ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ރާއްޖޭގެ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ރަށެއްގައި، ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިކަން ހާމަކޮށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސައުތު ޕޮލިސް ޑިވިޝަން (ގއ.، ގދ.، އައްޑޫ ސިޓީ އަދި ފުވައްމުލަށް) ގައި ހިމެނޭ އަތޮޅެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް މި މަހުގެ 12 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިކަން ކޮށްފައިވަނީ އިތުބާރުހުރި މަގާމެއްގައި ހުރި މީހެއް ކަމަށާއި، އެކަމުގެ ތުހުމަތުގައި 13 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް އަދި އެމީހާގެ ބަންދަށް ކޯޓުން 30 ދުވަސް ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
އިތުބާރުހުރި މަސްދަރުތަކާ ހަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، އަނިޔާ ލިބުނު ކުޑަކުއްޖާގެ ދޮންބައްޕައެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެފައިވާއިރު، މި މަހުގެ 22 ވަނަ ދުވަހުގެރޭ، ހަމަ އެ ރީޖަންގެ ރަށެއްގައި 11 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާ ކޮށްފައިވާ މައްސަލައެއް ވެސް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 63 އަހަރުގެ ފިރިހެނަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާއިރު، 25 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ހައްޔަރުކޮށްފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި 25 އަހަރުގެ މީހާއަކީ، އަނިޔާ ލިބުނު ކުއްޖާގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.
މި މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
އެއް ސަރަހައްދެއްގައި، ބެލެވޭ ގޮތުގައި އެއް ރަށެއްގައި މި ދެ ހާދިސާ ހިނގާފައިވާއިރު، މި އަހަރު ފެށުނުފަހުން މިފަދަ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފެބްރުއަރީ މަހާއި ޖެނުއަރީ މަހުގެ ތެރޭގައި ވެސް މިފަދަ މައްސަލަތަކެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ޢަމަލުތައް އިތުރުވަމުންދާއިރު ބެލެނިވެރިންނާއި ކަމާބެހޭ ޢިދާރާތަކުން މިފަދަ ކަންތައްތަކަށް އިތުރަށް ސަމާލުކަންދީ އެކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް މަސައްކަތްކުރަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ