ޣައްޒާއަށް އެއްވެސް ވަރަކަށް ކާބޯތަކެތި އެތެރެނުކުރެވޭ ގޮތް ހަދައިފި

އިޒްރޭލުން ހިފާފައިވާ ޣައްޒާ އެއްކޮށް ބަންދުކޮށް، އެ ސަރަހައްދަށް އެއްވެސް ވަރަކަށް ކާބޯތަކެތި ނުވެއްދޭ ގޮތް އިޒްރޭލުން ހަދައިފިއެވެ. އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން މިއަދު ބުނީ ޣައްޒާއަށް ކާބޯތަކެތީގެ އިތުރުން ތެޔޮ ވެސް އެތެރެ ނުކުރެވޭ ގޮތް ހަދައި، އެ ސަރަހައްދުން ކަރަންޓާއި ފެނުގެ ޚިދުމަތް ވެސް ކަނޑާލާނެ ކަމަށެވެ. "ޣައްޒާ ވަށާލައި، އެއްކޮށް ބަންދުކުރަން އަންގައިފި. [ޣައްޒާއަށް] ކަރަންޓެއް ނުލިބޭނެ، ކާއެއްޗެއް ނުލިބޭނެ، ތެލެއް ނުލިބޭނެ. ހުރިހާ އެއްޗެއް ބަންދުވީ،" ޑިފެންސް މިނިސްޓްރީން ބުންޏެވެ. ޑިމޮކްރެޓިކް އިންތިޚާބަކަށް ފަހު ހަމާސް، ޣައްޒާގެ ވެރިކަމަށް އައި ފަހުން އިޒްރޭލުން އޮންނަނީ އެއްގަމު މަގުންނާއި ކަނޑުގެ މަގުންނާއި ވައިގެ މަގުން ވެސް އެ ސަރަހައްދު ވަށާލައި، މީހުން އެތެރެވުމާއި ބޭރުވުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ. އަދި އެ ސަރަހްދަށް އެތެރެކުރާ ޒަރޫރީ ތަކެއްޗާއި އެހީ ވެސް އެތެރެކުރެވެނީ އިޒްރޭލުގެ ބެލުމުގެ ދަށުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި ޣައްޒާގެ ބޯޑަރުތައް ބަންދުކޮށްފައި ވަނީ އިޒްރޭލުގެ ރައްޔިތުން، ހަމާސްގެ ފަރާތުން ރައްކާތެރިކުރުމަށެވެ. ނަމަވެސް ހަމާސްއަށް ފިޔަވަޅު އެޅުމަށް ޓަކައި، އިޒްރޭލުން ދަނީ ޣައްޒާގެ 2.3 މިލިއަން މީހުންގެ އާބާދީއަށް އަނިޔާ ލިބޭ ގޮތަށް ފިޔަވަޅުތައް އަޅަމުންނެވެ. ރެޑް ކްރޮސް ފަދަ ޖަމިއްޔާތަކުން ވަނީ އިޒްރޭލުން އެ ފިޔަވަޅުތައް އަޅަނީ ޖެނީވާ ކޮންވެންޝަނާއި އެހެނިހެން ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކަމަށް ބުނެފައެވެ. އިޒްރޭލުން ޣައްޒާއަށް އިތުރު ފިޔަވަޅުތައް އަޅާފައި ވަނީ މިިދިޔަ ހޮނިހިރު ހަމާސްއިން ކުއްލި ގޮތަކަށް އެގައުމާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފެށި ފަހުންނެވެ. ފަހުގެ ތާރީޚެއްގައި ހަމާސްއިން ކުރިއަށްގެންދާ އެންމެ ވަރުގަދަ އޮޕަރޭޝަންގެ ގޮތުގައި ސިފަކޮށްފައިވާ އެ ހަމަލާތަކާއެކު އިޒްރޭލުން ވަނީ ހަނގުރާމަ އިއުލާންކޮށްފައެވެ. ހަމާސްއިން އިޒްރޭލަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 800އަށް ވުރެ ގިނަ މީހުން މަރުވެ، 2،200އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އަދި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި 570އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 2،900އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. މި ދެ ފަރާތުގެ ހަމަލާތައް ހުއްޓުވުމަށް ޓަކައި ގަތަރުން މެދުވެރިވެގެން، އިޒްރޭލާއި ހަމާސްގެ އޮފިޝަލުންނާ ވާހަކަދައްކަމުންދާ ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ