އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި މި ސަރުކާރުގެ މި އަމަލުތަކުގެ ސަބަބުން މޭލެއާއި، ހުޅުމާލެއިން އެއްކޮށް ކަރަންޓް ކެނޑި ކަރަންޓު ނުލިބި ދުވަސްތަކެއް ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން މައުލޫމާތު ދިން ފަރާތުން ހާމަ ކުރިއެވެ.
މީގެ އިތުރުން ކަޓު ދިނުމުން ނޫން ގޮތަކަށް ބޭރުގެ ބައެއް ފަރާތްތަކަށް ދޭންޖެހޭ ޕޭމަންޓްތައް ނުދީ ހިފަހައްޓަފައި ވުމުން، މުހިންމު ބައެއް އަސްލު ސްޕެއަރ މިހާރު ނުލިބެއެވެ. ފަހުމީގެ ކޮރަޕްޝަން ހުރި މިންވަރުން ކަރަންޓުގެ ކާރިސާއެއް ހިނގައި އެތައް މިލިއަން ރުފިޔާގެ ގެއްލުމެއް އާންމު ރައްޔިތުންނަށް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ