ކަރެކްޝަންސްގެ އޭސީޕީއަށް ވަޒީފާދޭން ހުކުމްކޮށްފި

ޕްރިޒަންސް ކްލަބުގެ ފައިސާއަށް ހިޔާނަތްތެރިވީ ކަމަށް ތުހުމަތުކޮށް، ސަސްޕެންޝަންގައި ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓުމަށް ފަހު، ވަޒީފާއިން ވަކިކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު އާސިފަށް އަލުން އެ ވަޒީފާ ދޭން ކޯޓުން ހުކުމްކޮށްފިއެވެ. ކަރެކްޝަންސްގެ ޕްރިޒަންސް ކްލަބުގެ ފައިސާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލާގެ ތުހުމަތުގައި ކަރެކްޝަންސްގެ އޭސީޕީ އާސިފް ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު، ވަކިކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އޭނާއަށް އަލުން ވަޒީފާ ދޭން، ހުކުމް ކުރީ ސިވިލް ކޯޓުންނެވެ. އާސިފް ސަސްޕެންޑު ކުރީ، އާސިފް އިސްކޮށް ހުންނަވާ ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ އެކިއެކި އެކައުންޓުތަކަށް ޖަމާކުރި މައްސަލައެއްގައެވެ. އެކަން މީޑިއާގައި ރިޕޯޓް ކުރުމުން، އާސިފް ސަސްޕެންޑްކޮށް ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓުމަށް ފަހު ވަޒީފާއިން ވަކިކުރުމުން، އޭނާ ދިޔައީ ކޯޓަށެވެ. މައްސަލަ ކޯޓަށް ހުށަހެޅުމުން، މައްސަލަ ނިމެންދެން، އެ މަގާމަށް އިތުރު މީހަކު މީހަކު ނެގުން ކޯޓުން އޮތީވެސް ހުއްޓުވާފައެވެ. ސިވިލް ކޯޓުގެ އިސްގާޒީ މަރިޔަމް ވަހީދު ކަރެކްޝަންސްގެ މައްޗަށް އަމުރުކުރެއްވީ، އާސިފް އަދާކުރެއްވި އެސިސްޓަންޓް ކޮމިޝަނަރުގެ މަގާމަށް މުވައްޒަފަކު ނެގުން މަޑުޖައްސާލައި، މުވައްޒަފެއް ނަގަން މަސައްކަތްކުރާ ނަމަ އެކަން ކުރުން ހުއްޓާލުމަށެވެ. އެހެން އެކަން އޮތުމަށް ފަހު، ސިވިލް ކޯޓުން ކުރި ހުކުމްގައި ކަނޑައެޅީ އާސިފު މަގާމުން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. އެހެންވެ، އޭނާ އެ މަގާމަށް އަލުން އައްޔަންކޮށް، މަގާމުން ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރަ ދޭން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް އަމުރުކުރިއެވެ. މި މައްސަލައިގައި އާސިފްގެ ފަރާތުން އެދިފައިވަނީވެސް އޭނާ ވަޒީފާއިން ވަކިކުރީ ބަލަން ޖެހޭ ކަންކަން ނުބަލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަން ޖެހޭ އަދުލުވެރިކަން ގާއިމްކުރުމެއް ނެތި ކަމަށާއި އެހެންވެ، އޭނާ ވަޒީފާއިން ވަކިކުރަން ކަރެކްޝަނުން ނިންމި ނިންމުން ބާތިލްކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ